17 Nov 2013, 16:55
އާ ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބުވެފައިވާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އެމެރިކާ އިން މަރުހަބާ ކިޔައިފި އެވެ.
އެމެރިކާގެ އެންބަސީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖެ އާއި އެމެރިކާއަކީ އެކުވެރި ކަމުގެ ގުޅުންތަކުގެ ދިގު ތާރީހެއް ހިއްސާކޮށްފައިވާ ދެ ގައުމު ކަމަށާއި އެ ގުޅުން އަލަށް އިންތިހާބުވި ސަރުކާރާ އެކީގައި ވެސް ކުރިއަށް ގެންދިއުމަށް އުއްމީދު ކުރައްވާ ކަމަށެވެ.
"ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އިންތިހާބުވެ ފައިވާ އަބްދުﷲ ޔާމީނަށް އެމެރިކާ އެމްބަސީގެ އިހްލާސްތެރި ތަހުނިޔާ އަރިސްކުރަން. ރާއްޖެ އާއި އެމެރިކާއަކީ އެކުވެރި ކަމުގެ ގުޅުންތަކުގެ ދިގު ތާރީހެއް ހިއްސާކޮށްފައިވާ ދެ ޤައުމެއްވެފައި، މިއެކުވެރި ގުޅުން އައު ރައީސާއި ސަރުކާރާ އެކު ކުރިއަށް ގެންދިއުމަށް އުންމީދުކުރަން،" އެބަޔާނުގައި ބުނެފައިވެ އެވެ.
އަދި އިއްޔެ ބޭއްވުނު ވޯޓުލުމުގައި ގިނަ ރައްޔިތުންތަކެއް ބައިވެރިވުމުން އެކަމުން ދިމިގްރާތީ އިޖްރާއަތާއި ދިމިގްރާތީ އުސޫލުތަކަށް ދިވެހީން ބަލައިގެންފައިވާ މިންވަރު ހާމަވެގެން ގޮސްފައިވާ ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އިންޑިއާ އިން ވެސް ވަނީ މިއަދު އިންތިހާބުވި ރައީސް ޔާމީނަށް މަރުހަބާ ދަންނަވާ ނޫސް ބަޔާނެއް ނެރުއްވާފަ އެވެ. އެގޮތުން އެ ބަޔާނުގައި ސިޔާސީ ހުރިހާ ފަރާތްތަކުން ވެސް އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް ގައުމައިގެން ކުރިއަށް، އަމާންކަމާއި ސުލްހަވެރިކަމާ އެކު ދިއުމަށް ގޮވާލަމުންދާ ގޮވާލުންތަކަށް އެގައުމުން މަރުހަބާ ކިޔާ ކަމަށް ބުނެފައިވެ އެވެ.