ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް އަވަސް ފިޔަވަޅުތަކެއް އަޅުއްވަން މިހާރުން މިހާރަށް ފައްޓަވާނެ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިއަދު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމަށް ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ހާއްސަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ގައުމާ މުހާތަބްކުރައްވައި ދެއްވި ފުރަތަމަ ތަގުރީރުގައި ޔާމީން ވިދާޅުވީ ދައުލަތުގެ ބަޖެޓުގެ ހަރަދުތައް އަތްނުފޯރާ ފަށަށް މައްޗަށް ގޮސްފައިވާ ކަމަށާއި އެކަން ހައްލުކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަލުއްވަވާނެ ކަމަށެވެ.

"ދައުލަތުގެ ބަޖެޓުގެ ހަރަދުތައް މިވަނީ އިންތިހާ އަށް މައްޗަށް ގޮސްފައި. އެހެން ކަމުން ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށް މިއަދު މިވަނީ ވަރަށް ބޮޑު އިސްކަމެއް ދޭން ޖެހިފައި. ދައުލަތުގެ ބަޖެޓުގެ ހަރަދުތައް ކުޑަކުރުމަށް ހާއްސަ މަސައްކަތްތަކެއް އަޅުގަނޑު ވަރަށް އަވަހަށް ފަށާނެ ވާހަކަ ދަންނަވަން." ޔާމީން ވިދާޅުވި އެވެ.

ރައީސް ޔާމީން ވިދާޅުވީ އިގުތިސާދީ ގޮތުން ރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ ދައުލަތުގެ އިގުތިސާދީ ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަވައިގެން، އިގުތިސާދުގެ މައި ތަނބުތައް ވަރުގަދަކޮށްގެން ކަމަށެވެ.

"އިގުތިސާދީ ގޮތުން ރާއްޖެ އަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކުން އަރައިގަނެވޭނީ އިގުތިސާދީ ސިޔާސަތުތަކަށް ވަރަށް ބޮޑެތި ބަދަލުތަކެއް ގެނެސްގެން. ރާއްޖޭގެ އިގުތިސާދީ މައި ތަނބުތައް ވަރުގަދަކުރެވިގެން. އިގުތިސާދު ހަރުދަނާކުރުމަށްޓަކައި އަޅަން ޖެހޭ ފިޔަވަޅުތައް މިހާރުން މިހާރަށް އަޅަން ޖެހޭ،" ރައީސް ވިދާޅުވި އެވެ.

އިގުތިސާދު ހަމައަކަށް އަޅުވާ، ބަޖެޓުގެ ހަރަދުކުޑަކުރަން އަޅުއްވަވާނެ ހުރިހާ ފިޔަވަޅުތަކެއް ހާމަނުކުރެއްވި ނަމަވެސް، އެއް ފިޔަވަޅެއްގެ ގޮތުގައި ސަރުކާރުގެ ހަރަދުތައް ކުޑަކޮށް، ތައުލީމީ ގާބިލު ބޭފުޅުން ސަރުކާރަށް ގެންނަވާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު އެކުލަވާލާ ސަރުކާރަކީ ހަރަދުކުޑަ ސަރުކާރަކަށް ވާނެ. އަދި ސަރުކާރު އެކުލަވާލާ އިރު އިއްތިހާދުވެފައިވާ ޕާޓީތަކާއި މަޝްވަރާކޮށްގެން ދިވެހި ރައްޔިތުންނަށާއި ދިވެހި ގައުމަށް އެންމެ ފައިދާ ހުރި ގޮތްތަކަކަށް ވިސްނައިގެން، މަގާމުތަކަށް ގާބިލް ބޭފުޅުން ހަމަޖައްސަމުންގެންދާނެ ވާހަކަ ދަންނަވަން،" ޔާމީން ވިދާޅުވި އެވެ.

މީގެ އިތުރުން ރައީސް ޔާމީން ވިދާޅުވީ އިގުތިސާދު ހަމައަކަށް އެޅުވުމުގައި ޒުވާނުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި ގައުމު ބިނާކުރުމުގެ ފުރުސަތު ޒުވާނުންނަށް ދީ، ޒުވާނުންނަކީ ގައުމަށް ލާބަ ހުރި ބައެއްގެ ގޮތުގައި ދެކިގެން، ކުރިއަށް ގެންދަވާނެ ކަމަށެވެ.

"ގައުމު ކުރިއަށް ގެންދިއުމުގައި ޒުވާނުންނަކީ ގާބިލު ހަރަކާތްތެރި ބަޔަކަށް ހަދައިގެން. ޒުވާނުންނަށް އިތުބާރުކޮށްގެން. ޒުވާނުންނަށް ފުރުސަތު ތަނަވަސްކޮށްދީގެން. ތައުލީމީ ފުރުސަތުތައް ފުޅާކޮށް، ގައުމު ބިނާކުރުމުގެ ފުރުސަތު ޒުވާނުންނަށް ދީގެން. އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ފަސް އަހަރު އަޅުގަނޑު މަސައްކަތްކުރަމުން ގެންދާނީ މިދެންނެވި ގޮތުގެ މަތިން ރާއްޖޭގެ ޒުވާނުންނަކީ ގައުމަށް ފައިދާ ހުރި މަސައްކަތްތަކެއް ކުރާ އުފެއްދުންތެރި ބައެއްގެ ގޮތުގައި ދެކިގެން." ޔާމީން ވިދާޅުވި އެވެ.

ވެރިކަމަށް އައުމަށްޓަކައި ކެމްޕެއިން ކުރެއްވި އިރު ވެސް، ޔާމީންގެ މެނިފެސްޓޯގެ އެންމެ ބޮޑު ބަޔަކީ އިގުތިސާދީ ގޮތުން ފުދުންތެރިކަން އިތުރުކޮށް، ބަޖެޓްގެ ހަރަދުތައް ކުޑަކުރުމަށް ބާރު އަޅާ ގިނަ ކަންތައްތަކެއް އެކުލެވުނު މެނިފެސްޓޯއެކެވެ. ހަމަ އެއާ އެކު، ޔާމީން ވަނީ އޭރު ވެސް އިގުތިސާދީ ސިޔާސަތުތައް ބަދަލުކޮށް، ޒުވާނުންނަށް ފުރުސަތުތައް ހުޅުވާލަދޭނެ ކަމަށް ވިދާޅުވެ، ތަފާތު ވައުދުތައް ވެވަޑައިގެންފަ އެވެ.