05 Dec 2010, 07:48
ޑީއާރުޕީގެ ތެރޭގައި ބައިބައިވުން އުފެއްދުމުގެ ގޮތުން އެޕާޓީގެ ބައެއް މެންބަރުންގެ ނަމުގައި ތަފާތު އެސްއެމްއެސްތައް ފޮނުވަމުންދާ ކަމަށް ބުނެ އެމައްސަލަ ބަލައިދިނުމަށް އެދި ޑީއާރުޕީން ފުލުހުންނަށް ހުށަހަޅައިފި އެވެ.
ޑީއާރުޕީން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އެ އެސްއެމްއެސްތައް ފޮނުވަމުންދަނީ ޑީއާރުޕީގެ ލީޑާޝިޕްގައި ހިމެނިވަޑައިގަންނަވާ ބައެއް ބޭފުޅުންގެ ނަމުގަޔާ އަދި ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ އެކި ބޭފުޅުންގެ ނަމުގައި ކަމަށެވެ.
ޑީއާރުޕީގެ ޑެޕިއުޓީ ލީޑަރު ( މަވޯޓާ ) އިބްރާހިމް ޝަރީފް ސަން އޮންލައިނަށް މައުލޫމާތު ދެއްވަމުން މިއަދު ވިދާޅުވީ އެޕާޓީގެ އެކިއެކި ބޭފުޅުންގެ ނަންމުގައި ފޮނުވަމުންދާ އެ އެސްއެމްއެސްތަކަކީ ޕާޓީ ބައިބައި ކުރުމަށާއި ފިތުނަ ފަސާދު އުފެއްދުމަށް ފޮނުވަމުން ގެންދާ އެސްއެމްއެސްތަކެއް ކަމަށެވެ.
"އެކަމެއް ކުރާ ބައެއްގެ ބޭނުމަކީ ޕާޓީ ބައިބައި ކުރުން. ތަފާތު އެކި ގޮތް ގޮތަށް މެސެޖުތައް ފޮނުވާފައި ހުރޭ،" ޝަރީފް ވިދާޅުވި އެވެ.
ޑީއާރުޕީން ބުނީ އެ އެސްއެމްއެސްތައް ފޮނުވަމުންދާ ފަރާތްތަކުން އެކަން ކުރަމުން ގެންދަނީ ކޮމްޕިއުޓަރު ސޮފްޓްވެއާއެއް ބޭނުންކޮށްގެން ޕާޓީގެ އެކި ބޭފުޅުންގެ ފޯނުން ފޮނުވާ އެސްއެމްއެސްތަކެއްގެ ގޮތުގައި އެ ބޭފުޅުންގެ ފޯނު ނަންބަރު ވެސް އަރާގޮތަށް ކަމަށެވެ.
މިފަދަ އެސްއެމްއެސްތަކަކީ އެއޭގައި އެއްވެސް އަސްލެއްނެތް ހަޤީޤަތާ ޚިލާފަށް ބަޔަކު މީހުން ފޮނުވަމުން ގެންދާ އެސްއެމްއެސް ތަކަކަށް ވާތީ، ޑީއާރުޕީގެ މެންބަރުން އެކަމަށް ސަމާލުވުމަށް ވެސް އެޕާޓީން ވަނީ އިލްތިމާސްކޮށްފަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ސަބް އިންޕެކްޓަރު އޮފް ޕޮލީސް އަހުމަދު ޝިޔާމް މިއަދު ވިދާޅުވީ ޑީއާރުޕީގެ މެންބަރުންގެ ނަންމުގައި އެސްއެމްއެސްތަކެއް ފޮނުވަމުން ގެންދާ ކަމަށް ބުނާ މައްސަލައެއް އިއްޔެ ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި އެމައްސަލަ މިހާރު ތަހްޤީޤްކުރަމުން އަންނަ ކަމަށެވެ.