ގައުމީ ފުޓްބޯޅަ ޓީމުގެ ހުސްވެފައިވާ މެނޭޖަރު ކަމުގެ މަގާމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އަޙްމަދު މަހްލޫފު (މަހޭ) ހަމަ ޖައްސަން ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން މަޝްވަރާކުރަމުންދާކަން ސަންއަށް ކަށަވަރުވެއްޖެ އެވެ.

މަހޭއަކީ ކުރިން ގައުމީ ޓީމުގެ 16 އަހަރުން ދަށާއި 19 އަހަރުން ދަށާއި އަދި 23 އަހަރުން ދަށުގެ ޓީމަށާއި ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އަދި ކްލަބް ވެލެންސިޔާއަށް ވެސް ކުޅެފައިވާ، ކުޅިވަރުގެ ދާއިރާގައި ހިންގުންތެރި ޒުވާނުންނާ ގުޅިގެން މަސައްކަތްކުރަށްވާ ފަރާތެކެވެ.

އެފްއޭއެމް ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެހުރި އެ އިދާރާގެ ރެފްރީޒް ޑައިރެކްޓަރ އިސްމާއީލް އިޒްހާން "ސަން"އަށް ވިދާޅުވީ ގައުމީ ޓީމަށް މެނޭޖަރެއް ހަމަޖެއްސުމަށްޓަކައި އެފްއޭއެމްގެ އެކްސްކޯގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރެވިފައިވާ ކަމަށާއި އަދި ދެތިން ދުވަހެއްގެ ތެރޭގައި މެނޭޖަރަކު ހަމަޖައްސާނޭ ކަމަށެވެ.

"އެފްއޭއެމްގެ ބޯޑުގައި މިވަނީ މަޝްވަރާ ކުރެވިފައި، ގައުމީ ޓީމަށް ކޯޗަކު ހަމަޖެއްސުމާ ބެހޭގޮތުން. އަދި ތިން ހަތަރު ބޭފުޅެއްގެ ނަން ޝޯޓްލިސްޓް ކުރެވިފައި މި ވަނީ،" އިޒްހާން ވިދާޅުވި އެވެ. "އަޅުގަނޑުމެން މި ބަލަނީ ކުރިއަށް އޮތް ދެތިން ދުވަހެއްގެ ތެރޭގައި ގައުމީޓީމުގެ މެނޭޖަރު ކަމުގެ މަގާމަށް ބޭފުޅަކު ހަމަޖެއްސޭތޯ،"

މަހޭ މިއަދު ސަން އަށް ވިދާޅުވީ، ގައުމީޓީމުގެ މެނޭޖަރު ކަމަށް އޭނާ ހަމަޖައްސަވާފައިވާކަން އަދި ރަސްމީކޮށް އެނގިވަޑައިގެންފައި ނުވާ ކަމަށާއި އެހެން ނަމަވެސް އެފަދަ ވާހަކައެއް އަޑުވިފައިވާ ކަމަށެވެ.

"ރަސްމީކޮށް އަދި އަޅުގަނޑަށް ތިކަން އަންގާފައެއް ނުވޭ. އެކަމަކު އަޅުގަނޑަށް ތިކަހަލަ ވާހަކައެއް އޮތީ އަޑުއިވިފައި،" މަހޭ ވިދާޅުވި އެވެ.

އެފްއޭއެމްގެ ޑައިރެކްޓަރ އޮފް ނޭޝަނަލްޓީމް އަލީ ސުޒޭންއާ އެކަމާގުޅޭ ގޮތުން ސަންއިން ސުވާލުކުރުމުން ވިދާޅުވީ ރަސްމީކޮށް އެކަމާ ބެހޭގޮތުން އެއްޗެއް ވިދާޅުވާން މިވަގުތު ދަތިފުޅު ކަމަށެވެ.

"އަޅުގަނޑުމެން މިވަގުތު ވަރަށް ބިޒީކޮށް މިއުޅެނީ މިއަދު ހަވީރު ޓާފްދަނޑުގައި ފަށާ ފެސްޓިވަލަށް ތައްޔާރުވުމަށްޓަކައި. ތިކަހަލަ ކަންތައްތަކެއް ވެސް ކުރިއަށް ދާނެހެން ހީވަނީ،" ސުޒޭން ވިދާޅުވި އެވެ.

މިއަހަރުގެ ސާފް ޗެމްޕިއަންޝިޕަށް ނޭޕާލަށް ގައުމީ ޓީމް ފުރަން އެންމެ ދުވަހަކަށް ވެފައި ވަނިކޮށް ޓީމުގެ މެނޭޖަރު ކަމުގެ މަގާމުގައި ކުރިން ހުރި އިބްރާހީމް އާމިރު (ސަލްސާ އާމިރު) އެމަގާމުން އިސްތިއުފާ ދެއްވީ، ގައުމީ ޓީމުގެ ކުޅުންތެރިން ތަކެއްގެ އަޚްލާގީ މައްސަލައެއްގައި އޭނާގެ ނިންމެވުމާއި އެފްއޭއެމްގެ ނިންމުމާ ހިލާފުވުމުން އެކަމާ ހިތްހަމަ ޖެހިވަޑައި ނުގަތުމުންނެވެ.