17 Nov 2013, 15:55
ކޮލަންބޯ (ނޮވެމްބަރު 17): ސްރީލަންކާގައި ބޭއްވި ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓް މިއަދު ހެނދުނު ނިންމާލައިފި އެވެ.
ސަމިޓް ނިންމާލުމުގެ ގޮތުން ނެރުނު ގުޅިފައިވާ ބަޔާނުގައި ކޮމަންވެލްތުގެ ގައުމުތަކަށް ކުރިމަތިވެފައިވާ އިޤްތިސާދީ މައްސަލަތައް ޙައްލުކުރުމާއި ސާސްކަފް ލަނޑުދަނޑިތައް ހާސިލްކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ކުރިމަތިލުމުގައި އެޖަމާއަތުގެ ގައުމުތައް ގުޅިގެން މަސައްކަތްކުރާނެ ކަމަށް ބުނެފައިވެ އެވެ. ތިން ދުވަހުގެ މުއްދަތަށް ސްރީލަންކާގައި ކުރިޔަށް ދިޔަ މިސަމިޓްގައި ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު އެގައުމުގެ ސިފައިން ތަމަޅަ އާންމުންނާ ދެކޮޅަށް ހިންގި ކަމަށް ތުހުމަތުކުރެވޭ ހަނގުރާމައިގެ ޖަރީމާތަކުގެ މައްސަލާގައި އިނގިރޭސިވިލާތް ފަދަ ބައެއް ގައުމުތަކުގެ ފިއްތުންތައް ކުރިމަތިވެ ކެނެޑާއާއި އިންޑިޔާ އާއި މޮރިޝަސްގެ ބޮޑުވަޒީރުން ސަމިޓް ބޮއިކަޓް ކުރެއްވި އެވެ. މިއާއެކު ކޮމަންވެލްތު ގައުމުތަކުގެ 54 ވެރިންގެ ތެރެއިން ކޮލަންބޯ ސަމިޓްގައި ބައިވެރިވެވަޑައިގެންނެވީ 27 ގައުމުގެ އެންމެ އިސްވެރިންނެވެ.
ނަމަވެސް ސްރީލަންކާގެ އިންސާނީ ހައްގުތަކުގެ މައްސަލަ ސަމިޓްގެ އެޖެންޑާއަށް ގެނައުމަށް އެފަރާތްތަކުން ކުރިމަސައްކަތްތައް ނާކާމިޔާބުވެ އާދައިގެ މަތިން ސަމިޓްކުރިޔަށް ގެންގޮސް ނިންމާލުމުގައި ސްރީލަންކާ ސަރުކާރު ވަނީ ބޮޑު ކާމިޔާބީއެއް ހޯދާފަ އެވެ. މިފަދަ އެތަށް ދެބަސްވުންތަކަކާ އެކުވެސް ކޮމަންވެލްތު ގައުމުތަކުގެ އިސްވެރިންގެ ސަމިޓް މިއަދު ނިންމާލާފައި ވަނީ މެންބަރު ގައުމުތަކުގެ މެދުގައި އެއްބައިވަންތަކަން ގާއިމް ކުރުމަށް ގޮވާލަމުންނެވެ. މިގޮތުން 54 ގައުމު ހިމެނޭ ކޮމަންވެލްތުގައި އުފެދިފައިވާ ބައިބައިވުންތަކާއެކުވެސްސަމިޓްގައި އަރާރުންތައް އެއްފަރާތްކުރެވި އެކަތި ގަނޑެއްގެ ގޮތުގައި ފެނިގެން ދިޔަކަމަށް މުރާސިލުން ސިފަކުރެ އެވެ.
މިސަމިޓްގެ އަރިމަތީގައި ސްރީލަންކާގެ ރައީސް ރާޖަޕަކްސަ އާއި އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އާ ދެމެދު ވަނީ ތަމަޅައިންގެ އިންސާނީ ހައްޤުތަކުގެ މައްސަލާގައި ބަހުގެ ޙަމަލާތަކެއް ވެސް ބަދަލު ވެގެންގޮސްފަ އެވެ. ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެދުވަސްވަރު އެގައުމުގެ ސިފައިން ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭހަނގުރާމައިގެ ޖަޒީމާތައްތަހްގީގު ކުރުމަށް މަޖްބޫރުކުރާ އުސޫލުން ކެމެރޮން ވާހަކަ ދެއްކެވުމުން ރާޖަޕަކްސަ ވަނީ ތަހްގީގެއް ހިންގުމަށް ސްރީލަންކާ އަށްމަޖްބޫރު ނުކުރެވޭނެ ކަމަށް ވިދާޅުވެ ކެމެރޮންއަށް ގޮންޖައްސަވާފަ އެވެ.
އަދި އިނގިރޭސީންނަކީ އެހެންގައުމުތަކުގެ އިންސާނީ ހައްޤުތަކަށް ފާޑުކިޔޭ ހާލަތުގައި ތިބި ބައެއްނޫން ކަމަށް ވެސް ރާޖަޕަކްސަ ވިދާޅުވި އެވެ. އަދި ސްރީލަންކާގެ ދާޚިލީ ކަންކަމުގެ ތެރެއަށް އަތްނުބާނައިސްރީލަންކާ އަށް އިހްތިރާމް ކުރުމަށާއި ކަންކަން ކުރުމަށް މަޖްބޫރުކޮށް ސުންގަނޑުކަނޑައެޅުމުގެ ފުރްސަތު ސްރީލަންކާއިން ނުދޭނެ ކަމަށް ވެސް ކެމެރޮން އަށް ރައްދު ދެއްވަމުން ރާޖަޕަކްސަ ވިދާޅުވެފައިވެ އެވެ. އަދި ސްރީލަންކާއަށް ފިއްތުންތައް ކުރިމަތިކޮށްގެން އެއްވެސް ކަމެއް ނުވާނެ ކަމުގެ އިންޒާރުވެސް ރާޖަޕަކްސަ ވަނީ ދެއްވާފަ އެވެ. (ނޫސްއެޖެންސީތައް)