މޮސްކޯ (ނޮވެމްބަރު 17): އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރުމަށް ޓަކައި އެގައުމާއި ދުނިޔޭގެ ބޮޑެތި ބާރުތަކާއި ދެމެދު މިހަފްތާގެ ފަހުކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ ދެވަނަ ބުރުގެ ވާހަކަތައް ކާމިޔާބުވެ އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ އުންމީދު ބޮޑުވެއްޖެ ކަމަށް ވިދާޅުވެ ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް ވާހަކަ ދައްކަވައިފި އެވެ.

ރަޝިޔާގެ "ޓީވީޓީ" ނެޓްވާކަށް ދެއްވި ބަސްދީގަތުމެއްގައި ލާވްރޯވް ވިދާޅުވީ މިމަހުގެ ވިހިވަނަ ދުވަހު ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވާހަކަތަކުގައި އީރާނުގެ ނިއުކްލިޔާ މައްސަލަ ޙައްލުކުރާނެ ގޮތަކާމެދު އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާދެ މެދު އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ޔަގީންކަން އިތުރުވަމުންދާ ކަމުގަ އެވެ.

ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ވާހަކަތަކަށް ބެލުމެއް ނެތި ޔޫރަޕްގެ އިއްތިޙާދުން އީރާނާ ދެކޮޅަށް އިއްޔެ އެޅި ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކަށް އިޝާރާތް ކުރައްވަމުން ލާވްރޯވް ވިދާޅުވީ މިވާހަކަތަކުން ނަތީޖާ ނެރުމަށް ހުރަސްއެޅޭ ފަދަ އަމަލެއް އެއްވެސް ފަރާތަކުން ހިންގައިގެން ނުވާނެކަމަށާ މިއީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމުގަ އެވެ. ޔޫރަޕްގެ އިއްތިޙާދުން ވަނީ އީރާނުގެ އިތުރު 7 ބޭންކަކާއި އެގައުމުގެ ނިއުކްލިޔާ ޕްރޮގްރާމާ ގުޅުން ހުރި ފަރާތަކާ ދެކޮޅަށް މާލީ ގޮތުން ދަތިކުރުމުގެ އިތުރު ފިޔަވަޅުތަކެއް އެޅިކަން އިއްޔެ އިޢްލާންކޮށްފަ އެވެ.

ނަން ހާމަކުރައްވަން ނޭދޭ އެމެރިކާގެ އިސްމަސްއޫލުވެރިއަކު ވެސް ވަނީ މިމަހުގެ ވިހިވަނަ ދުވަހު ޖެނީވާގައި ބޭއްވުމަށް ހަމަޖެހިފައިވާ ނިއުކްލިޔާ ވާހަކަތަކުގައި އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު އެއްބަސްވުމަކަށް އާދެވޭނެ ކަމުގެ ވަރަށް ބޮޑު އުންމީދެއް އޮތް ކަމަށް ވިދާޅުވެ އިއްޔެ ވާހަކަ ދައްކަވާފަ އެވެ. މިދިޔަ ހަފްތާގައި އީރާނާއި ދުނިޔޭގެ ބޮޑެތި ބާރުތަކާ ދެމެދު ޖެނީވާގައި ބޭއްވި ވާހަކަތައް ވަނީ އެއްބަސްވުމަކަށް ނާދެވި ނާކާމިޔާބުވެފަ އެވެ.

މިވާހަކަތައް ނާކާމިޔާބުވީ އިސްރާއީލަށް ވަކާލާތުކޮށްދޭ އެމެރިކާގެ ޔަހޫދީ ޒަޔަނިސްޓް ހަރުކަށި ލޮބީ ގްރޫޕްތަކާއި ކޮންގްރެސްގައި ތިއްބަވާ އިސްރާއީލަށް ތާއީދުކުރައްވާ ހަރުކަށި ޚިޔާލުގެ މެންބަރުން ރައީސް ބަރަކް އޮބާމާގެ ސަރުކާރަށް ކުރިމަތިކުރި ފިއްތުން ތަކުގެ ސަބަބުން ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ. (ނޫސްއެޖެންސީތައް)