ކޮލަންބޯ (ނޮވެމްބަރު 17): ބިއްލޫރި ގެތަކުގައި އުޅޭ މީހުން އެހެން މީހުންނާ ދިމާއަށް ގާއުކައިގެން ނުވާނެ ކަމަށް ވިދާޅުވެ ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސަ އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އަށާއި އިނގިރޭސީން ގެންގުޅޭ މުނާފިގު ގޮތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

ސްރީލަންކާގެ ވެރިރަށް ކޮލަންބޯގައި ކުރިޔަށްދާ ކޮމަންވެލްތުގެ އިސްވެރިންގެ ސަމިޓްގައިރާޖަޕަކްސަ އިނގިރޭސި ބޮޑުވަޒީރު ކެމެރޮން އަށް ފާޑުވިދާޅުވީ 2009 ވަނަ އަހަރު ނިމުނު ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްތަކުގައި އެގައުމުގެ ސިފައިން ތަމަޅަ ޢާންމުންނާ ދެކޮޅަށް ހިނގި ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ޖަރީމާތައް މިނިވަން ގޮތެއްގައި ތަހްޤީޤު ކުރުމަށް އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރަން ގޮވާލެއްވި ގޮވާލެއްވުމަށް ގޮންޖައްސަވައި ވަރަށް ކޯފާވެގެން ވާހަކަ ދައްކަވަމުންނެވެ.

އިނގިރޭސި ބޮޑުވަޒީރަށް ރައްދު ދެއްވަމުން ސްރީލަންކާގެ ރައީސް ވަނީ އިނގިރޭސިވިލާތަކީ އެހެންގައުމުތަކުން ހިންގާކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ޖަރީމާތަކުގެ ވާހަކަ އެއްވެސް ވަރަކަށް ދެކެވޭ ފަދަ ޙާލަތެއްގައި އޮތް ގައުމެއްނޫން ކަމަށް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އިނގިރޭސީންގެ އިސްތިޢްމާރުގެ ދުވަސްވަރު އިނގިރޭސި ސިފައިން އެތައް ގައުމެއްގެ ރައްޔިތުންގެ މިނިވަންކަން ނިގުޅާލައި އެތަށް ގައުމެއްގެ ރައްޔިތުންމަރައި އިންސާނީ ހައްޤުތަކަށް އަރައިގެނެ ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ މައްސަލައަށް ނުސީދާ ގޮތެއްގައި އިޝާރާތް ކުރައްވަމުން ރާޖަޕަކްސަ ވިދާޅުވީ ބިއްލޫރި ގެތަކުގައި އުޅޭ މީހުން އެހެން މީހުންނާ ދިމާއަށް ގާއުކައިގެން ނުވާނެ ކަމުގަ އެވެ.

ކެމެރޮން އަށް ރައްދު ދެއްވަމުން ރާޖަޕަކްސަ ވަނީ އުތުރު އަޔަލެންޑުގެ ރައްޔިތުން ސުލްޙަވެރިކަމާ އެކު ކުރި މުޒާހަރާއަކަށް އިނގިރޭސި ސިފައިން ބަޑިޖަހައި އުތުރު އަޔަލެންޑުގެ ކުށެއްނެތް ޢާންމުންގެ 13 މީހަކު 1972 ވަނަ އަހަރު މަރާލި ޖަރީމާ ފަދަ އިނގިރޭސި ސިފައިން މާޒީގައި ހިންގާފައިވާ ހަނގުރާމައިގެ ޖަރީމާތަކަށްވެ ސް އިޝާރާތް ކުރައްވައި ވާހަކަ ދައްކަވާފަ އެވެ. އިނިގިރޭސިވިލާތަކީ އެގައުމުގެ ހަޑިހުތުރު އިސްތިޢްމާރީ މާޒީގެ އިތުރުންމީގެ ދިހަވަރަކަށް އަހަރުކުރިން އެމެރިކާއާ ގުޅިގެން ޢިރާޤާއި އަފްޣާނިސްތާނަށް ގަދަބާރުން އަރައިގަނެ އެތަށް ލައްކަބަޔަކު މަރައި ހަނގުރާމައިގެ ޖަރީމާތައްވެސް ފުޅާދާއިރާއެއްގައި ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވިފައިވާ ގައުމެކެވެ.

ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ އެންމެ ފަހު ދުވަސްވަރު ސަރުކާރު ސިފައިން ތަމަޅަ ޢާންމުންނާ ދެކޮޅަށް ހިނގި ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ޖަރީމާތައް މިނިވަން ގޮތެއްގައި ތަހްޤީޤުކުރުމަށް ގޮވާލައްވަމުން އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން ކޮލަންބޯ ސަމިޓްގައި ވަނީ މިކަން މުސްތަގިއްލު ގޮތެއްގައި ތަހްޤީޤު ކުރުމުގެ ފުރްސަތު ސްރީލަންކާ ސަރުކާރުން ނުދީފި ނަމަ ދެން އެކަންކުރާނީ އދ. ން ކަމަށް ވިދާޅުވެ އިންޒާރެއްވެސް ދެއްވާފަ އެވެ.

މިއިންޒާރާ ގުޅިގެން ސްރީލަންކާގެ ރައީސްގެ ކޮއްކޯފުޅު އަދި އެގައުމުގެ ދިފާޢީ ވަޒީރު ބަސީލް ރާޖަޕަކްސަ ވިދާޅުވީ ކެމެރޮން ވިދާޅުވާފަދަ ތަހްޤީޤަކާ ސްރީލަންކާ ދެކޮޅު ކަމަށާ އަދި އެފަދަ ތަހްޤީޤެއް ހިންގުމުގެ ފުރްސަތު ނުދެއްވާނެ ކަމުގަ އެވެ. ސްރީލަންކާގެ ބައެއް ނޫސްތަކުންނާއި ސިޔާސީ މުޙައްލިލުން ވެސް ވަނީ އިނގިރޭސިވިލާތަކީ އެގައުމުގެ އިސްތިޢްމާރީ މާޒީގައި އެކިގައުމުތަކުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމައިގެ ޖަރީމާތައް ހިންގާފައިވާ ގައުމެއްކަމަށް ސިފަކޮށް އެހެން ގައުމުތަކުން ހަނގުރާމައިގެ ޖަރީމާ ހިންގާފައިވާ ކަމަށްބުނެ ވާހަކަ ދެއްކުމުގެ އަޚްލާގީ ހައިސިއްޔަތު އިނގިރޭސިވިލާތަށް ލިބިގެން ނުވާކަން ހާމަކޮށް އިނގިރޭސި ބޮޑުވަޒީރަށް ރައްދު ދީފަ އެވެ. (ނޫސްއެޖެންސީތައް)