17 Nov 2013, 15:13
ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ ދަށުން ބާއްވަން ޖެހޭ ލޯކަލް ކައުންސިލް އިންތިހާބުގައި ކައުންސިލްތަކަށް އިންތިހާބު ކުރަން ޖެހޭ މީހުންގެ އަދަދު އިލެކްޝަންސް ކޮމިޝަންއިން ކަނޑައަޅައިފި އެވެ.
އިލެކްޝަންސް ކޮމިޝަނުން މިއަދު އާންމު ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކަށް މުޅި ޖުމްލަ 1118 މީހުން އިންތިހާބު ކުރަން ޖެހޭނެ އެވެ.
ރަށު ކައުންސިލްތަކަށް އިންތިހާބު ކުރަން ޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަންސް އިން ކަނޑައަޅާފައި ވަނީ 975 މީހުން އިންތިހާބު ކުރަން ޖެހޭނެ އެވެ. ހަމަ އެހެންމެ އަތޮޅު ކައުންސިލްތަކަށް 126 މީހުން އިންތިހާބުތަން ޖެހޭ އިރު ސިޓީ ކައުންސިލްތަކަށް 17 މީހުން އިންތިހާބު ކުރަން ޖެހޭނެ ކަމަށް ވެސް ކޮމިޝަންސް އިން ބުނެފައިވެ އެވެ.
ކޮމިޝަންއިން ބުނެފައިވާ ގޮތުން އައްޑޫ ސިޓީ ކައުންސިލް އަށް 6 މީހުން އިންތިހާބު ކުރަން ޖެހެ އެވެ. އަދި މާލޭ ސިޓީ ކައުންސިލަށް 11 މެންބަރުން އައްޔަން ކުރަން ޖެހޭނެ ކަމަށް ކޮމިޝަންސް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.
ލޯކަލަ ކައުންސިލް ތަކުގެ އިންތިހާބު އޮންނާނެ ކަމަށް އިލެކްޝަންސް ކޮމިޝަންއިން ބުނެފައި ވަނީ އަންނަ ޑިސެންބަރު މަހުގަ އެވެ. އަދި ކައުންސިލްތަކަށް ކުރިމަރިމަތި ލުމުގެ ފުރުސަތު އަންނަ ހަފްތާގައި ހުޅުވާލާނެ ކަމަށް އިލެކްޝަންސް ކޮމިޝަންސް އިން ވަނީ ސަން އަށް މައުލޫނާތު ދީފަ އެވެ.