Last Updated:
1 decade 2 year ago

އާ ރައީސާއި ނާއިބު ރައީސް ހުވާކުރައްވައިފި

    ބުލޮގު ޚުލާސާ
    ރައީސް ކަމަށް އިންތިހާބުކޮށްފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީން އަބްދުލް ގައްޔޫމް އެ މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ފަށައިފި.
    14:32

    ދަރުބާރުގޭގައި ކުރިއަށް ދިޔަ ރަސްމިއްޔާތު ނިންމައިލައިފި.
    14:09

    އިގުތިސާދީ ދާއިރާއާ ގުޅުން ހުރި ބައެއް ދާއިރާތަކަށް މިއަދު ވަޒީރުން އައްޔަން ކުރައްވާނެ ކަމަށް ރައީސް ކަމުގެ މަގާމަށް އިންތިހާބު ވެވަޑައިގަތުމާ ގުޅިގެން މިއަދު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ޔާމީން ވަނީ ވިދާޅުވެފައި.
    14:00

    ކުރީގެ ރައީސް މައުމޫން އާއި ރައީސް ނަޝީދު ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި ބޭފުޅުންނާ ސަލާމް ކުރައްވަނީ.
    13:52

    ރަސްމިއްޔާތަށް ވަޑައިގެން ތިއްބެވި ބޭފުޅުންނާއި ރައީސުލްޖުމްހޫރިއްޔާ އާއި ނައިބް ރައީސް ސަލާމް ކުރެއްވުން ކުރިއަށް ދަނީ.
    13:45

    ރާއްޖޭގައި އަމާން އަދި ތަރައްގީވެފައިވާ ގައުމަށް ހެދުމަށް މަސައްކަތް ކުރާނަން. އެންމެންނަށް ބައިވެރިވެވޭ ފުދުންތެރި އިގްތިސާދަކަށް ހެދުމަށް މަސައްކަތް ކުރާނަން.
    13:43

    މަގާމުތަކަށް ގާބިލު ބޭފުޅުން އައްޔަންކޮށް، ހަރަދު ކުޑަ ސަރުކާރެއް ގާއިމު ކުރާނަން. ނަތީޖާ ހާސިލު ކުރާ ސަރުކާރަކަށް ހަދާނަން.
    13:40

    ޒުވާނުންނަކީ އުފެއްދުންތެރި ބަޔަކަށް ހެދުމަށް މަސައްކަތް ކުރާނަން. އިޖްތިމާއީ ރައްކާތެރިކަން ހޯދައި ދިނުމަށް މަސައްކަތް ކުރާނަން. ގައުމު ބިނާ ކުރުމުގައި އަންހެނުންނަށް ބޮޑު އިސްކަމެއް ދޭނަން. މަސްތުވާތަކެތީގެ މައްސަލަތައް ހައްލު ކުރުމަށް މަސައްކަތް ކުރާނަން.
    13:38

    އާ ރައީސް ވިދާޅުވީ ގައުމިއްޔަތު ކުރިއެރުވުމަށް މަސައްކަތް ކުރައްވާނެ ކަމަށް. މިއަދު ރާއްޖެ ވަނީ އިގްތިސާދު ވަނީ ފުންވަޅުގަނޑެއްގައި. އިގްތިސާދު ހަމައަކަށް އަޅުވަން މަސައްކަތް ކުރާނަން. ބަޖެޓް ހަރަދު ކުޑަކުރަން ވަރަށް އަވަހަށް ފައްޓާނަން.
    13:35

    ޔާމީން ވިދާޅުވީ އެ މަނިކުފާން އެ މަގާމަށް ގެނައުމަށް މަސައްކަތްކޮށްދެއްވި ފަރާތްތަކަށް ޝުކުރު އަދާކުރެއްވި. ޔާމީން ވިދާޅުވީ އެ މަނިކުފާނު އެ މަގާމަށް ގެނައުމަށް މަސައްކަތްކޮށްދެއްވި ލީޑަރުންގެ މަތީން ހަނދުމަފުޅު ނައްތަވާނުލައްވާނެ ކަމަށް.
    13:35

    ޔާމީން ގައުމާ މުހާތަބު ކުރައްވަނީ.
    13:30

    ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކަމުގެ ހުވާ ޑރ. މުހައްމަދު ޖަމީލް އަހުމަދު ކުރައްވައިފި. އެމަނިކުފާނަށް ވެސް ހުވާލާދެއްވީ އުއްތަމަ ފަނޑިޔާރު. އެއަށްފަހު މަގާމުގެ ފަތްކޮޅުގައި ވަނީ ސޮއިކުރައްވައިފި.
    13:28

    މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އާ ރައީސަށް މަރުހަބާ ވިދާޅުވި. އަދި ޝާހިދު ވިދާޅުވީ ޔާމީން އަކީ ރައްޔިތުންގެ މަޖިލީހުގައި 21 އަހަރުވަންދެން މަސައްކަތް ކުރެއްވި ކަމަށް ވިދާޅުވި.
    13:26

    ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ހުވާކުރެއްވުމަށް ފަހު، މަގާމުގެ ފަތްކޮޅުގައި ޔާމީން ސޮއިކުރައްވަނީ.
    13:24

    ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ޔާމީން ކުރެއްވުމާ ގުޅިގެން އެމަނިކުފާނަށް 21 ބަޑީގެ ސަލާމެއް އަރުވައިފި. އެއަށްފަހު ގައުމީ ސަލާމް ކިޔުން.
    13:21

    ޔާމީން ރައީސް ކަމުގެ ހުވާ ކުރައްވައިފި. އެމަނިކުފާނަށް ހުވާލާދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސެއިން. ޔާމީން އަކީ ރާއްޖޭގެ ހަވަނަ ރައީސުލްޖުމްހޫރިއްޔާ.
    13:18

    ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު އިންތިހާބީ ރައީސް ޔާމީނަށް މަރުހަބާ ވިދާޅުވި. އަދި ކުރީގެ ދެ ރައީސުން ކަމަށްވާ މައުމޫން އަބްދުލްގައްޔޫމާއި މުހައްމަދު ނަޝީދު އެ ރަސްމިއްޔާތަށް ވަޑައިގެންނެވީތީ މަރުހަބާ ވިދާޅުވި.
    13:16

    އާ ރައީސް ހުވާ ކުރެއްވުމަށް ރަސްމިއްޔާތަށް 50 މެންބަރުން ވަޑައިގެންނެވި ކަމަށް މަޖިލީހުގެ ރައީސް ވިދާޅުވި.
    13:09

    ހުވާކުރުމުގެ ރަސްމިއްޔާތު ގައުމީ ސަލާމުން ފަށައިފި.
    13:04

    ޔާމީންގެ އެމަނިކުފާނުގެ އަނބިކަނބަލުން ދަރުބާރުގެ އަށް ވަޑައިގެންފި. އެމަނިކުފާނަށް އިސްތިގުބާލު ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު.
    12:55

    މިއަދުގެ މި ރަސްމިއްޔާތުގައި އެމްޑީޕީ ޕާލިމަންޓްރީ ގްރޫޕްގެ މެމްބަރުން ވަނީ ހާޒިރުވެވަޑައިގެންފި.
    12:54

    ދަރުބާރުގޭގައި ބާއްވާ ހުވާކުރުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމަށްޓަކައި ޔާމީން މޮޓޯކޭޑްގައި އެމަނިކުފާނު ދިރިއުޅުއްވާ ގެކޮޅުން ނިކުމެވަޑައިގެން ވަޑައިގެންފި.
    12:53

    ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވެސް ދަރުބާރުގެއަށް ވަޑައިގެންފި.
    12:52

    ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ދެކަނބަލުން ދަރުބާރުގެ އަށް ވަޑައިގެންފި.
    12:50

    ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވެސް ދަރުބާރުގެ އަށް ވަޑައިގެންފި.
    12:48

    ރަސްމިއްޔާތަށް ދައުވަތު އަރުވާފައިވާ ބޭރުގެ އިއްޒަތްތެރިންނާއި ދައުލަތުގެ އިސް ބޭފުޅުންނާއި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގެ އިސް ފަރާތްތަކުން މިހާރު ވަނީ ދަރުބާރުގެއަށް ވަޑައިގެންފައި.
    12:46ދަރުބާރުގެ

    ކުޑައިރުކޮޅެއްގެ ތެރޭގައި ރަސްމިއްޔާތު ފެށުމަށް ހަމަޖެހިފައިވާއިރު މި ރަސްމިއްޔާތު ބާއްވާ ދަރުބާރުގެ ވަނީ ރަސްމިއްޔާތަށްޓަކައި ވަރަށް ބޮޑަށް ޒީނަތްތެރިކޮށްފައި.