17 Nov 2013, 12:06
ބަންގުލަދޭޝް ހައިކޮމިޝަން ފަޅާލައި ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފި އެވެ.
ގ. އުފުރިޔާގޭގެ ހަތް ވަނަ ފަންގިފިލާގައި ހިންގަމުން އަންނަ ބަންގުލަދޭޝްގެ ހައިކޮމިޝަން ފަޅާލާފައި ވަނީ ރޭ 12:00 ހާއިރު އެވެ.
ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އުމުރުން 29 އަހަރުގެ މީހަކާއި 30 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލާގައި ހައްޔަރުކުރި ދެމީހުންނަކީ ވެސް ވައްކަންކުރުމާއި މަސްތުވާތަކެތި ބޭނުންކޮށް އަދި އެތަކެތި ގެންގުޅުމުގެ މައްސަލަތަކުގެ ގިނަ ރެކޯޑްތަކެއް އޮންނަ ދެމީހުން ކަމަށް ފުލުހުން ބުނެ އެވެ.
ފުލުހުން ބުނީ އެ ދެ މީހުން ބަންގްލަދޭޝް ހައިކޮމިޝަނުގެ ތެރެއަށް ވަދެފައި ވަނީ އެކޮމިޝަންގެ ދޮރެއް ހަލާކުކޮށްލައިގެން ކަމަށާއި އަދި އެ މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ އިރު އެމީހުންގެ އަތުން ވައްކަންކުރުމަށް ބޭނުންކުރާ ބައެއް އާލާތްތަށް ފެނިފައިވާ ކަމަށެވެ.
ސެކިއުރިޓީއެއް ނެތި ހިންގަމުން އަންނަ ބަންގުލަދޭޝް ހައިކޮމިޝަން ފަޅާލައި ވައްކަން ކުރަން މަސައްކަތް ކުރި ނަމަވެސް އެމީހުންނަށް އެތަނުން އެއްޗެއް ގެންދުވުނުކަން އެނގިފައެއް ނުވެ އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި މި އަހަރު މެދުތެރޭ ވެސް ވަނީ ބަންގުލަދޭޝް ހައިކޮމިޝަނަށް ހަމަލަދީ އެތަން ފަޅާލަން މަސައްކަތް ކޮށްފަ އެވެ. އަދި ދޭތެރެ ދޭތެރެއިން ހައި ކޮމިޝަނަރުގެ ކާރުކޮޅަށް ވެސް ހަމަލަދެ އެވެ.