17 Nov 2013, 12:02
އާ ރައީސުލްޖުމްހޫރިއްޔާ އަކަށް އިންތިހާބުވެފައިވާ އަބްދްﷲ ޔާމީން އަބްދުލްގައްޔޫމަށާއި ދިވެހި ރައްޔިތުންނަށް އިންޑިއާ އިން މަރުހަބާ ކިޔައިފި އެވެ.
އިންޑިއާގެ ހައި ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިންތިހާބުގެ ކޮންމެ ސްޓޭޖެއްގައި ވެސް ގިނަ އަދަދެއްގެ ދިވެހިން ނުކުމެ، ވޯޓުލުމުގެ ޕްރޮސެސްގައި ބައިވެރިވުމުން ދިވެހިން އަމިއްލަ ރައީސުލްޖުމްހޫރިއްޔާ އަކު އިންތިހާބުކުރުމަށް ދީފައިވާ އަހައްމިއްޔަތު ސާބިތުވެގެންދާ ކަމަށެވެ.
"ކާމިޔާބުކަމާ އެކު އިންތިހާބު ނިންމާލުމުން، އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށާއި ދިވެހި ރައްޔިތުންނަށް މަރުހަބާ ކިޔަން. އިންތިހާބުގެ ކޮންމެ ބުރެއްގައި ވެސް ގިނަ އަދަދެއްގެ ރައްޔިތުން ނުކުމެ، ވޯޓުގެ މަރުހަލާގައި ބައިވެރިވުމުން ދޭހަކޮށްދެނީ ރާއްޖޭގެ ރައީސަކު އިންތިހާބުކުރުމުގެ ޕްރޮސެސްގައި ބައިވެރިވުމަށް ދިވެހިންގެ މެދުގައި އޮތް ޝައުގުވެރިކަން،" އިންޑިއާގެ ބަޔާނުގައިވެ އެވެ.
އިންޑިއާ އިން ނެރެފައިވާ ބަޔާނުގައި ބުނީ ސިޔާސީ ހުރިހާ ފަރާތްތަކުން ވެސް އިންތިހާބުގެ ނަތީޖާ ގަބޫލުކޮށް ގައުމައިގެން ކުރިއަށް، އަމާންކަމާއި ސުލްހަވެރިކަމާ އެކު ދިއުމަށް ގޮވާލަމުންދާ ގޮވާލުންތަކަށް އިންޑިއާއިން މަރުހަބާ ކިޔާ ކަމަށެވެ.