އިއްޔެ ބޭއްވި ރިޔާސީ އިންތިހާބުގެ ރަސްމީ ނަތީޖާ އިލެކްޝަންސް ކޮމިޝަނުން މިއަދު އިއުލާންކޮށްފި އެވެ.

މިއަދު ހެނދުނު ދަރުބާރު ގޭގައި ބޭއްވި ނޫސްކޮންފަރެއްސެއްގައި އެ ނަތީޖާ އިއުލާން ކުރެއްވީ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގެވެ.

ފުއާދު ތައުފީގު މިއަދު ވިދާޅުވީ ގާނޫނީ ހަމަތަކުގެ މަތީން ޕްރޮގްރެސިވް ޕާޓީގެ އޮފް މޯލްޑިވްސް (ޕީޕީއެމް) ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއި އެ މަނިކުފާނުގެ ރަނިންމޭޓް ޑރ. މުހައްމަދު ޖަމީލު އަހުމަދު، 11 ނޮވެމްބަރު 2013 އިން ފެށިގެން ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އިންތިހާބު ވެއްޖެ ކަމަށެވެ.

"މި އިންތިޚާބުގެ ރަސްމީ ނަތީޖާގައިވާ ގޮތުން 11 ނޮވެމްބަރު 2013 ގައި ފެށުނު ރިޔާސީ ދައުރަށް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސްގެ ފަރާތުން ރިޔާސީ އިންތިޚާބަށް ކުރިމަތިލި މއ. ކާމިނީހުޅަނގުގެ އަބުދުﷲ ޔާމީން އަބުދުލްގައްޔޫމް ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ވަނީ އިންތިޚާބު ކުރެވިފައި. ވީމާ މިކަން އާންމުކޮށް އެންގުމަށްޓަކައި އިއުލާން ކުރިން."ފުއާދު ވިދާޅުވި އެވެ.

ފުއާދު ވިދާޅުވި ގޮތުގައި ރަސްމީ ނަތީޖާ އިން ޔާމީން އަށް ލިބިވަޑައިގެންފައި ވަނީ 51.39 ޕަސެންޓް، ނޫނީ 111،203 ވޯޓެވެ.