ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ހޮވިވަޑައިގެންފައިވާ ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މަގާމުގެ ހުވާކުރެއުމުގެ ރަސްމިއްޔާތު މިއަދު މެންދުރު އެކެއް ޖަހާއިރު ދަރުބާރުގޭގައި ބާއްވާ ގޮތަށް ހަމަޖައްސައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އޮފިޝަލަކު މިއަދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ނައިބް ރައީސްގެ މަގާމަށް ހޮވިވަޑައިގެންނެވި ޑރ. މުހައްމަދު ޖަމީލް އަހުމަދު ވެސް އެ މަގާމުގެ ހުވާކުރުމަށް ހަމަޖެހިފައި ވަނީ މިއަދު މެންދުރު ދަރުބާރުގޭގައި އޮންނަ އެ ރަސްމިއްޔާތުގައި ކަމަށެވެ.

އޮފިޝަލް ވިދާޅުވީ އެ ރަސްމިއްޔާތަށް ރާއްޖޭގައި މިވަގުތު ތިއްބެވި ބޭރު ޑިޕްލޮމެޓުންނާއި މިނިވަން މުއައްސަސާތަކުގެ ވެރިންގެ އިތުރުން ދައުލަތުގެ އެކިއެކި އިދާރާތަކުގެ އިސްބޭފުޅުން ވަޑައިގެންނަވާނެ ކަމަށާއި އެ ބޭފުޅުންނަށް ދައުވަތު ދެއްވުމުގެ ކަންތައްތައް މަޖިލީހުގެ އިދާރާ އިން ކުރަމުން ގެންދާ ކަމަށެވެ.

ގާނޫނު އަސާސީގެ 114 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސް ކަމަށް އިންތިހާބުވާ މީހަކު، އަދި ނައިބު ރައީސް ކަމުގެ މަގާމަށް ކަނޑައަޅައިފައިވާ މީހަކު އެ މީހެއްގެ މަގާމާ ހަވާލުވުމުގެ ކުރީން، އުއްތަމަފަނޑިޔާރު ނުވަތަ އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި މަޖިލީހުގެ ޖަލްސާއެއްގައި ހުވައިކޮށް އެ ހުވައިގެ އިގްރާރުގައި ސޮއި ކުރާންވާނެ އެވެ.

އާ ރައީސް ހުވާކުރެއްވުމުގެ ރަސްމިއްޔާތު ކުރިން ބޭއްވުމަށް ކަނޑައަޅާފައި އޮތީ މިއަދު ހެނދުނު 10:30 އަށެވެ.