17 Nov 2013, 09:53
ހެންވޭރު ގެއެއްގެ ހަތަރު ވަނަ ބުރިން ވެއްޓި ސީރިއަސް ޒަހަމްތަކެއް ލިބިގެން އޭޑީކޭގައި ފަރުވާދެމުން ގެންދިޔަ ޒުވާނާ ރޭ ފަތިހު މަރުވެއްޖެ އެވެ.
އެ ހާދިސާއާ ގުޅިގެން އޭޑީކޭގައި ފަރުވާދެމުން ގެންދަނިކޮށް ނިޔާވެފައި ވަނީ ހ. މޯނިންސަން އަހުމަދު އަހުޒާދު،31، އެވެ.
އޭޑީކޭގެ ޖެނެރަލް މެނޭޖަރު އަހުމަދު އައްފާލް މިއަދު ވިދާޅުވީ އެ ހާދިސާގައި ޒަހަމްވި ޒުވާނާ އަށް އައިސީޔޫގައި ފަރުވާދެމުން ގެންދަނިކޮށް ނިޔާވެފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް އޭނާ އަށް ލިބުނު ޒަހަމްތަކުގެ ތަފްސީލް އަދި ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
ފުލުހުން ބުނީ އެމީހާ ވެއްޓުނީ ހ. އަލިކުރިގޭގެ ހަތަރު ވަނަ ބުރިން ކަމަށާއި މިހާތަނަށް ބެލިބެލުމުން އޭނާ ވެއްޓުނީ އެގެއިން ވައްކަން ކުރުން އުޅެނިކޮށް ކަމަށް ބެލެވޭ ކަމަށެވެ.
އެ ހާދިސާގައި އެމީހާ ވެއްޓި ޖެހިފައި ވަނީ އެގޭ ތިރީގައި އޮންނަ ހިމަ ގޯޅިގަނޑެއްގެ ތެރެއަށެވެ. އަދި އެވަގުތު އެ ގޯޅިގަނޑުގައި ހަރުކޮށްފައި ހުރި އޭސީގެ އައުޓްޑޯ ޔުނިޓެއް ވެސް ވަނީ އޭނާއާ އެކު ގޯޅިތެރެއަށް ވެއްޓިފަ އެވެ.
ފާއިތުއުވި ހަފްތާގެ ތެރޭގައި މިފަދަ އިތުރު އެހެން ހާދިސާއެއްގައި ވެސް ޒުވާނަކު ވަނީ މަރުވެފަ އެވެ. އޭނާ މަރުވީ ގަލޮޅުގައި ހުރި ގެއެއްގެ ފަސް ވަނަ ބުރިން ވެއްޓިގެން ފަރުވާދެމުން ގެންދަނިކޮށެވެ.