ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު ވެސް، ދިރިއުޅުއްވަން ބޭނުންފުޅު ވަނީ އަމިއްލަ ގެކޮޅުގައި ކަމަށާއި ނަންގަވާނީ މުސާރައިގެ ދެބައި ކުޅަ އެއްބައި ކަމަށް ރާއްޖޭގެ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް އިން އިންތިހާބު ކާމިޔާބުކުރުމާ ގުޅިގެން ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޔާމީން ވިދާޅުވީ އެމަނިކުފާނު މިރޭ ވެސް ނިދިކުރައް ވާނީ އަމިއްލަ ގެކޮޅުގައި ކަމަށާއި ސެކިއުރިޓީއިން ހުއްދަދޭ ނަމަ، އެކަން އެގޮތަށް ކުރެއްވުމަށް ގަސްތުކުރައްވާ ކަމަށެވެ.

"އަޅުގަނޑު މިރޭ ވެސް ނިދަން ދާން މިހިޔާލުކުރަނީ އަޅުގަނޑުގެ ގެއަށް. އަދި މާދަމާ ވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު ނިދާނީ އަޅުގަނޑުގެ ގޭގައި. އަޅުގަނޑުގެ ހިޔާލެއް ނެތް އަދި އަޅުގަނޑަށް ސެކިއުރިޓީ އިން ހުއްދަ ދެއްވާ ކަމަށް ވަންޏާ އެހެން ދިމާލަކަށް ބަދަލުވާކަށް،" ޔާމީން ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ އިންތިހާބުގެ ތެރެއިން ވެވަޑައިގެންފައިވާ ވައުދުތައް ހަނދާން ނުނެތޭނެ ކަމަށާއި އެގޮތުން ވައުދުވެވަޑައިގެންފައިވާ ގޮތަށް ނަންގަވާނީ މުސާރައިގެ ދެބައި ކުޅަ އެއްބައި ކަމަށެވެ.

"އިރާދަކުރެއްވިއްޔާ ހަމަ އަޅުގަނޑު ދަންނަވާފައި އޮތް ގޮތަށް އަޅުގަނޑު ދަންނަވާފައި ހުރި ވައުދުތަކަކަށް އަޅުގަނޑު ނޫނެކޭ ނުބުނާނަން. އެހެންވީމާ އަޅުގަނޑުގެ މުސާރަ ފަށާނީ ހަމަ އަޅުގަނޑު ދެންނެވި ގޮތަށް ދެބައިކުޅަ އެއްބައި މުސާރައިން،" ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ މެނިފެސްޓޯގައި ހުރި އިގުތިސާދީ ބޮޑެތި ލަނޑުދަނޑިތަކާ ބެހޭ ގޮތުން ނޫސްވެރިން ސުވާލުކުރުމުން، ޔާމީން ވިދާޅުވީ ކުރިއަށް އޮތް ދެ އަހަރު ދުވަސް ފަސޭހަ ނުވާނެ ކަމަށާއި ނަމަވެސް، ތިން ވަނަ އަހަރަށް އަޅާއިރު ގިނަ އަމާޒުތަކަކަށް ވާސިލްވެވޭނެ ކަމަށެވެ.

"އަޅުގަނޑުމެން މި އަންދާޒާ ކުރަނީ ފުރަތަމަ ދެ އަހަރަކީ އެންމެ ފަސޭހަ ދެ އަހަރަށް ނުވެ ހިނގައިދާނޭ. އެހެން ނަމަވެސް އަޅުގަނޑުމެން މިއުއްމީދުކުރަނީ 48 މަސް ދުވަސް ނޫނިއްޔާ 24 މަސް ދުވަސް ލިބުމަށް ފަހު، ތިން ވަނަ އަހަރުން ފެށިގެން އިރާދަކުރެއްވިއްޔާ ބަޖެޓު ވެސް އަޅުގަނޑުމެން ސާޕްލަސް (އަރަނި) ކުރުމަށް މަސައްކަތްކުރާނަމޭ. ދަތިތަކެއް ހުންނާނެ، އެހެން ނަމަވެސް އުއްމީދެއް އޮތް ތަނެއްގައި ދެއްތޯ، ކުރިއަށްދާނެ ހިތްވަރެއް ވެސް ހުންނާނީ،" ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ ވެރިކަމުގައި ސަރުކާރުގެ މަތިބަރު ކަމަށް ވިދާޅުވެ، ނަޝީދަށް ފާޑުކިޔުއްވާފައިވާ ޔާމީން ވިދާޅުވީ އެމަނިކުފާނު ކެމްޕެއިންގައި ވައުދުވެވަޑައިގެންފައިވާ ހެން އެމަނިކުފާނުގެ ސަރުކާރު ވެގެންދާނީ ހަރަދުތައް ކުޑަ ކުރާ، މަތިބަރު ނޫން ސަރުކާރަކަށް ކަމަށެވެ.

ޔާމީން ވިދާޅުވީ ކޯލިޝަންގައި ޕާޓީތައް ގިނަވުމުން އެކަން ކުރަން ދަތިވެގެންދާނެ ކަމަށެވެ. ނަމަވެސް، އެކަމުގައި ވެސް ކޯލިޝަންގެ ޕާޓީތަކުގެ ފުރިހަމަ އެއްބާރުލުން ލިބިވަޑައިގަންނަވާނެ ކަމަށާއި، ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހު "ކަމަރުތައް ބާރުކޮށްލަން" ޖެހޭ ކަން ކޯލިޝަންގައި ހިމެނޭ ޕާޓީތަކުގެ ލީޑަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ވިސްނުމުގައި އަދިވެސް އޮތީ ސިޔާސީ މަގާމުތައް މަދުކުރަން. އެކަމަކު އެއާ އެކީގައި ސިޔާސީ އެތައް ޕާޓީތަކެއް ވަޑައިގަތީމަ، އަޅުގަނޑުމެންނަށް ކޮށްދެވެން ހުރި ކަންތަކުގައި ނޫނީ އަޅުގަނޑުމެންގެ ޓީމުގައި އެބޭފުޅުން ބައިވެރިކުރަން ކުރެވެން ހުރި މަސައްކަތްތައް ވެސް ކުރާނަން. އެއާ އެކީގައި ވެސް އަޅުގަނޑުމެންގެ މިވިސްނުމަކަށް.. މައިގަނޑު ވިސްނުމަކަށް ބަދަލެއް ނާދޭ،" ޔާމީން ވިދާޅުވި އެވެ.

އިއްޔެގެ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޔާމީން ކާމިޔާބުކުރައްވާފައި ވަނީ 51.6 ޕަސަންޓް ވޯޓު ހޯއްދަވައިގެން ނެވެ. މިއަދު އިލެކްޝަންސް ކޮމިޝަނުން ދާއިމީ ނަތީޖާ އިއުލާންކުރުމަށް ފަހު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރެއްވުމުގެ ކަންކަން ވަނީ ހެނދުނު 10:30 އަށް ހަމަޖައްސާފަ އެވެ.

ޔާމީން ވިދާޅުވީ ކެބިނެޓްގެ ޕޯޓްފޯލިއޯތަކާ މެދު އެއްޗެއް ވިދާޅުވެވޭނީ މަގާމުގެ ހުވާކުރެއްވުމަށް ފަހުގައި ކަމަށާއި، އެކަން އޮތް ގޮތެއް މިއަދު އިއުލާންކުރައްވާނެ ކަމަށެވެ.