ޕީޕީއެމާއި އެމްޑީއޭގެ ކޯލިޝަނާ ގުޅިފައިވާ ޕާޓީތަކުން ގެނެސްފައި މިވަނީ ރާއްޖޭގެ ރައްޔިތުން ފަހުރުވެރިވާ ފަދަ ވެރިކަމެއް ކޮށްދޭނެ ވެރިކަމެއް ކަމުގައި އެމްޑީއޭގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު ޔާމީން އަބްދުލްގައްޔޫމް ކާމިޔާބު ކުރެއްވުމާ ގުޅިގެން މިރޭ ނަސަންދުރާގައި ބޭއްވި ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ދިވެހި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި އެބައި މީހުންނަށް ލިބެން ޖެހޭ ހައްގުތައް ފުރިހަމައަށް ޕީޕީއެމްގެ ސަރުކާރުގައި އަދާކުރަމުން ގެންދާނެ ކަމަށެވެ.

"ދިވެހި ކޮންމެ ރައްޔިތަކީ ދިވެހި ރާއްޖޭގެ ރައްޔިތަކަށް ވީތީ ފަހުރުވެރިވާނެ ވެރިކަމެއް އިރާދަކުރެއްވިއްޔާ ކޮށްދޭނެ ވެރިކަމެއް އަޅުގަނޑުމެން މިގެނައީ، ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް އެއްވެސް ތަފާތު ކުރުމެއް ނެތި އެ ރައްޔިތުންނަށް ލިބެން ޖެހޭ ހައްގުތައް އަޅުގަނޑުމެން އަދާކުރަމުން ގެންދާނަން،" ޝިޔާމް ވިދާޅުވި އެވެ.

ޔާމީން އަކީ ދިވެހި ރައްޔިތުން ދެކެ ވަރަށް ލޯބިވާ ބޭފުޅެއް ކަމަށާއި އެއްވެސް ދިވެހި ރައްޔިތަކަށް އެމަނިކުފާނު އަނިޔާވެރި ވެވަޑައިނުގެންނަވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. އަދި ގާނޫނީ ޗާޓުން އެއްވެސް ހާލެއްގައި އެމަނިކުފާނު ބޭރު ވެވަޑައިނުގެންނަވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މި ސަރުކާރު ހިނގަމުންދާނީ ރާއްޖޭގެ ތަރައްގީގެ ބާނީ ކަމުގައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އިރުޝާދުގެ ދަށުން ކަމަށާއި އޭރުން އޮޅިގެން ވެސް ކަތި ފިޔަވަޅެއް އެޅިގެން ނުދާނެ ކަމަށް ވެސް ޝިޔާމު ވިދާޅުވި އެވެ. އަދި ރާއްޖޭގެ ވެރިކަމާ އަލަށް ހަވާލުވާ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށް ވާނީ ރާއްޖޭގައި ބައިބައިވެފައިވާ މުޖުތަމައު އެއް ގަލަކަށް އަރުވައި ރާއްޖޭގެ ރައްޔިތުންނަކީ އެއްބައިވަންތަ އަހުވަންތަ ބައެއްގެ ގޮތުގައި ހެދުން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.

ޕީޕީއެމާ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރުގެ އެންމެ ބޮޑު އަމާޒަކަށް ވެގެންދާނީ ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށް ފާގަތި މުއްސަންދި ފަސް އަހަރު ގެނެސްދިނުން ކަމަށް ޝިޔާމް ވިދާޅުވި އެވެ.

ރައްޔިތުން ބޭނުންވަނީ ތަރައްގީ ކަމަށާއި ޕީޕީއެމާ ގުޅިފައިވާ ޕާޓީތަކުގައި ތިބީ ރާއްޖޭގެ ރައްޔިތުން ބޭނުންވާ ފަދަ ތަރައްގީއެއް ގެނެސް ރާއްޖޭގެ ރައްޔިތުންގެ ޖީބުތައް މުއްސަންދިކޮށްދީ، ހަލާކުވެފައިވާ ރާއްޖޭގެ އިޖުތިމާއީ ފޭރާން ފުރިހަމަ ގޮތުގައި އާރާސްތުކޮށްދޭނެ ވެރިކަމެއް ކުރެވޭނެ ގާބިލު ބައެއް ކަމުގައި އޭނާ ވިދާޅުވި އެވެ.

"ރާއްޖޭގެ ރައްޔިތުން އަބަދުވެސް ބޭނުން ވަނީ ވިޔަފާރީގައި ތަޖުރިބާ ހުރި އިގުތިސާދު ކުރިއަށް ގެންދެވޭނެ ބޭފުޅެއް، ރާއްޖޭގެ އަދި ދުނިޔޭގެ ކޮންމެ އާބާދީއެއްގައި ވެސް އެންމެ ބޮޑު މައްސަލައަކީ ފަގީރުކަން އާލާވުން. ފަގީރުކަން އާލާވެއްޖެ ނަމަ އެތަނެއްގައި ވަޅިހަރާ މީހުން މެރުމާއި ފަސާދާއިގެ ހުރިހާ ކަމެއް ކުރަމުންދާނެ،" ޝިޔާމް ވިދާޅުވި އެވެ.

ޕީޕީއެމާއި އެމްޑީއޭގެ ކޯލިޝަނާ އެންމެ ފަހުން ގުޅިވަޑައިގެންނެވި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމަށް ޝިޔާމް ޝުކުރު އަދާކުރެއްވި އެވެ. އަދި އެޕާޓީއާ ގުޅިފައިވާ އެހެނިހެން ޕާޓީތަކާއި ޖަމާއަތްތަކުން ގުޅިފައި ވަނީ އެއްވެސް ކަމެއް ބޭނުންވެގެން ނޫން ކަމާށް ޝިޔާމް ވިދާޅުވި އެވެ.

އޭގެ ބަދަލުގައި އެބޭފުޅުން ބޭނުންވީ ރާއްޖޭގެ މި ދައުލަތު ސަލާމަތުގެ އައްސޭރިއަށް ގެންގޮސް ރާއްޖޭގެ ރައްޔިތުންނަކީ އުފާވެރިބައެއްގެ ގޮތުގައި ދާއިމަށް ދެމިތިބޭ ބައެއް ކަމުގައި ލެއްވުމަށާއި ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ގިޔާމަތަށް ދާންދެން ލެއްވުން ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ