"ގައުމީ ބަތަލު"ގެ ނަމުގައި އާ ޝަރަފުވެރި ލަގަބެއް އުފައްދައި އެ ލަގަބު ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމަށް ދެއްވުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފި އެވެ.

މިއަދު ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރު ޕީޕީއެމްގެ ކޯލިޝަނުން ކާމިޔާބުކުރުމާ ގުޅިގެން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިރޭ ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ބައްދަލުވުމެއްގައި ރައީސް މައުމޫން ވިދާޅުވީ ރާއްޖެ އަށް ހިދުމަތްކޮށްދޭ އެކި އެކި ފަރާތްތަކުގެ ހިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން ލަގަބުތަކާއި އިއްޒަތްތައް އެރުވެމުންދާ ކަމަށެވެ.

އަދި ރާއްޖޭގެ އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީންގެ އަރިހުން އާ ލަގަބެއް ނުވަތަ ޝަރަފެއް އުފެއްދުމަށް އެދިވަޑައިގަންނަވާ ކަމަށް މައުމޫން ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އިންތިހާބުކުރެވިފައިވާ ރައީސުލްޖުމްހޫރިއްޔާ އަށް ދަންނަވާލަން ބޭނުން ވަނީ މަނިކުފާނު އާ ލަގަބެއް އުފައްދަވާ ދެއްވާށޭ. އަޅުގަނޑުމެންގެ ރާއްޖޭގައި ހިދުމަތްކުރައްވާ ބޭފުޅުންނަށް އެބަހުރި ލަގަބުތަކާއި އިއްޒަތްތައް އުފެދިފައި. އެބޭފުޅުންނަށް އެމަގާމުތައް، އެލަގަބުތައް އެރުވިފައި." މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ ގާސިމަށް މިލަގަބު އެރުވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އަޅުގަނޑު މިހުށަހަޅަނީ 'ގައުމީ ބަތަލު' މިނަމުގައި އާ ލަގަބެއް، އާ ޝަރަފެއް، އާ އިއްޒަތެއް ރާއްޖޭގެ އާ ރައީސުލްޖުމްހޫރިއްޔާ އުފައްދަވައި ދެއްވައި އެމަގާމަށް ގާސިމް އިބްރާހިމް ހަމަޖެއްސުމަށް" ރައީސް މައުމޫން ވިދާޅުވި އެވެ.

ރާއްޖޭގައި މިހާރު ދެމުން އަންނަ ޝަރަފުތަކަށް ބަލާ އިރު، އެންމެ މަތީ ޝަރަފެއްގެ ގޮތުގައި ދެވެމުން އަންނަ ޝަރަފަކީ ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާގެ ލަގަބެވެ. މީގެ އިތުރުން ނިޝާން އިއްޒުއްދީންގެ އިއްޒަތްތެރި ވެރިޔާގެ ލަގަބާއި، ނިޝާން މުލީގެ އިއްޒަތްތެރި ވެރިޔާގެ ލަގަބަކީ މިހާރު ވެސް ގައުމަށް ފާހަގަކޮށްލެވޭ ހިދުމަތްތައް ކުރައްވާފައިވާ ފަރާތްތަކަށް ދެމުން އަންނަ ލަގަބުތަކެކެވެ.

ރައީސް ވަހީދުގެ ވެރިކަމުގައި، ރައީސް މައުމޫނަށް ނިޝާން ޣާޒީގެ އިއްޒަތްތެރި ވެރިޔާގެ ލަގަބު އަރުވާފައިވާ އިރު، ގާސިމަށް ވެސް ވަނީ ނިޝާން މުލީގެ އިއްޒަތްތެރި ވެރިޔާގެ ލަގަބު އަރުވާފަ އެވެ.