17 Nov 2013, 02:17
މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވަގުތީ ނަތީޖާ އިއުލާން ކޮށްފި އެވެ. ވަގުތީ ނަތީޖާ ދައްކާ ގޮތުން އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން ކުރި ހޯއްދެވީ 6022 ވޯޓުގެ ތަފާތުންނެވެ.
މިރޭ މެންދަމު 1:00 ގައި އިއުލާންކޮށްފައިވާ އެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުން ޕީޕިއެމްގެ ރިޔާސީ ކެނޑިޑޭޓް އަބުދުﷲ ޔާމީނަށް ލިބިވަޑައިގެންނެވީ 111203 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 51.39 ޕަސެންޓެވެ.
ވަގުތީ ނަތީޖާއިން ދައްކާ ގޮތުން އިންތިހާބުން ނާކާމިޔާބުވެވަޑައިގެންނެވި އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވީ 105181 ވޯޓެވެ. އެއީ 48.61 ޕަސެންޓެވެ. ވޯޓުލީ މީހުންގެ ސައްހަ ވޯޓުގެ އަދަދަކީ 216384 އެވެ. އަދި 2237 ވޯޓަކީ ބާތިލް ވޯޓެވެ. އެހެން ކަމުން ޖުމުލަ 218621 މީހުން ވޮޓްލާފައިވާ ކަމަށް ރިޔާސީ އިންތިހާބުގެ ފަހު ބުރުގެ ވަގުތީ ނަތީޖާއިން ދައްކަ އެވެ.
ރިޔާސީ އިންތިހާބުގެ ފަހު ބުރަށް ވޯޓުލުމުގެ ހައްގު ލިބިގެންވާ 239165 މީހުންގެ ތެރެއިން ވޯޓުލާފައި ވަނީ 91.41 ޕަސެންޓް މީހުނެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގް ވިދާޅުވީ މާދަމާ ހެނދުނު 9:30 ގައި އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާން ކުރާނެ ކަމަށެވެ.
ފުއާދު ވިދާޅުވީ މިފަހަރުގެ އިންތިހާބުގައި 19 ޝަކުވާއެއް ހުށައަޅާފައިވީ ނަމަވެސް މިހާރު އިއުލާން ކޮށްފައިވާ ނަތީޖާއަށް ބަދަލެއް އަންނާނެ ވަރުގެ ޝަކުވާއެއް ނޫޅޭ ކަމަށެވެ. އަދި އެއްވެސް ސިޔާސީ ޕާޓީއަކުން ވެސް މާ ބޮޑު ޝަކުވާއެއް ހުށަނާޅާ ކަމަށް ފުއާދު ވިދާޅުވި އެވެ.