މިއަދު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި "ބަލިވެއްޖެ، ބަލިވީ އަޅުގަނޑު" ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ބަލި ގަބޫލު ކުރައްވައި މާލޭ ސިޓީ ހޯލުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ މިއަދު ބޭއްވި ރިޔާސީ އިންތިހާބުން އެމްޑީޕީން ބަލިވީ "އަޅުގަނޑުގެ ސަބަބުން އަދި ފެއިލްވީ ވެސް އަޅުގަޑު" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑު މިހިރީ ރީތިކޮށް ބަލިވެފައި. ބަލިވާ އިރު އޭގެ ޒިންމާ އުފުލަން ޖެހޭނީ އަޅުގަނޑު. ކެމްޕޭނެއް ނޫން. ކެމްޕޭން ވަރަށް ރަނގަޅަށް ދިޔައީ. ވަރަށް ބުރަކޮށް މަސައްކަތްކުރި،" ރައީސް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެމްޑީޕީ މިއަދު ބޭއްވި ރިޔާސީ އިންތިހާބުން ބަލިވީ އެމްޑީޕީގެ ސަރުކާރެއް ހިންގަން ބޭނުންވާ 5000 މީހުންގެ ރުހުން ނުލިބިގެން ކަމަށާއި އެކަމާ ވަރަށް ފުންކޮށް ވިސްނަން ޖެހޭނެ ކަމަށެވެ. އަދި ވިދާޅުވީ ރިޔާސީ އިންތިހާބުން ބަލިވި ކަމުގައި ވިޔަސް އެމަނިކުފާނު އެމްޑީޕީގެ ހަރަކާތްތަކުގައި ދެމިހުންނަވާނެ ކަމަށެވެ.

"އިންތިޚާބުން ކާމިޔާބު ނުލިބުނީ އަޅުގަނޑުމެންނަށް ބޭނުންވާ 5000 މީހުން ސަރުކާރު ހިންގަން ނުރުހޭތީ. އެ މީހުން އެގޮތަށް ނުރުހުނީ ކޮން ސަބަބުތަކެއް ލައިގެންތޯ އެއީ ފުންކޮށް ވިސްނަން ޖެހޭނެ ކަމެއް. އަޅުގަނޑު ވަރަށް އިޚުލާސްތެރިކަމާ އެކު ގަބޫލުކުރަން ބަލިވީ ކަމަށް. އަޅުގަނޑު އަބަދުވެސް ޕާޓީގައި ހުންނާނަށް،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ރައްޔިތުންގެ މަޖިލިހުގައި މަސައްކަތްކުރާނެ ގޮތް ކަނޑައަޅާނީ ޕާލިމެންޓަރީ ގްރޫޕުން ކަމަށާއި އެމްޑީޕީ ވާނީ ދައުލަތަށް އިޚުލާސްތެރި ސިޔާސީ ޕާޓިއަކަށް ކަމަށެވެ.

"މިއޮތީ ފުރުސަތެއް ލިބިފައި މުޅި ރައްޔިތުންނަށް ދެއްކުން ވާދަވެރި ސިޔާސީ ޕާޓީއެއް ހަރަކާތްތެރިވާނެ ގޮތް. އެމްޑީޕީ އަކީ ދައުލަތަށް އިޚުލާސްތެރި ވާދަވެރި ސިޔާސީ ޕާޓީއެއްގެ ގޮތުގައި ކުރިއަށް ދާތަން ފެނުމަކީ ވަރަށް އުފާވާނެ ކަމެއް،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ރާއްޖޭގައި ދެން ބާއްވާ ރިޔާސީ އިންތިހާބެއްގައި ވާދަ ކުރައްވާނަންތޯ "ސަން" އިން ސުވާލު ދެންނެވުމުން އެމަނިކުފާނު ވިދާޅުވީ އަދި އެ ސުވާލަށް ޖަވާނު ދޭން އަވަސް ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީން މާޔޫސް ވެގެން ނުވާނެ ކަމަށާއި މަސައްކަތް ކުރަން ޖެހޭނީ ކުރިއަށް އޮތް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ގަދައަޅާ މަސައްކަތް ކުރަން ކަމަށެވެ.

ޕާޓީގެ އިސް ލީޑާޝުޕާގައި އެމަނިކުފާނުގެ ދައުރާ ބެހޭ ގޮތުން ނޫސްވެރިން ސުވާލު ކުރުމުން ވިދާޅުވީ ޕާޓީގައި ޗެއާޕާސަންއެއް އެބަހުރި ކަމަށާއި ޕާޓީގެ ރައީސާއި ނައިބު ރައީސްގެ އިންތިޚާބެއް އަންނަން ޖެހޭ ކަމަށެވެ. އަދި ޕާޓިގެ ކޮންމެ ދާއިރާއެއްގެ ރައީސަކު އެބަ ހުރި ކަމަށާއި ހިންގާ ކޮމިޓީއެއް އެބަ އޮތް ކަމަށެވެ. އަދި ޕާޓީ ރީތިކޮށް ކުރިއަށް ދާން ޖެހޭނެ ކަމަށާއި މިވަގުތު ޕާޓީގެ އޮނިގަނޑު ރަނގަޅަށް ހިފެހެއްޓިފައިވާ ކަމަށެވެ. އަދި އެ އޮނިގަނޑު އެގޮތަށް ހިފެހެއްޓުން ވަރަށް މުހިންމު ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް ނަޝީދު ވިދާޅުވީ މިއަދަކީ ވަރަށް އުފާވެރި ދުވަހެއް ކަމަށާއި މިއަދު މިވަނީ އިންތިޚާބީ ސަރުކާރެއް ގާއިމްކުމުގެ ފުރުސަތު ރާއްޖޭގެ ރައްޔިތުންނަށް ލިބިފައި ކަމަށެވެ. އެގޮތުން އެމްޑީޕީން އަބަދުވެސް އަޑުއުފުލަމުން ދިޔައީ ރައްޔިތުން އިންތިޚާބުކުރާ ސަރުކާރެއް ގާއިމްކުރުމަށް ކަމަށާއި އެކަން "އިރާދަކުރެއްވިއްޔާ މި އޮތީ ވެފައި. ޝަރީއަތަކަށް ދިއުމަށް ވެސް ނުވިސްނާނަން." ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ މިހާރު ރާއްޖޭގެ ހާލަތު ރަނގަޅުވާން ޖެހޭ ކަމަށާއި ރާއްޖޭގެ ހާލަތު ރަނގަޅު ކުރުމަށް ޔާމީނަށް ފުރުސަތެއް އަރުވަން ބޭނުންފުޅުވާ ކަމަށެވެ. އަދި އެކަމަށް ޓަކައި އެމްޑީޕީގެ އެއްބާރުލުން ފުރިހަމަ އަށް ދޭނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.