ތ. ބުރުނީ ފަޅަށް އާދަޔާހިލާފު ގިނަ އަދަދަކަށް ރާގޮނޑި ވަންނަމުންދާކަމަށް ބުރުނީ އޮފީހުން ބުނެފި އެވެ.


ބުރުނީ ކަތީބު މޫސާ ހުސެއިން މިއަދު ވިދާޅުވީ ވޭތުވެދިޔަ މަހެއްހާ ދުވަހުގެ ތެރޭގައި އެ ރަށުގެ ފަޅަށް އައިން އައިނަށް ރާގޮނޑި ވަންނަމުންދަނީ އާދަޔާހިލާފަށް ކަމަށެވެ.


އޭނާ ވިދާޅުވީ ކޮންމެ ދުވަހަކުހެން ފަޅަށް ރާގޮނޑި ވަންނަމުންދާ ކަމަށާއި ނަމަވެސް އެންމެ ފަހުން ވަދެފައި ވަނީ މިދިޔަ ހުކުރު ދުވަހު ކަމަށެވެ.


"ކޮންމެ ދުވަހަކުހެން މުޅި ފަޅަށް ރާގޮނޑި އައިން ވަދެ ފަޅުތެރެ ފުރައިލާ،" އޭނާ ވިދާޅުވި އެވެ.


ކަތީބު ވިދާޅުވީ ބުރުނީ ފަޅަށް ރާގޮނޑި އައިން ވަންނަ ކޮންމެ ދުވަހަކު ރައްޔިތުން ނުކުމެ ދާ ޖަހައިގެން ގިނަ އަދަދަކަށް ރާގޮނޑި ހިފަމުން އަންނަ ކަމަށެވެ. އެ ގޮތުން މިދިޔަ ހުކުރު ދުވަހު ވެސް 900 އަށް ވުރެ ގިނަ ރާގޮނޑި ބުރުނީ ރައްޔިތުން ހިފި ކަމަށެވެ.


ކަތީބު ވިދާޅުވީ މިފަހަރު ރާގޮނޑި ވަންނަން ފެށިފަހުން އެންމެ ގިނައިން ރާގޮނޑި ހިފި ދުވަހު 5900 ރާގޮނޑި ހިފި ކަމަށެވެ.


ބުރުންޏަކީ އާދަކޮށް ހުޅަނގު މޫސުމުގައި ފަޅަށް އާދަޔާ ހިލާފަށް ރާގޮނޑި ވަންނަ ރަށެކެވެ. ނަމަވެސް މިފަހަރު ރާގޮނޑި އައިން ވަނީ އެ ރަށު ފަޅަށް ރާގޮނޑި ނުވަންނަތާ ދެ އަހަރެއްހާ ދުވަސްވުމަށް ފަހު އެވެ.


ބުރުނީ ފަޅަށް ރާގޮނޑިވަނުމުން އެރަށު ރައްޔިތުން ނުކުމެ ދާ ޖަހައިގެން ރާގޮނޑި ހިފުމަށްފަހު ރަށުގެ އާބާދީގެ ކޮންމެ ބޮލަކަށް ހަމަހަމަހައަށް ބަހައިލަނީ އެވެ. އެރަށުގައ 500 އަށް ވުރެ ގިނަ މީހުންގެ އާބާދީއެއް އޮވެ އެވެ.