ޅ. ކުރެންދޫ ދޯންޏެއްގައި ރޯވެ މީހަކު ފިހިއްޖެ އެވެ.

ކުރެންދޫން ސަން އަށް މައުލޫމާތު ދިން މީހަކު ބުނީ "އީމާން" ނަމަކަށް ކިޔާ މަސް ދޯނީގައި މިއަދު ހަވީރު 5:30 އެހާކަންހާއިރު ރޯވެ، އެ ވަގުތު ބޯޓު ބަލަހައްޓަން ހުރި މީހާގެ އަތުގެ އެއްބައި ފިހިފައިވާ ކަމަށެވެ. ނަމަވެސް އޭނާ އަށް ފަރުވާ ދިނުމަށް ފަހު މިހާރު ދޫކޮށްލާފައިވާ ކަމަށް އެމީހާ ބުންޏެވެ.

ސަން އަށް މައުލޫމާތު ދިން މީހާ ބުނީ އެ ދޯނީގައި އަލިފާން ރޯވާން ދިމާވީ ދޯނީގައި އެންތައް ދިރުވަން ދޯނީގެ ދެ ޕެޓްރޯލް ޕަމްޕެއް ޖައްސާފައިވަނިކޮށް ދޯނި ބަލަހައްޓަން ހުރި މީހާ ޕެޓްރޯލް ޕަމްޕު ކައިރީ އިނދެ ބިޑިއެއް ރޯކޮށްލުމާ ގުޅިގެން ޕަމްޕްގައި ހުޅުހިފައިގެން ކަމަށެވެ. އެވަގުތު އެމީހާގެ އަތުގައި ރޯވުމާ އެކު މޫދަށް ފުންމާލީ ކަމަށް ވެސް ސަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ. އެމީހާ ބުނީ ދޯނީގައި އަލިފާން ރޯވުމާ އެކު އެސަރަހައްދުގައި ތިބި މީހުން ދޯނީގައި ރޯވި އަލިފާންގަނޑު ކޮންޓްރޯލު ކޮށްފައިވާ ކަމަށެވެ.

އަދި އަލިފާންގަނޑު ނިއްވާލި އިރު، ދޯނީގައި މަސްވެރިކަން ކުރަން ބޭނުން ކުރާ ހުރިހާ އެއްޗެއް ވެސް ހުރީ އަނދާހުލިވެފައި ކަމަށާއި އަދި ދޯނި ދެން ބޭނުން ކުރެވޭނީ ވަރަށް ބޮޑު ހަރަދެއް ކޮށްގެން ކަމަށް ވެސް ސަން އަށް މައުލޫމާތު ދިން މީހާ ބުންޏެވެ.

ސަން އަށް މައުލޫމާތު ދިން މީހާ ބުނީ ދޯނީގައި އަލިފާން ރޯވި ވަގުތު ދޯނި އޮތީ ފަޅުގެ އެއްފަޅީގައި އެހެން ދޯނިތަކާ ދުރުގައި އަޅާފައި ކަމަށެވެ.