16 Nov 2013, 13:54
މަދާމާ ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި ރައީސް ކަމަށް އިންތިހާބުވެވަޑައިގަންނަވާ ކެންޑިޑޭޓަކު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގެ ހުވާ ކުރައްވާ ގޮތަށް ނިންމައިފި އެވެ.
މާދަމާ ބާއްވާ މަޖިލީހުގެ ޖަލްސާގައި އާ ރައީސާއި ނައިބު ރައީސް ހުވާ ކުރައްވާ ގޮތަށް ހަމަޖެހިފައިވާކަން މަޖިލީހުގެ މެންބަރުންނަށް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ސިޓީއަކުން އަންގަވާފަ އެވެ. ނަމަވެސް ޖަލްސާ އޮންނާނެ ގަޑިއަކާއި ޖަލްސާ ބެހޭ އިތުރު ތަފްސީލު އެ ސިޓީފުޅުގައި ވިދާޅުވެފަ އެއް ނުވެ އެވެ.
ޝާހިދު ސިޓީގައި ވިދާޅުވެފައި ވަނީ ޖަލްސާއާ ބެހޭ އިތުރު ތަފްސީލު ފަހުން ދަންނަވާނެ ކަމަށެވެ.
ގާނޫނު އަސާސީގެ 114 ވަނަ މާއްދާގައި ބުނެފައި ވަނީ ރައީސް ކަމަށް އިންތިހާބުވާ މީހަކު، އަދި ނައިބު ރައީސް ކަމުގެ މަގާމަށް ކަނޑައަޅައިފައިވާ މީހަކު އެ މީހެއްގެ މަގާމާ ހަވާލުވުމުގެ ކުރީން، އުއްތަމަފަނޑިޔާރު ނުވަތަ އުއްތަމަފަނޑިޔާރު އެކަމަށް ކަނޑައަޅާ ފަނޑިޔާރެއްގެ ކުރިމަތީގައި މަޖިލީހުގެ ޖަލްސާއެއްގައި ހުވައިކޮށް އެ ހުވައިގެ އިގްރާރުގައި ސޮއި ކުރާންވާނެ އެވެ.