ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމަށް ހުރިހާ ސިޔާސީ ފަރާތްތަތަކަށް އެޗްއާރުސީއެމުން ގޮވާލައިފި އެވެ.

އެޗްއާރުސީއެމްގެ ނައިބު ރައީސް އަހްމަދު ތޮލާލު މިއަދު ޓީވީއެމް އަށް ދިން އިންޓަވިއުގައި ވިދާޅުވީ މިވަގުތު ގައުމަށް ދިމާވެފައިވާ ހިތްހަމަނުޖެހުމުން އަރައިގަންނަން މިއީ ލިބޭ ފުރުސަތަކަށް ވެގެންދާނެ ކަމަށެވެ. އަދި މިއަދުގެ ވޯޓުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް އިންތިޚާބުގެ ނަތީޖާ ހުރިހާ ފަރާތްތަކުން ގަބޫލު ކުރުމަށް ތޮލާލު ގޮވާލެއްވި އެވެ. އަދި އެއްވެސް ކަހަލަ ހަމަނުޖެހުމަކަށް މަގުފަހިވާ އެއްވެސް ކަމެއް ނުކުރުމަށާއި ޑިމޮކްރަޓިކް ނިޒާމެއްގައި ރައްޔިތުން އިއްވާ ބަސް އަމާންކަމާ އެކު ކުރިއަށް ގެންދިއުމަށް ވެސް ތޮލާލު އެދިވަޑައިގަތެވެ.

"އަޅުގަނޑު ގޮވާލަން ހުރިހާ ސިޔާސީ ފަރާތްތަކަށް ވެސް އިންތިޚާބުގެ ނަތީޖާ ގަބޫލުކުރުމަށް. އެއްވެސް ކަހަލަ ހަމަނުޖެހުމަކަށް ދާކަހަލަ ކަމެއް ނުކުރުމަށް އެދެން،" ތޮލާލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިހާތަނަށް އެންމެ ގިނައިން ފާހަގަ ކުރެވިފައި ވަނީ ވޯޓުލުމަށް ފަހު ވޯޓު ކަރުދާސްކޮޅު ދައްކާ މައްސަލަ ކަމަށެވެ. ތޮލާލު ވިދާޅުވީ ސިއްރު ވޯޓެއް ލުމުގެ ބޭނުމަކީ އެއްވެސް މީހެއްގެ ނުފޫޒެއް ނެތި ވޯޓުލުމުގެ ފުރުސަތު ދިނުން ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރުމުން ސިއްރު ވޯޓެއް ލުމުގެ މަފްހޫމާ ހިލާފުވެގެންދާ ކަމަށް ވެސް ތޮލާލް ވިދާޅުވި އެވެ.

ވޯޓު ގަނެ ވިއްކުމާއި އައިޑީ ކާޑު ގަނެ ވިއްކުން ފަދަ ކަންކަން ނުކުރުމަށް ވެސް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފަ އެވެ. ގައުމަށް އެންމެ ރަނގަޅު ގޮތް ހެދުމަށް ރައްޔިތުންނަށް ލިބޭ ފުރުސަތުގައި ޒިންމާދާރު ކަމާއެކީ ރަނގަޅު ގޮތުގައި އެ ހައްގުގެ ބޭނުން ކުރުމަށް ވެސް ތޮލާލް އެދިވަޑައިގަތެވެ.

ތޮލާލް ވިދާލުވީ އިންތިޚާބުގެ ކަންކަން އެޗްއާރުސީއެމުން މޮނިޓަކުރަމުން އަންނަ ކަމަށާއި އިންތިޚާބުގެ އިންތިޒާމްތައް ވެސް ކުރިއަށް ދަނީ މިނިވަންކަމާއި އިންސާފުވެރިކަމާ އެކު ކަމަށެވެ.