ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލުމަށް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާހުގެ ފެންވަރު ދައްކަމަށް ބުނެ ޕީޕީއެމްއިން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ޕީޕީއެމްގެ އިންތިޚާބީ ކޮމެޓީގެ މުގައްރިރު މުހައްމަދު ތޮލާލު މިއަދު ވިދާޅުވީ، ވޯޓުލާން ބޭނުންކުރާ ކަރުދާހުގެ ކޮލިޓީ ދަށްވުމުގެ މައްސަލަ އިލެކްޝަންސް ކޮމިޝަނަށް ވެސް މިހާރު ހުށަހަޅާފައިވާނެ ކަމަށެވެ.

"މިއަދު ބޭނުން ކުރަމުން މިގެންދާ ވޯޓު ކަރުދާހުގެ ކޮލިޓީއާ ދޭތެރޭގައި އަޅުގަނޑުމެން ވަރަށް ބޮޑަށް ކަންބޮޑުވޭ. އަދި އެކަމާ ވަރަށް ގިނަ ދިވެހި ރައްޔިތުން ވެސް އަޅުގަނޑުމެންނާ ގުޅުއްވައިގެން ކަންބޮޑުވުން ފާޅުކުރަމުން އެބަ ގެންދޭ،" ތޮލާލު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިފަހަރު ބޭނުން ކުރަމުން ގެންދާ ވޯޓުކަރުދާހުގެ "ސެކިއުރިޓީ ފީޗާސްތައް" ވެސް ނެތޭ ބުނެވޭހާ ބޮޑަށް އެކަން ފާހަގަ ކުރެވޭ ކަމަށެވެ.

"މިދިޔަ ފަހަރު ބޭނުންކުރި ވޯޓު ކަރުދާހާއި މިފަހަރު ބޭނުން ކުރަމުން ގެންދާ ވޯޓު ކަރުދާހުގެ ކޮލިޓީގެ ގޮތުން ތަފާތުވުމުގެ އިތުރުން މިފަހަރުގެ ވޯޓު ކަރުދާސް ހުރީ ވެސް ބްލެކް-އެންޑް-ވައިޓް ކޮށް ޕްރިންޓް ކޮށްފައި އަދި އޭގަ ސެކިއުރިޓީ ފީޗާސް ނެތޭ ބުނެވޭ ވަރަށް އޭގައި ސެކިއުރިޓީ ފީޗާސް ވަރަށް މަދުކޮށް މިހުންނަނީ،" ތޮލާލު ވިދާޅުވި އެވެ.

ތޮލާލު ވިދާޅުވީ ވޯޓުކަރުދާސް މިފަހަރު ތައްޔާރުކޮށްފައި ހުރިގޮތުން އެއާ އެއްގޮތަށް ވޯޓު ކަރުދާސް ތައްޔާރުކޮށްގެން ވޯޓްފޮށްޓަށް އިތުރަށް ކަރުދާސް އެޅުމުގެ ފުރުސަތު ވަރަށް ބޮޑުކަމަށެވެ.

"މި ވޯޓް ކަރުދާސް ހަދާފައި ހުރިގޮތުން ވަރަށް ފަސޭހައިން ތައްޔާރުކޮށްލައިގެން ނުވަތަ ބަދަލުކޮށްލައިގެން ދެވަނަ ފަހަރަށް ވޯޓުލުމުގެ ފުރުސަތު، ނުވަތަ އިތުރަށް ވޯޓްކަރުދާސް އެޅުމުގެ ފުރުސަތު ވެސް އޮތްކަމެއް ކަމުގައިވާތީވެ އަޅުގަނޑުމެން މިކަމާ ވަރަށް ކަންބޮޑުވޭ،" ތޮލާލު ވިދާޅުވި އެވެ.

ވޯޓްލާ ކަރުދާހުގެ ފެންވަރު ދަށްވުމުގެ މައްސަލަ އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަށް ޕީޕީއެމްއިން ގެނެސްފައިވާ އިރު ތޮލާލު ވިދާޅުވީ، ހުރިހާ ރައްޔިތުން ވެސް އެކަމަށް ވަރަށް ބޮޑަށް ސަމާލުވުމަށް އެ ޕާޓީން އިލްތިމާސް ކުރާ ކަމަށާއި އަދި އެފަދަ ކަމެއް ހިނގާތޯ ވޯޓް ފޮށިކައިރީގައި ތިއްބަވާ ޕާޓީތަކުގެ މަންދޫބުންނާއި މޮނިޓަރުންނާއި އޮބްޒާވަރުން ވެސް އެކަމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން ގެންގުޅޭ ވޯޓް ކަރުދާސް ނޫން ވޯޓް ކަރުދާހެއް ވޯޓު ފޮށްޓަށް ވައްޓާލާތޯ އަދި ވޯޓު ގުނަމުންދާއިރު ވެސް އިލެކްޝަންސް ކޮމިޝަނުން ތައްޔާރުކޮށްފައިވާ ވޯޓު ކަރުދާސް ނޫން ކަރުދާހެއް ފޮށީގައި އޮތްތޯ ބެލުމަށް ސަމާލުވުމަށް ވޯޓް ފޮށިކައިރީގައި ތިއްބަވާ ޕާޓީތަކުގެ މަންދޫބުންނާއި މޮނިޓަރުންނާއި އޮބްޒާވަރުންނަށް ދަންނަވަން،" ތޮލާލު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިފަހަރުގެ ވޯޓުލުމުގައި އިނގިލީގައި ނިޝާން ޖަހަން ބޭނުންކުރާ ދެލި ފޮހެވުމުގެ މައްސަލައާއި އަދި ބައެއް ވޯޓު ފޮށިތައްކައިރީ ވަކި ކެންޑިޑޭޓަކަށް ތާއީދުކުރުމަށް ދޭހަވާފަދަ "ޝިއާރެއް" ލިޔެފައިވާ ޓީޝާޓު ލައިގެން ބައެއް ފަރާތްތަކުން ހަރަކާތްތެރިވާ މައްސަލައެއް ވެސް އެ ޕާޓީން އިލެކްޝަންސް ކޮމިޝަންގެ ސަމާލުކަމަށް ގެނެސްފައި ވާނެ ކަމަށެވެ.