ވޯޓުލުމަށްފަހު ވޯޓު ކަރުދާސްކޮޅު ދައްކާ މައްސަލަ ބޮޑުވެ، ބައެއް މީހުން ހައްޔަރުކޮށްފި އެވެ.

ވޯޓުލުމަށްފަހު ވޯޓުކަރުދާސްކޮޅު ދެއްކި މައްސަލައާ ގުޅިގެން މިހާތަނަށް އަށް މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އެގޮތުން އެންމެ ފުރަތަމަ ހައްޔަރުކޮށްފައި ވަނީ އައްޑޫ ސިޓީ ހިތަދޫ މެދުވަލުގައި ބަހައްޓާފައި ހުރި ވޯޓު ފޮއްޓަށް ވޯޓުލީ މީހަކު ވޯޓް ކަރުދާސް ދެއްކުމާގުޅިގެން ނެވެ. އަދި އޭގެ ފަހުން ތިމަރަފުށިން ހަތަރު މީހަކާއި ފ. ފީއަލިން މީހަކާއި ލ. މުކުރިމަގުގެ އިތުރުން ރ. މީދޫން ވެސް ވަނީ މީހުން ހައްޔަރުކޮށްފަ އެވެ.

ފުލުހުން ބުނީ ވޯޓުލުމަށްފަހު ވޯޓު ކަރުދާސްކޮޅު ދެއްކި އެންމެން ވެސް ހައްޔަރުކޮށްފައިވާ ކަމަށާއި ނަމަވެސް އެ މީހުން އެކަން ކުރަނީ ކޮން ބޭނުމެއްގައިކަން ސާފުނުވާ ކަމަށެވެ. އަދި އެކަން ބަލަމުން އަންނަ ކަމަށެވެ.

މިއަދު ހެނދުނު 7:30 ގައި ވޯޓުލުން ފެށިގެން ކުރިއަށްދާއިރު، މިހާތަނަށް އެންމެ ގިނައިން ފެންމަތިވެފައި ވަނީ ވެސް ވޯޓުލުމަށްފަހު ވޯޓު ކަރުދާސްކޮޅު ދައްކާ މައްސަލަ އެވެ.