16 Nov 2013, 10:05
ވޮޝިންޓަން (ނޮވެމްބަރު 16): އެމެރިކާ އަށް ބޭރުން އިންޕޯޓްކުރާ ތެލުގެ މިންވަރަށް ވުރެ އެގައުމުން އުފައްދާ ތެލުގެ މިންވަރު ވޭތުވެދިޔަ 17 އަހަރު ތެރޭގައި ފުރަތަމަ ފަހަރަށް މައްޗަށް ހިނގައްޖެ އެވެ.
އެމެރިކާގެ އެނަރޖީ އިންފޮމޭޝަން އެޑްމިނިސްޓްރޭޝަން އިން ބުނީ މިދިޔަ އޮކްޓޯބަރު މަހު އެމެރިކާ އިން ދުވާލަކު 7.7 މިލިޔަން ފީފާ ތެޔޮ އުފައްދާފައިވާ ކަމަށާ އެމަހުގެ ތެރޭގައި ބޭރު ގައުމުތަކުން އެމެރިކާ އަށް އެތެރެކޮށްފައިވާ ތެލުގެ މިންވަރު މިއަށްވުރެ މަދުވެފައިވާ ކަމުގަ އެވެ.
ވައިޓް ހައުސްއިންވަނީ މިއީ ރައީސް ބަރަކް އޮބާމާގެ އިގްތިސާދީ ސިޔާސަތުތަކަށް ލިބުނު ކާމިޔާބީއެއް ކަމަށް ސިފަކޮށްފަ އެވެ. މިކަމާ ބެހޭ ގޮތުން ވައިޓް ހައުސްގެ ތަރްޖަމާން ޖޭ ކާނީ ވިދާޅުވީ މިދިޔަ އޮކްޓޯބަރު މަހަކީ ފާއިތުވި 24 އަހަރު ތެރޭގައި އެމެރިކާއިން އެންމެ ގިނަ އަދަދަކަށް ތެޔޮ އުފެއްދި މަސް ކަމަށާ މިއީ ހީނަރުވެފައިވާ އެމެރިކާގެ އިގްތިސާދަށް ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމުގަ އެވެ. އެމެރިކާގެ އެތެރޭގައި އުފައްދާ ތެލުގެ މިންވަރު މައްޗަށްދާ ނަމަ ބޭރުގެ ތެލަށް އެމެރިކާ ބަރޯސާވާ މިންވަރު ކުޑަވެ ތެޔޮއިންޕޯޓް ކުރުމަށް ކުރާ ޚަރަދު ކުޑަކުރެވިދާނެ ކަމަށް ކާނީ ވިދާޅުވި އެވެ.
އެމެރިކާގެ ތެލުގެ އުފެއްދުންތައް މައްޗަށް ދިޔައީ ޝޭލް އޮއިލް ޓެކްނޮލޮޖީ ބޭނުންކޮށްގެން އެމެރިކާގައި ތެޔޮ އުފައްދަމުން ގެންދިޔުމުގެ ސަބަބުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މިޓެކްނޮލޮޖީގެ ސަބަބުން އެމެރިކާގައި އުފައްދާ ތެލުގެ މިންވަރު ކައިރި މުސްތަގްބަލެއްގައި ވަރަށްބޮޑަށް އިތުރުވެގެންދާނެ ކަމަށާ މިއާއެކު ވެސް އެމެރިކާ އަށް ބޭނުންވާ މިންވަރަށް ތެޔޮއުފެއްދުމުގެ ގާބިލްކަން އެމެރިކާ އަށް ނުލިބޭނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ވައިޓް ހައުސްގެ ތަރްޖަމާން ވިދާޅުވީ އެމެރިކާ އިންޕޯޓްކުރާ ތެލުގެ މިންވަރަށްވުރެ އެގައުމުން އުފައްދާ ތެލުގެ މިންވަރު މައްޗަށް ދިޔައީ ފިއުލް ބޭނުންކުރުން މަދުކުރުމަށް ރައީސް ބަރަކް އޮބާމާގެ ސަރުކާރުން ތަންފީޒުކުރަން ފަށާފައިވާ ސިޔާސަތުތަކުގެ ސަބަބުން ކަމަށާ މިކަމުގެ ސަބަބުން އެމެރިކާގެ އިޤްތިސާދަށް ބޮޑު ފައިދާތަކެއް ކުރާނެ ކަމުގަ އެވެ. (ނޫސްއެޖެންސީތައް)