އައްޑު އަތޮޅު ހިތަދޫން ފަސް އަހަރުގެ އަންހެންކުއްޖަކާ ބަދުއަޚްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ކާފަ ފުލުހުން ހައްޔަރުކޮށްފި އެވެ.


އައްޑު އަތޮޅު ޕޮލިސް ސްޓޭޝަނުން ވާހަކަދެއްކެވި އިންސްޕެކްޓާ އޮފް ޕޮލިސް، އަބްދުﷲ ރިޔާޒް ވިދާޅުވީ، ކުޑަކުއްޖަކާ ބަދުއަޚްލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގެ އުމުރުން 72 އަހަރުގެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ޑިސެމްބަރު 2، 2010 ގެ އިރުއްއްސުނު ހާއިރު އޭނާ ހައްޔަރުކުރީ ފުލުހުންނަށް ލިބުނު ރިޕޯޓަކާ ގުޅިގެން ކަމަށާއި ޖެންޑާ މިނިސްޓްރީއާ ގުޅިގެން މިހާރު އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ރިޔާޒް ވިދާޅުވި އެވެ.


ރިޔާޒް ވިދާޅުވީ، ކުއްޖާއަށް ޖިންސީ ހާނިއްކަ ލިބިފައިވާ ކަމަށް އެކުއްޖާ ބެއްލެވި ޑޮކްޓަރު ވިދާޅުވެފައިވާ ކަމަށެވެ. ނަމަވެސް، ކުއްޖާއާ ގުޅޭ އިތުރު އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.


ސަން އޮންލައިން އެނގިފައިވާ ގޮތުގައި މި މައްސަލައާ ގުޅިގެން ކުއްޖާގެ އާއިލާ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލުތަފާތުވުންތަކެއް ވެސް ވަނީ އުފެދި އެވެ.


އެރަށުން ވާހަކަ ދެއްކި މީހަކު ނަން ނުޖެހުމަށް ޝަރުތުކޮށް ބުނީ، އެ ކުއްޖާގެ ކާފަ އަކީ ފަސް ވަގުތު ބަރާބަރަށް ނަމާދު ކުރާ މީހެއް ކަމަށާއި އަދި އެކަހަލަ އަމަލެއް ނުހިންގާނެ ކަމަށް ބުނެ އޭނާގެ ދަރިން ފުލުސް އޮފީހަށް ގުޅަމުންދާ ކަމަށެވެ. އަދި އެ އާއިލާ ތެރޭގައި މީގެ ކުރިން ވެސް ތަފާތު މައްސަލަތައް ޖެހިގެން ފުލުހުންނާ ހިސާބަށް ގޮސްފައިވާ ކަމަށް ވެސް އޭނާ ކިޔައިދިނެވެ.