16 Nov 2013, 09:57
ޓްރިޕޮލީ (ނޮވެމްބަރު 16): ލީބިޔާގެ ވެރިރަށް ޓްރިޕޮލީގައި އިއްޔެ ހަވީރު މުޒާހަރާކުރަމުން ގެންދިޔަ ބަޔަކަށް އަމާޒުކޮށް އެގައުމުގެ ހަތިޔާރުއެޅި މިލީޝިޔާއަކުން ދިން ބަޑީގެ ޙަމަލާތަކެއްގައި 40 މީހަކު މަރުވެ 400 އެއްހާ މީހުން ޒަޚަމްވެއްޖެ އެވެ.
ލީބިޔާ ސަރުކާރުގެ ކޮންޓްރޯލުން ބޭރުގައި ނުކިޔަމަންތެރިކަމާ އެކު ހިތުހުރި ގޮތަކަށް ހަރަކާތްތެރިވަމުންދާ ހަތިޔާރުއެޅި ޖަމާއަތްތަކުން ހިންގި މިޖަރީމާ ލީބިޔާ ސަރުކާރުން ސިފަކޮށްފައި ވަނީ ގަތްލު އާންމެއްގެ ގޮތުގަ އެވެ. ޓްރިޕޮލީގެ ދެކުނުގެ ގަރްގޫރު އަވަށުގައި ޙަރަކާތްތެރިވަމުން ދިޔަ މިލީޝިޔާއެއްގެ މަރުކަޒެއްގެ ކައިރީގައި ސުލްޙަވެރިކަމާ އެކު މުޒާހަރާކުރި މީހުންގެ ގަޔަށް އެމަރުކަޒުގައި ތިބި ހަނގުރާމަވެރިން ބަޑިޖެހީ މުޒާހަރާކުރާ މީހުން އެމަރުކަޒާ ގާތްވަމުން ދިޔުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ.
ގަރްގޫރު އަވަށުގެ ރައްޔިތުން ސުލްޙަވެރިކަމާ އެކު މުޒާހަރާ ކުރަމުން ދިޔައީ ނަސޫރު ނަމަކަށްކިޔާ މިލީޝިޔާއަކުން އެސަރަހައްދަށް އަތްގަދަކޮށްގެން އުޅޭތީ އެކަމާދެކޮޅުހެދުމުގެ ގޮތުންނެވެ. މިގާތްލު އާންމާ ގުޅިގެން ލީބިޔާ ސިފައިންގެ ކޮމާންޑޯސް ސިފައިންގެ ބަޔަކުވަނީ ނަސޫރު މިލީޝިޔާގެ މަރުކަޒަށް ކުއްލި ޙާލަތުގައި ހަތިޔާރާއެކު ވަދެގަނެ ހަނގުރާމަވެރިން ހައްޔަރުކުރުމުގެ ޚާއްސަ އޮޕަރޭޝަނެއް ފަށާފަ އެވެ. މިއޮޕަރޭޝަން މިހާރު ވެސް ކުރިޔަށްދާކަމަށާ ލީބިޔާ ސަރުކާރުގެ ކޮމާންޑޯސް އިންނާއި ނަސޫރު މިލީޝިޔާގެ ހަނގުރާމަވެރިންނާ ދެމެދު މިހާރު ވެސް ވަރުގަދައަށް ހަނގުރާމަ ހިނގައި ޙަމަލާތައް ބަދަލުކުރެވުންދާ ކަމަށް އަލްޖަޒީރާ ބުނެ އެވެ.
ލީބިޔާގެ ސިއްޙަތާ ބެހޭ ވުޒާރާ އިން ވަނީ މިލީޝިޔާ ހަނގުރާމަވެރިން ދިން ބަޑީގެ ޙަމަލާތަކުގައި 40 މީހަކު މަރުވެ 400 އެއްހާ މީހުން ޒަޚަމްވެފައިވާ ކަން ކަށަވަރުކޮށްދީފަ އެވެ. އަދި ޒަޚަމްވެފައިވާ ބައެއް މީހުންގެ ފުރާނަ އަށް ނުރައްކާވެފައި ވާތީ މަރުވާމީހުންގެ ޢަދަދު 40 އަށްވުރެ އިތުވުން އެކަށީގެންވާ ކަމަށް ލީބިޔާގެ ސިއްޙަތާ ބެހޭ ވަޒީރު ނޫރައްދީން ދަޣްމާން ވިދާޅުވި އެވެ.
ލީބިޔާގެ ކުރީގެ ޒަޢީމް ކާނަލް މުޢައްމަރުލްގައްޒާފީގެ ވެރިކަން 2011 ވަނަ އަހަރު ވައްޓާލުމަށް ފަހު އެގައުމަށް ކުރިމަތިވެފައިވާ މައްސަލައަކީ ގައްޒާފީގެ ވެރިކަން ވައްޓާލުމަށް ހަނގުރާމަކުރި ޒުވާން ހަނގުރާމަވެރިން ހަތިޔާރު ނުބަހައްޓައި އެމީހުންގެ އަމިއްލަ މަގްސަދްތައް ހަތިޔާރުގެ ބޭނުންކޮށްގެން ހާސިލް ކުރުމަށް މަސައްކަތް ކުރަމުން ގެންދިޔުމެވެ. މިކަމުގެ ސަބަބުން ލީބިޔާގެ ޙާލަތުދަނީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ.
ލީބިޔާގެ ސިފައިންގެ ކުރީގެ ލަޝްކަރުތައް ރޫޅިފައިވާތީ އާއި ލީބިޔާ ސިފައިންގެ އަތުގައި ކުރިންހުރި ހަތޔާރުތައް މިލީޝިޔާތަކުގެ އަތްދަށުގައި ވާތީ މިލީޝިޔާތަކުގެ ބާރު ލީބިޔާގައި ވަނީ އާދަޔާ ޚިލާފަށް ގަދަވެފަ އެވެ. ލީބިޔާއަކީ ބިމުގެ ގޮތުން ބިޔަ ގައުމަކަށްވެފައި މިހާރު އެކުލަވާލަމުންދާ ސިފައިންގެ އައު ލަޝްކަރުތަކުގެ އަދަދު މަދުވެފައި ތަޖްރިބާ ކުޑަވެފައި ޒަމާނީ ހަތިޔާރާއި ތަމްރީން ފުރިހަމައަށް އަދި ލިބިފައިނެތުމުން އައު ލަޝްކަރުތައް ވަނީ ހަނގުރާމަވެރި މިލީޝިޔާތަކާ ކުރިމަތިލައިގެން އެޖަމާއަތްތައް ބަލިކުރުމަށް ނުކުޅެދިފައެވެ. (އަލްޖަޒީރާ)