16 Nov 2013, 09:19
ވ. ފުލިދޫގައި ވޯޓުލި މީހުންގެ އިނގިލީގައި ނިޝާން ފޮހެވޭތީ، ކަށި އިނގިލީގެ ފުރަތަމަ ބަދައިގައި އެއްކޮށް ދެލި ހާކަން ފަށައިފި އެވެ.
ފުލިދޫގައި ވޯޓުލާ މީހުންގެ އިނގިލީގެ ނިޝާން ފަސޭހަކަމާއެކު ފޮހެވޭތީ އެ ރަށުގައި ވޯޓުލުން 15 މިނިޓަށް މެދުކެނޑުނެވެ. ވޯޓުލުން މެދުކަނޑައިލީ މިއަދު ހެނދުނު 8:15ގަ އެވެ. އިނގިލީގެ ނިޝާން ފޮހެވޭ މައްސަލަ ފުލިދޫ އަތޮޅު މަދަރުސާގައި ބަހައްޓާފައި ހުރި ވޯޓުފޮށީގެ ވެރިޔާގެ ސަމާލު ކަމަށް ގެނައީ އެ މަރުކަޒުގައި ހުރި ޕީޕީއެމްގެ އޮބްޒާވަރެކެވެ.
ފުލިދޫގައި ހުރި ސަންގެ މޮނީޓަރު އަބްދުﷲ ނިޔާޒު ބުނީ އިނގިލީގެ ނިޝާން ފޮހެވޭ މައްސަލާގައި އިލެކްޝަންސް ކޮމިޝަނުން އަންގާފައި ވަނީ ނިޝާން ފޮހެވޭ މީހުންގެ ވައަތު ކަށި އިނގިލި ދޮވެލުމަށްފަހު ދެލި ފުޅިތެރެއަށް އިނގިލީގެ ފުރަތަމަ ބަދަޔާ ހިސާބަށް ލުމަށް ކަމަށެވެ.
"އިނގިލި ފުރަތަމަ ދޮވެލުމަށްފަހު، ޓިޝޫ ކޮޅަކުން ދޮވެލައި ފުޅިތެރެއަށްލުމަން އެންގީ. މިހާތަނަށް އެގޮތަށް އަމަލު ކުރަނީ ނިޝާން ފޮހެވީ މީހުން އެކަނި،" ފުލިދޫ ވޯޓު ފޮށީގެ ވެރިޔާ އިސްމާއިލް ޝަރީފާ ހަވާލާދީ ސަންގެ މޮނީޓަރު ބުންޏެވެ.
ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެއްދި ފަހުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި ރިޔާސީ އިންތިހާބު ނުވަތަ 2008ގައި ބޭއްވި ރިޔާސީ އިންތިހާބުގައި އިނގިލީގެ ނިޝަން ޖެހީ އިނގިލީގެ ފުރަތަމަ ބަދަޔާ ހިސާބަށެވެ. ނިޝާން ޖެހީ އިނގިލި ފުޅިތެރެއަށް ލައިގެންނެވެ.
ނަމަވެސް މިއަހަރު ބޭއްވި ރިޔާސީ އިންތިހާބުގައި މިހާތަނަށް އިނގިލީގެ ނިޝާން ޖަހާފައި ވަނީ ނިޔަފަތީގެ ނިޔަރޮއްޖާ ދިމާލުން ރޮނގަކަށެވެ.