15 Nov 2013, 22:58
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ފަށާނީ ހެނދުނު 7:30 ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ.
ސަން އަށް މައުލޫމާތު ދެއްވަމުން އިލެކްޝަންސް ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް އާސިމް އަބްދުއްސައްތާރު ވިދާޅުވީ މާދަމާ ހެނދުނު 7:30 އިން ފެށިގެން ހަވީރު 4:00އާ ހަމައަށް ވޯޓުލުން ކުރިއަށްދާނެ ކަމަށެވެ.
އޭނާ ވިދާޅުވީ 4:00އާ ހަމައަށް ކިޔުގައި ތިބޭ ފަރާތްތައް ފިޔަވައި، އޭގެފަހުން ވޯޓުލާންދާ ފަރާތްތަކަށް ވޯޓުލުމަށް ފުރުސަތު ނުދެވޭނެ ކަމަށެވެ.
ރާއްޖެ އިން ބޭރުގައި ވޯޓުލާ ގަޑިތައް ވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ އާންމުކޮށްފަ އެވެ. އެގޮތުން އިންޑިއާގެ ޓުރިވެންޑްރަމް އާއި ނިއުދިއްލީގައި ވޯޓުލުން ފެށޭނީ އެ ސަރަހައްދުގެ ގަޑިން ހެނދުނު 8:00 ގައި ކަމަށާއި އަދި ވޯޓުލުން ނިންމުމަށް ހަމަޖެހިފައި ވަނީ ހަވީރު 4:30ގައި ކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ބުނެފަ އެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ ސްރީލަންކާގެ ކޮލަމްބޯގައި ބަހައްޓާ ވޯޓު ފޮއްޓަށް ވޯޓުލުން ފަށަނީ ވެސް އެ ގައުމުގެ ގަޑިން ހެނދުނު 8:00 އިން ހަވީރު 4:30 ގެ ނިޔަލަށް ކަމަށެވެ.
ލަންޑަނުގައި ވޯޓުލުން ފަށާނީ އެގައުމުގެ ގަޑިން ހެނދުނު 9:00 އަކުން ފެށިގެން ހަވީރު 5:30 ވަންދެން ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.
މެލޭޝިއާ އާއި ސިންގަޕޫރުގައި ވޯޓުލުން ފެށޭނީ އެގައުމުގެ ގަޑިން ހެނދުނު 10:30 އިން ފެށިގެން ރޭގަނޑު 7:00 އަށް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުންޏެވެ.