15 Nov 2013, 18:49
ރިޔާސީ އިންތިހާބުގެ ފަހު ކެމްޕޭން ހަރަކާތްތައް އެންމެ ފޯރިޔާ އެކު ކުރިއަށް ދިޔަ މާލޭގެ މަގުތައް ކެމްޕޭން ކަރުދާހުން ފުރި، ފުނި ޖެހިއްޖެ އެވެ.
މާލޭގައި މިއަދު ކުރިއަށް ދިޔަ ސިޔާސީ ކެމްޕޭން ރެލީތަކުގައި ކުދިބޮޑު ގިނަ ބަޔަކު ބައިވެރިވިޔެވެ. ކެމްޕޭން ހަރުދާސް އެންމެ ގިނައިން އަޅާފައި ވަނީ އެންމެ ބޮޑު ދެ ޕާޓީގެ ރެލީތައް ކުރިއަށް ގެންދިޔަ ބޮޑުތަކުރުފާނު މަގާއި މަޖީދީމަގާއި އަމީނީމަގަށެވެ. މާލޭގައި ކުރިއަށް ގެންދިޔަ ވެހިކަލް ބުރުތަކާއި ޕެރޭޑުތަކުގައި ވަނީ ރިޔާސީ ކެންޑިޑޭޓުންގެ ފޮޓޯތަކާއި ޝިޔާރުތަކާއި ޕާޓީތަކުގެ ވައުދުތަކުގެ ހިމެނޭ ލުއިފޮތްތަކަމެއް މަގުތަކަށް އަޅާފަ އެވެ. އަދި ބިއްމައްޗަށް ކަރުދާސްތައް އަޅައި މަގުތައް ކުނިބުނިން ފަތުރާލާފައިވެ އެވެ.
މާލޭ ސިޓީ ކައުންސިލްގެ މޭޔަރު މައިޒާން އަލި މަނިކު ވިދާޅުވީ މާލޭގެ ހުރިހާ މަގުތަކެއްގައި ފުނިޖެހިފައި ހުރި ކެމްޕޭން ކަރުދާސްތައް ނަގައި މުޅި މާލެ މިރޭ 8:30 ގެ ކުރިން ސާފު ކުރާނެ ކަމަށެވެ. އަދި މާދަމާ ރައްޔިތުން ވޯޓަށް ނުކުންނަ އިރު އެފަދަ ކަރުދާސްތައް ބިންމަތީގައި ނުހުންނާނެ ކަމަށް އަލި މަނިކު ވިދާޅުވި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް މާލޭގައި ވޯޓުލާން ނުކުތް އިރު ވޯޓުލާ ގިނަ މަރުކަޒުތަކުގެ ކުރިމައްޗަށް ކެމްޕޭން މެޓީރިއަލް އަޅާފައި ހުއްޓެވެ.
އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 44 ވަނަ މާއްދާގައިވާ ގޮތުން އިންތިޚާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 6:00އާ ދެމެދު ތާއީދު ހޯދުމަށް އެއްވެސް ހަރަކާތެއް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާ ފަދަ އެއްވެސް އަމަލެއް ހިންގުމަކީ މަނާ ކަމެކެވެ.