15 Nov 2013, 18:07
މާދަމާ ބާއްވާ ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ފަހު ކެމްޕޭން ހަރަކާތްތައް އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ފަރާތުން މާލެ އާއި އަތޮޅުތަކުގައި ކުރިއަށް ގެންގޮސް ނިންމާލައިފި އެވެ.
ރިޔާސީ އިންތިހާބުގެ އެންމެ ފަހުގެ ކެމްޕޭން ހަރަކާތްތައް އެންމެ ކުލަ ގަދަކޮށް ކުރިއަށް ގެންދިޔައީ މާލޭގަ އެވެ. ރިޔާސީ އިންތިހާބުގެ ފަހު ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމިން ވެސް މާލޭގައި ބޭއްވި ކެމްޕޭން ހަރަކާތްތަކުގައި ބައިވެރިވި އެވެ.
ޕީޕީއެމާ ގުޅިފައިވާ ޕާޓީތަކުގެ އިސް ބޭފުޅުންނާއި ގިނަ ސަޕޯޓަރުންނާއެކު ޔާމިންގެ ކެމްޕޭން ފެށީ އަލިމަސްކާނިވާ އުތުރުން ބައިބަލާ ކުޅޭ ސަރަހައްދުންނެވެ. މާލޭގެ ބޮޑެތި މަގުތަކުގައި ކެންޕެއިން ހަރަކާތްތައް ކުރިއަށްގެންދިޔުމަށްފަހު ޕީޕީއެމްގެ ކެންޕެއިން ނިންމާލާފައި ޚާއްސަ ދުއާއަކުންނެވެ. ޕީޕީއެމުން ކެމްޕޭން ހަރަކާތް މާލޭގައި ކުރިއަށް ގެންދިޔައީ ޕިކަޕްތަކާއި ސައިކަލްތަކުގަ އެވެ. ޕީޕީއެމް ކެމްޕޭން ހަރަކާތުގައި އެ ޕާޓީގެ ރައީސް މައުމޫން އާއި ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމާއި އަދާލަތުގެ ރައީސް އިމްރާން އަބްދުﷲ ބައިވެރިވެވަޑައިގެންނެވި އެވެ.
އެމްޑީޕީގެ ކެންޕެއިން ހަރަކާތްތައް ފަށާފައި ވަނީ ގިނަ ސަޕޯޓަރުންތަކަކާއެކު ރާޅުގަނޑު ސަރަހައްދުންނެވެ. އެމްޑީޕީން ކުރިއަށް ގެންދިޔަ "ޕެރޭޑް" މާލޭގެ ބޮޑެތި މަގުތަކުން ގޮސް ނިންމާލާފައި ވަނީ ރާޅުގަނޑު ސަރަހައްދަށެވެ. ޕެރޭޑް ނިންމާލާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ފަހު ބަސްކޮޅުންނެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނީ މިއަދު އިރުއޮއްސި 6:00 ފެށިގެން ހޯމަ ދުވަހުގެ ހެނދުނު 6:00އާ ހަމަޔަށް ކެމްޕޭން އެއްވެސް ހަރަކާތްތެއް ހިންގުމަކީ މަނާ ކަމެއް ކަމަށެވެ.
އިންތިޚާބުތަކާ ބެހޭ ޢާންމު ޤާނޫނުގެ 44 ވަނަ މާއްދާގައި ވާގޮތުން އިންތިޚާބެއްގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 ން ފެށިގެން ވޯޓުނަގާ ދުވަހުގެ ފަހުދުވަހުގެ ހެނދުނު 6:00އާ ދެމެދު ތާއީދު ހޯދުމަށް އެއްވެސް ހަރަކާތެއް ނުވަތަ ތާއީދު ހޯދުމަށް މަގުފަހިވާފަދަ އެއްވެސް ޢަމަލެއްހިންގުމަކީ މަނާ ކަމެކެވެ.