ޓޮރޮންޓޯ (ނޮވެމްބަރު 15) : ކެނެޑާއާއި ދުނިޔޭގެ އެތަށް ގައުމެއްގައި ކުޑަކުދިންނާ ޖިންސީގޮތުންބެހި ކުޑަކުދިން ޖިންސީ ޝިކާރައަކަށް ހެދުމަށް މަސައްކަތްކުރި ވިއުގައެއްގެ ބަޔަކު ހައްޔަރުކޮށްފިކަން ކެނެޑާއިން ހާމަކޮށްފިއެވެ.

ކެނެޑާގެ ފުލުހުންބުނީ އިންޓަނެޓް ބޭނުންކޮށްގެން ކުޑަކުދިން ޖިންސީ ޝިކާރައަކަށް ހެދުމަށް މަސައްކަތްކުރި ނުރައްކާތެރި ވިއުގައިގާ ހިމެނޭ 348 މީހަކު ހައްޔަރުކޮށްފައިވަނީ މިކަމަށްޓަކައި ތިންއަހަރުވާންދެން ކުރެވުނު ޖާސޫސީ މަސައްކަތްތަކެއްގެ އެހީގައެވެ.

ކެނެޑާގެ ފުލުހުން މިކަމާބެހޭގޮތުން މިހާތަނަށް ކުރި ތަހްގީގްތަކުން ހާމަވެފައިވަނީ އެގައުމުގެ ޓޮރެންޓޯގައި ހުންނަ ކުންފުންޏަކުން ކުޑަކުދިންގެ ޖިންސީ ފިލްމުތައް އުފައްދައިގެން ކުޑަކުދިން ހަލާކުކުރުމަށްޓަކައި ދުނިޔޭގެ 49 ގައުމެއްގެ ކުޑަކުދިންނަށް ވިއްކާފައިވާ ކަމުގައެވެ. ފިލްމު އުފެއްދުމުގެ ފަންނީ މަސައްކަތްތަކެއް ކުރާކަމަށް ހެދިގެން އެކުންފުނިން ސިއްރިޔާތުގައި މަސައްކަތްކުރަމުން ގެންދިޔައީ ކުޑަކުދިން ޖިންސީގޮތުން ޝިކާރަ ކުރުމަށް ކަމަށްވެސް ކެނެޑާގެ ފުލުހުން ބުނެއެވެ.
މިޖަރީމާއާ ގުޅިގެން ކެނެޑާއިން 108 މީހުން ހައްޔަރުކޮށްފައިވާއިރު އެމެރިކާއިން ވަނީ މިވިއުގައިގާ ހިމެނޭ 76 މީހަކު ހައްޔަރުކޮށްފައެވެ. އަދި މިޖަރީމާއާ ގުޅިގެން އިތުރު 47 ގައުމެއްގައި 164 މީހަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ކެނެޑާއިން ވަނީ ހާމަކޮށްފައެވެ.

މިޖަރީމާ ހިންގި ފަރާތްތައް ހައްޔަރުކުރުމަށް ކެނެޑާގެ ފުލުހުން އިސްކޮށް ތިބިގެން ހިންގި އޮޕަރޭޝަންގެ ސަބަބުން ދުނިޔޭގެ އެތަށް ގައުމަކުން 400 އަށްވުރެ ގިނަ ކުޑަކުދިން ސަލާމަތް ކުރެވިފައިވާ ކަމަށް ކެނެޑާގެ ފުލުހުންގެ އިނިސްޕެކްޓަރެއް ކަމަށްވާ ޖޮއްނާ ބީވަން ޑެޖާޑިންސް ވިދާޅުވިއެވެ. (ނޫސްއެޖެންސީތައް)