15 Nov 2013, 14:22
ޤާހިރާ (ނޮވެމްބަރު 15): މިސްރުން ރަޝިޔާ އެކު ޢަސްކަރީ އަދި ސިޔާސީ ގުޅުންތައް ބަދަހިކުރަމުން ގެންދާނެ ކަމަށް މިސްރުގެ ޚާރިޖީ ވަޒީރު ނަބީލް ފަހްމީ ވިދާޅުވެއްޖެ އެވެ.
ފަހްމީ މިހެން ވިދާޅުވީ މިސްރަށް މިހާރު ވަޑައިގެން އުޅުއްވާ ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވް އާ ބައްދަލުކުރެއްވުމަށް ފަހު ނޫސްވެރިންނަށް މަޢްލޫމާތު ދެއްވަމުންނެވެ. މިސްރުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް ޓަކައި ރަޝިޔާގެ ޚާރިޖީ ވަޒީރު ސަރްގީ ލާވްރޯވްގެ އިތުރުން އެގައުމުގެ ދިފާޢީ ވަޒީރު ސަރްގީ ޝުވޭޖޫވެސް ވަނީ ގާހިރާ އަށް ވަޑައިގެންފަ އެވެ. މީގެއިތުރުން ފާއިތުވި 22 އަހަރު ތެރޭގައި މިސްރުގެ ބަނދަރަކަށް ޒިޔާރަތް ނުކުރާވަރުގެ ރަޝިޔާގެ ޢަސްކަރީ ބޮޑު މަނަވަރެއް މިދިޔަ އާދީއްތަ ދުވަހުވަނީ މިސްރުގެ ދެވަނަ ސިޓީ ކަމަށްވާ އިސްކަންދަރިއްޔާގެ ކައިރީގައި ބަނދަރުކޮށްފަ އެވެ.
މިސްރުން ރަޝިޔާ އެކު ޢަސްކަރީ އަދި ސިޔާސީ ގުޅުންތައް ބަދަހިކުރަމުން ގެންދާކަން ހާމަކޮށްފައިވާ އިރު ދެގައުމުގެ ވިސްނުންހުރީ ޢަސްކަރީ ގުޅުންތައް މުސްތަގްބަލްގައި ސްޓްރެޓީޖިކް ގުޅުންތަކަކަށް ބަދަލުކުރުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި ރަޝިޔާގެ ދިފާޢީ ވަޒީރުގެ ދަތުރުފުޅުގައި ރަޝިޔާގެ ޒަމާނީ ހަތިޔާރު މިސްރަށް ފޯރުކޮށްދިނުމުގެ މަޝްވަރާތައް ވެސް ހިމެނޭކަމަށް މިސްރުގެ މީޑިޔާ ބުނެ އެވެ. މިސްރުން ރަޝިޔާގެ ހަތިޔާރާ ދިމާއަށް މިސްރާބު ޖަހާފައިވާއިރު ފާއިތުވި 40 ހަކަށް އަހަރު ތެރޭގައި މިސްރުގެ ދިފާޢަށް އެގައުން ބަރޯސާކޮށްފައިވާ މައިގަނޑު ގައުމަކީ އެމެރިކާ އެވެ.
ނަމަވެސް 2011 ވަނަ އަހަރުގެ ޢަރަބި ރަބީޢުގައި މިސްރުގެ ކުރީގެ ރައީސް ޙުސްނީ މުބާރަކްގެ ވެރިކަން ވެއްޓުމާ އެކު އެމެރިކާގެ ކޮންޓްރޯލް މިސްރުންވަނީ ގެއްލިފަ އެވެ. މުބާރަކަކީ އެމެރިކާގެ ތާއީދާއެކު ޚުދުމުޚްތާރު އަދި ދިގުލީ ވެރިކަމެއް މިސްރުގައި ކުރެއްވަމުން ގެންދެވި އަދި އެމެރިކާގެ މަސްލަޙަތުތައް ޢަރަބީންގެ ތެރޭގައި ހިމާޔަތް ކުރެއްވުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތު ކުރެވިފައިވާ ބޭފުޅެކެވެ.
މުބާރަކުގެ ވެރިކަން ވެއްޓި ޑރ. މުރުސީގެ ވެރިކަން ފެށުމާ އެކު އެމެރިކާއާއި މިސްރާ ދެމެދު ދެބަސްވުންތައް ފެންމަތިވެ އެމެރިކާ ވަނީ މިސްރަށް ދެމުން ގެންދިޔަ ޢަސްކަރީ އެހީތަކުގެ ބައެއްވެސް ކަނޑާލުމަށް ނިންމާފަ އެވެ.
ނަމަވެސް މިސްރުގެ ސިފައިން އެގައުމުގެ ކުރީގެ ރައީސް މުޙައްމަދު މުރުސީގެ ދިމުޤްރާތީ ސަރުކާރު ވައްޓާލި މައްސަލައާ ގުޅިގެން ޑިމޮކްރަސީ ހިމާޔަތް ކުރުމުގެ ނަމުގައި މިފަދަ ޙާލަތްތަކުގައި އެހެންގައުމުތަކާ ދެކޮޅަށް އަޅާފަދަ އެއްވެސް ފިޔަވަޅެއް މިސްރާ ދެކޮޅަށް އެޅުމުގެ ހިއްވަރު އެމެރިކާގެ ކިބާގައިނެތްކަން ފެންނަމުންދާ ކަމަށް މުރާސިލުން ބުނެ އެވެ. (ނޫސްއެޖެންސީތައް)