އެއީ މީގެ ފަސް މަސް ދުވަސް ކުރި އެވެ. ކުއްލިއަކަށް ރައްޔިތުން ސިއްސުވާލީ، ޖޫން 29 ވީ އަންގާރަ ދުވަހު ހަވީރު މުޅި ކެބިނެޓް އެއްފަހަރާ އިސްތިއުފާ ދެއްވި ހަބަރުންނެވެ.


ވަޒީރުން އިސްތިއުފާ ދެއްވީ އެބޭފުޅުންގެ މަސައްކަތަށް ރައްޔިތުންގެ މަޖިލީހުން އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ އެވެ. ހުއްޖަތަކަށް ދެއްކެވީ، އޭގެ އެއް ދުވަސަ ކުރިން ފާސްކުރި، ސަރުކާރުގެ އެއްވެސް މުދަލެއް މަޖިލީހުގެ ރުހުން ނެތި ވިއްކައި ކުއްޔަށް ނުދެވޭނެ ކަމަށް ބުނާ، މާލިއްޔަތު ޤާނޫނަށް ގެނައި އިސްލާހެވެ.


ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވި ދުވަހު އިރުއޮއްސުނީ، ޤާނޫނީ ސަރުކާރެއް ވައްޓާލަން އުޅުއްވި ކަމުގެ ތުހުމަތުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު،  އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމާއި ޕީއޭގެ ލީޑަރު އަދި ރައްޔިތުން މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރު އަބްދުﷲ ޔާމީނާ ދެ ބޭފުޅުން ފުލުހުން ހައްޔަރު ކުރައްވައިގެން ދޫނިދުއަށް ގެންދެވުމާ އެކު އެވެ. ނަމަވެސް ތަހުގީގައި ދެ ބޭފުޅުން ވެސް ބޭނުން ކުރެއްވީ ހަނު ހުރުމުގެ ހައްގެވެ.


އޭގެ ފަހުން ޖިނާއީ ކޯޓުގެ ހުކުމް އައީ ޤާސީމާއި ޔާމީން ފުލުހުންގެ ތަހުގީގަށް ތިން ދުވަހަށް ގޭ ބަންދު ކުރުމަށެވެ. އަދި އެ ދެ ބޭފުޅުންގެ ގެ ގޮޅު ބަލައި ފާސްކުރުމުގެ ހުއްދަ ކޯޓުން ފުލުހުންނަށް ދިނެވެ. އެ ދެ ބޭފުޅުންގެ މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވަނީ ރައީސް އޮފީހުން ކަމަށް ކޯޓުގައި ފުލުހުން ބުނެފައިވެ އެވެ.


ޖެހިގެން އައި މަހުގެ ހަތަރު ވަނަ ދުވަސް، ޖުލައި4، ވަނަ ދުވަސް ފާހަގަ ކުރެވެނީ ރައްޔިތުން މަޖިލީހުގެ ބައެއް މެންބަރުންގެ ފޯނު ކޯލުތަކެއް ލީކުވި ދުވަހަހެއްގެ ގޮތުގަ އެވެ. އެ އޯޑިއޯ ކްލިޕްތަކުގައި ވާހަކަ ދައްކަވާފައި ހުރީ، ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދާއި ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނަޒިމާއި، ސަރުކާރު ވައްޓާލުމަށް މަސައްކަތް ކުރި ކަމުގެ ތުހުމަތުގައި އޭރުވެސް ބަންދުގައި ތިއްބެވި ޔާމީނާއި ޤާސިމް އިބުރާހީމެވެ.


އޯޑިއޯ ކްލިޕްތައް ލީކުވުމާގުޅިގެން ރައްޔިތުން މަޖިލީހުން ކޮރޮޕްޝަން ނައްތާލުމަށް ގޮވާލައި އެމްޑީޕީން ސިލްސިލާ މުޒާހަރާތަކެއް ކުރަންފެށި އެވެ.


ޖުލައި 7 ވަނަ ދުވަހު ރައްޔިތުން މަޖިލީހުން އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ އިސްތިއުފާ ދެއްވި ކެބިނެޓް މިނިސްޓަރުން އަލުން އެކުލަވާލެވުނެވެ. ކެބިނެޓް އަލުން އެކުލަވާލެވުނު ކަމުގައި ވިއަސް ރައްޔިތުން މަޖިލީހުން ކުރިން ނުލިބުނު އެއްބާރުލުމެއް ލިބިފައި ނުވާކަން ފާހަގަ ކޮށްލެވެ އެވެ. މިކަމުގެ ހެއްކެއް ކަމަށް މިދިޔަ ނޮވެންބަރު މަހު 15 ވަނަ ދުވަހު ރައްޔިތުގެ މަޖިލީހުގައި ނެގުނު ވަޒީރުންނަށް ރުހުން ދިނުމުގެ ވޯޓު ފުދެ އެވެ. ރުހުން ލިބުނީ އެންމެ ފަސް މިނިސްޓަރުންނަށެވެ.


 ޖުލައި 8 ވަނަ ދުވަހު ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިން ހައްޔަރުކުރުމަށް ފުލުހުން މަސައްކަތް ފެށި އެވެ. ނަމަވެސް ނާޒިމް ދިރިއުޅުއްވާ ގ. އާބިން އަށް ވަނުމުމަށް ފުރަތަމަ ދިޔަ ދުވަހު ކޯޓު އަމުރެއް ނެތުމުގެ ސަބަބުން ފުލުހުންނަށް އޭނާ ހައްޔަރެއް ނުކުރެވުނެވެ. ކޯޓު އަމުރަކާއެކު ފުލުހުން ނާޒިމް ހައްޔަރު ކުރީ ވިދިގެން އައި ދުވަހު އެވެ. އަދި ޖިނާއީ ކޯޓުން އޭނާ ތިން ދުވަހަށް ގޭ ބަންދު ކުރުމުގެ ހުއްދަ ވެސް ދިނެވެ.  


ޖުލައި 10 ވަނަ ދުވަސް ފާހަގަ ކުރެވުނީ، ގާސިމާއި ޔާމިނުގެ ބޮލުގައި އިތުރު އިލްޒާމެއް އެޅުވި ދުވަހެއެއްގެ ގޮތުގަ އެވެ؛ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޝަވަތު ދެއްވަން އެ ދެ ބޭފުޅުން އުޅުއްވި ކަމަށް ބުނެ އެ މެންބަރުން ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވި ސިޓީތަކެއް ލީކުވި ލީކުވުމަކީ އެ "ޑްރާމާ" އިން ހަނދާނުން ކާއްސާލައިގެން ދާނެ ކަމެއް ނޫނެވެ.


ޖުލައި 11 ވަނަ ދުވަހު ޔާމީން އާއި ޤާސިމް ދޫކޮށްލުމަށް ސްޕްރީމް ކޯޓުން އަމުރު ކުރި އެވެ. އަދި ހަމަ އެ ދުވަހު ނާޒިމް ބަންދުގެ މުއްދަތު ހައި ކޯޓުން 15 ދުވަހަށް އިތުރު ކުރި އެވެ.


ސަރުކާރުން މަސައްކަތް ކުރަމުން އައީ ޔާމީނާއި ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރުމަށެވެ. ނަމަވެސް އެކަން ކާމިޔާބުވެފައެއް ނުވެ އެވެ. ދެން ފެނިގެން ދިޔަ މަންޒަރަކީ ހިމާޔަތް ދިނުމަށްކަމަށް ބުނެ އާރަށުގައި ޔާމީން ބަނދު ކުރި މަންޒަރެވެ.  


ޖުލައި 14 ވަނަ ދުވަސް ވެގެން ދިޔައީ ހަލަބޮލިކަން އެންމެ އިތުރުވީ ދުވަހަށެވެ. އެ ދުވަހު އެމްޑީޕީގެ އެތައް ބަޔަކު އަތޮޅުތަކުން މާލެ އައިސް ބޮޑު މުޒާހަރާއެއް ކުރި އެވެ. އަދި އެރޭ އެމްޑީޕީން ބޭއްވި ބައްދަލުވުމެއްގައި ރައީސް ނަޝީދު ވަޑައިގެން އިންނަވަނިކޮށް އިދިކޮޅު ފަރާތްތަކުން ޖަލްސާ އަށް ވަން ކަމަށް ބުނެ، އަދި ޖަލްސާ ހަލަބޮލިވި ކަމުގެ ތުހުމަތުގައި ޔާމީން ދިރި އުޅުއްވާ ގެކޮޅުދޮށަށް ބަޔަކު އެއްވި އެވެ. އެ ސަރަހައްދަށް ދެ ފަރާތުގެ ސަޕޯޓަން އެއްވެ އެއްބަޔަކު އަނެއް ބަޔަކަށް ތަޅައިފޮޅައި ގައުއުކައި ހެދުމުގެ ސަބަބުން އެތައް ބަޔަކަށް އަނިޔާ ވި އެވެ.


ކެބިނެޓް އިސްތިއުފާ ދެއްވުމުގެ ސަބަބުން ނުކުތް ނަތީޖާގެ ބޮޑު މަންޒަރު ވަރަށް ސާފުކޮށް އެރޭ ފެނިގެން ދިޔަ އެވެ. ގެއްލުންވީ ރައްޔިތުންނަށެވެ. ޔާމިން ހުންނެވީ އާރަށުގަ އެވެ. ގިނަ ބަޔަކު ޔާމީން ގެކޮޅު ދޮށަށް އެއްވި އިރު އެ މަނިކުފާނު ގޭގައި ނޫޅުއްވާކަމެއް ވެސް ނޭނގެ އެވެ. އަދި ޔާމީން ހިމާޔަތް ކުރަން ދިޔަ މީހުންނަށް ވެސް އޭނާ ގޭގައި ނޫޅުއްވާކަމެއް ނޭނގެ އެވެ.


ކެބިނެޓް އަލުން އެކުލަވާލި ފަހުން ސަރުކާރުން ބުނަމުން އައީ ވަޒީރުންނަށް ރުހުން ނުދިނަސް ވަޒީރުން މަޤާމުން ވަކިކުރެވޭނެ އުސޫލެއް ނެތްކަމަށެވެ. އަދި މައްސަލަ އަށް ގޮތެއް ނިންމުމަށް މިދިޔަ މަހު 24 ގައި މައްސަލަ ވަނީ ސުޕްރީމް ކޯޓަށް ވައްދައިފަ އެވެ. ސްޕްރީމް ކޯޓުގެ ނިންމުން ވާނީ އެންމެ ފަހުގެ ނިންމުމަށެވެ. ނަމަވެސް ސިޔާސީ ހަލަބޮލި ކަމުގެ ހައްލަކަށް ނުވެދާނެ އެވެ.


ގިނަ ބަޔަކު ދެކޭ ގޮތުގައި ކެބިނެޓް އިސްތިއުފާ ދެއްވައިގެން ކުޅުނު "ސިޔާސީ ގޭމު"ގެ ސަބަބުން ސިޔާސީ ގޮތުން ފައިދާވީ ރައީސް ނަޝީދަށާއި ޔާމީނަށެވެ. ޔާމީނަށް ލިބިވަޑައިގަތް ފައިދާ އަކީ އިދިކޮޅު ގިނަ ބައެއްގެ ތާއީދު އޭނާ އަށް އިތުރުވުމެވެ. ރައީސް ނަޝީދަށް ލިބިވަޑައިގަތް ފައިދާ އަކީ އެމްޑީޕީގެ ތާއީދު އިތުރުވެ އިދިކޮޅު ފަރާތްތަކުގެ ވޯޓު ބައިބައި ވުމުގެ ސަބަބުން ލިބުނު ސިޔާސީ ފައިދާ އެވެ. ކެބިނެޓް މިނިސްޓަރުން އިސްތިއުފާ ދެއްވައިގެން ފަޅައިގެން ދިޔައީ "ރައްޔިތުންގެ ބޮލެ"ވެ.