15 Nov 2013, 14:15
ކޮލަންބޯ (ނޮވެމްބަރު 15): ސްރީލަންކާގެ ރައީސް މަހިންދާ ރާޖަޕަކްސަ، ކޮމަންވެލްތުގެ އިސްވެރިންގެ ސަމިޓް މިއަދު ހެނދުނު ރަސްމީކޮށް އިފްތިތާޙް ކޮށްދެއްވައިފި އެވެ.
ކޮލަންބޯގެ ނީލަމް ޕޮކުނާ މަހިންދާ ރާޖަޕަކްސަ ޕާފޯމަންސް ތިއޭޓަރުގައި ކުރިޔަށްދާ މިސަމިޓް އިފްތިތާޙް ކޮށްދެއްވުމުގެ ގޮތުން ދެއްވި ތަގްރީރިގައި ރާޖަޕަކްސަ ވަނީ ކޮމަންވެލްތުގެ ގައުމުތަކަށް ކުރިމަތިވެފައިވާ ބައިނަލްއަޤްވާމީ ގޮންޖެހުންތަކާ ކުރިމަތިލުމަށް ޓަކައި އެޖަމާއަތުގެ ހުރިހާ ގައުމުތައް އެއްގައުމު އަނެއް ގައުމަށް ވާގިވެރިވެ ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލައްވާފަ އެވެ. އަދި ކޮމަންވެލްތުގެ ބައެއް ގައުމުތަކުން އެޖަމާއަތުގެ ތެރޭގައި ހިމެނޭ އަނެއްބައި ގައުމުތަކަށް ފިއްތުންތައް ކުރިމަތިކޮށްގެން ޖައްސާލުގެ ސިޔާސަތެއް ގެންގުޅެގެން ކޮމަންވެލްތަށް ލިބޭނީ ގެއްލުމާއި ނިކަމެތިކަން ކަމަށާ އޭގެ ބަދަލުގައި އެކުވެރި އަދި ބަދަހި ޖަމާއަތެއްގެ ގޮތުގައި އޮތުމުގެ ފުރްސަތުކޮމަންވެލްތަށް ލިބޭނީ މެންބަރު ގައުމުތައް އެއްގައުމު އަނެއް ގައުމަށް އިހްތިރާމްކޮށް އެއްބާރުލުން ދީގެން ކަމަށް ވެސް ރާޖަޕަކްސަ ވިދާޅުވި އެވެ.
ސްރީލަންކާގެ ޙާލަތަށް ބައްލަވާލައްވަމުން ރާޖަޕަކްސަ ވިދާޅުވީ ސްރީލަންކާގައި ޓެރަރިސްޓުންގެ ބަޔަކު އެތައް އަހަރެއްވަންދެން ހިންގި ހަރުކަށި އަދި ޓެރަރިޒަމްގެ ޢަމަލުތަކުން އެގައުމުގެ ރައްޔިތުންނަށް ސަލާމަތްވެ ވުނީ 2009 ވަނަ އަހަރުގައި ކަމުގަ އެވެ. އެއަށް ފަހު ސަރުކާރުގެ ހުރިހާ މަސައްކަތެއް އަމާޒުކޮށްފައިވަނީ ގައުމު އަލުން ބިނާކޮށް އާރާސްތު ކުރުމަށާއި ގައުމުގެ ހުރިހާ ރައްޔިތުންނަށް (ވަކިނަސްލެއް ތަފާތު ނުކުރާ ގޮތެއްގެމަތިން) އިންސާފުވެރިކަމާ އެކު ޚިދްމަތްތައްދީ ތަފާތުކުރުންތަކާއި އިދިކީލި ގޮތްތައް ނައްތާލުމަށް ކަމަށްވެސްރާޖަޕަކްސަ ވިދާޅުވި އެވެ.
ވެރިރަށް ކޮލަންބޯގައި މިއަދު ފެށުނު ކޮމަންވެލްތުގެ ގައުމުތަކުގެ އިސްވެރިންގެ ސަމިޓްގައި ބައިވެރިވެ ވަޑައިގަންނަވާ އެ ޖަމާއަތުގެ ގިނަ ލީޑަރުން ރޭގެ ނިޔަލަށް ކޮލަންބޯއަށް ވަޑައިގެންފައިވެ އެވެ. ކޮމަންވެލްތުގެ އިސްވެރިޔާ ކަމަށްވާ އިނގިރޭސި ރާނީ އެލިޒަބަތު ދޭއްގެ ބަދަލުގައި މިސަމިޓްގައި ބައިވެރިވެވަޑައިގަންނަ ވަނީ އެކަމަނާގެ ދަރިކަލުން ވަލީއުލްޢަހްދު ޕްރިންސް ޗާލްސްއެވެ. މީގެ އިތުރުން އިނގިރޭސި ބޮޑުވަޒީރު ޑޭވިޑް ކެމެރޮން އާއި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގް ވެސް ސަމިޓްގައި ބައިވެރިވެވަޑައިގަންނަވަ އެވެ. އިންޑިޔާގެ ވަފްދުގެ ވެރިޔާގެ ހައިސިއްޔަތުން އެގައުމުގެ ޚާރިޖީ ވަޒީރު ސަލްމާން ޚޫރަޝީދު ވެސް ވަނީ ކޮލަންބޯއަށް ވަޑައިގެންފަ އެވެ.
ކޮމަންވެލްތުގެ އިސްވެރިންގެ ސަމިޓް މިއަދު ކުރިޔަށްދާއިރު ސަލާމަތީ ސަބަބުތަކަށް ޓަކައި ސްރީލަންކާގެ ތަމަޅަ ދަރިކޮޅުގެ ބައެއް މީހުން ކޮލަންބޯއަށް ދިޔުން ސަރުކާރުން މަނާކޮށް ކޮލަންބޯގައި އާދަޔާ ޚިލާފަށް ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަކޮށްފަ އެވެ. ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު އެގައުމުގެ ތަމަޅަ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ސަރުކާރު ސިފައިން ހިނގި ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ޖަރީމާތަކާ ބެހޭ ގޮތުން ކުރެވޭ ސުވާލުތަކުގެ ޖަވާބު ސްރީލަންކާ ސަރުކާރުން ދޭންޖެހޭނެ ކަމަށް ވިދާޅުވެ އިނގިރޭސި ޚާރިޖީ ވަޒީރު ވިލިޔަމް ހޭގް ވާހަކަ ދެއްކެވުމުން ރައީސް މަހިންދަ ރާޖަޕަކްސަ ވަނީ ތަމަޅައިންގެ މައްސަލާގައި ސްރީލަންކާ އިން ފޮރުވާނެ އެއްވެސް އެއްޗެއް ނެތްކަމަށް ވިދާޅުވެ އެވާހަކަތަކަށް ރައްދު ދެއްވާފަ އެވެ.
ނަމަވެސް ސްރީލަންކާގެ އެތެރޭގައި ހަމަނުޖެހުމާއި ބައިބައިވުން އުފެދޭ ފަދަ އެއްވެސް ކަމަކާބެހޭ ގޮތުން ސަމިޓްގައި މަޝްވަރާކުރުމަށް ޖާގަނުދެއްވާނެ ކަމަށާ ސްރީލަންކަގެ ސިޔާސަތުތައް ބިނާވެފައި ވަނީ ޓެރަރިސްޓުންގެ މައްޗަށް ކާމިޔާބު ހޯދުމުގެ މައްޗަށް ކަމަށް ރާޖަޕަކްސަ ވިދާޅުވި އެވެ. ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު އެގައުމުގެ ތަމަޅަ ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ސަރުކާރު ސިފައިން ހިނގި ކަމަށް ތުހުމަތު ކުރެވޭ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ކަމަށް ވިދާޅުވެ ކެނެޑާއާއި އިންޑިޔާއާއި މޮރިޝަސްގެ ބޮޑުވަޒީރުން ވަނީ ކޮލަންބޯ ސަމިޓްގައި ބައިވެރިވެ ވަޑައިނުގަތުމަށް ނިންމަވާފަ އެވެ.
ސްރީލަންކާގެ ދާޚިލީ ހަނގުރާމައިގެ ދުވަސްވަރު އެގައުމުގެ ތަމަޅަ ދަރިކޮޅުގެ މީހުންނާދެކޮޅަށް ސަރުކާރު ސިފައިން ހަނގުރާމައިގެ ޖަރީމާތައް ހިންގި ކަމަށް ތުހުމަތުކޮށް ވާހަކަ ދައްކަމުންގެންދާ އިނގިރޭސިވިލާތަކީ އެމެރިކާ ސިފައިންނާ އެކު ޢިރާޤާއި އަފްޣާނިސްތާނަށް ގަދަބާރުން އަރައި އެދެގައުމުގެ އެތައް ލައްކަ ރައްޔިތުން މަރައި ފުޅާދާއިރާއެއްގައި އެމެރިކާ ސިފައިން ހިންގާފައިވާ ހަނގުރާއިގެ ޖަރީމާތަކުގައި ޢަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތު ކުރެވޭ ގައުމެކެވެ. އަދި ޢިރާގަށް އަރައި ގަތުމަށްޓަކައި ޢިރާޤުގައި ފަނާކުރަނިވި ހަތިޔާރު ހުރިކަމަށް ބުނެ ޚުދު އަމިއްލަ ގައުމުގެ ރައްޔިތުންނަށާ އަދި މުޅިދުނިޔެއަށް އޮޅުވާލައި ދޮގު ހަދާފައިވާ ކަމުގެ ތުހުމަތު ވެސް މިއަދު މުސްކުޅިވެ ބަލިކަށިވެފައިވާ ކުރީގެ ގަދީމީ އިސްތިޢްމާރީ ބާރު ކަމަށްވާ އިނގިރޭސިވިލާތުގެ މައްޗަށް ވަނީ ކުރެވިފަ އެވެ. (ނޫސްއެޖެންސީތައް)