މާދަމާ ބާއްވާ ރިޔާސީއިންތިހާބުގެ ފަހު ބުރުގައި ބޭނުންކުރާނެ ވޯޓު ކަރުދާހާއި ވޯޓުލާ މީހުންގެ ރަޖިސްޓްރީ ރާއްޖެ އިން ބޭރަށާއި އަތޮޅުތަކަށް ފޮނުވުމުގެ މަސައްކަތް ފުލުހުންނާއި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ރޭގައި ފަށައިފި އެވެ.

ފުލުހުން މިއަދު ބުނީ ބޭރުގައި ބަހައްޓާ ހުރިހާ ވޯޓު ފޮއްޓަކަށް ބޭނުންވާ ވޯޓު ކަރުދާހާއި ވޯޓުލާ މީހުންގެ ރަޖިސްޓްރީ ފޮނުވާލާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ސިންގަޕޫރާއި މެލޭޝިޔާ އަދި ޓްރިވެންޑްރަމްގައި ހުންނަ ވޯޓު ފޮށިތަކަށް ބޭނުންވާ ތަކެތި ވަނީ އެ ގައުމުތަކަށް ފޮނުވާފައި ކަމަށެވެ. އަދި ލަންޑަނާއި ދިއްލީގެ އިތުރުން ކޮލަމްބޯގައި ހުންނަ ވޯޓު ފޮއްޓަށް ބޭނުންވާ ވޯޓު ކަރުދާހާއި ވޯޓުލާ މީހުންގެ ރަޖިސްޓްރީ އާއި އެހެނިހެން ތަކެތި މިއަދު ހެނދުނު 09:05ގައި ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ އަތޮޅުތަކުގެ ތެރެއިގެ އެންމެ އުތުރުގެ ހަތް އަތޮޅަށް ފޮނުވަން ޖެހޭ ވޯޓު ކަރުދާހާއި ވޯޓުލާ މީހުންގެ ރަޖިސްޓްރީ ހިފައިގެން ރޭ 03:15ގައި ވައިގެ މަގުން ފުރާފައިވާ ކަމަށެވެ. އަދި މާލެ އަތޮޅުގެ މީހުން އުޅޭ ރަށްރަށަށާއި އއ. އދ. ވ. މ. ފ. އަދި ދ. އަތޮޅުގެ ރަށްރަށަށް ބޭނުންވާ ތަކެތި މިއަދު ހެނދުނު 06:00ގައި ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

ފުވައްމުލަކަށް ބޭނުންވާ ވޯޓު ކަރުދާހާއި ވޯޓުލާ މީހުންގެ ރަޖިސްޓްރީ ހިފައިގެން މިއަދު ހެނދުނު 7:30ގައި ވައިގެ މަގުން ފުރުވާލާފައިވާ އިރު ހުވަދު އަތޮޅަށް މިއަދު ހެނދުނު 10:45ގައި އައްޑޫ ސިޓީ އަށް 10:50ގައި ވައިގެ މަގުން ފުރާފައިވާ އިރު ތ. އަތޮޅުގެ ރަށްރަށަށް ބޭނުންވާ ވޯޓުކަރުދާހާއި ވޯޓުލާ މީހުންގެ ރަޖިސްޓްރީ ހިފައިގެން މާލެއިން ފުރާފައި ވަނީ ހެނުދުނު 11:00ގައި ވައިގެ މަގުން ކަމަށް ފުލުހުން ބުންޏެވެ.

ވޯޓު ކަރުދާހާއި ވޯޓުލާ މީހުންގެ ރަޖިސްޓްރީ މިހާތަނަށް މާލެއިން ފޮނުވާ ނުލެވި ވަނީ ލ. އަތޮޅަށާއި 21 ރިޒޯޓަކަށް ކަމަށެވެ. ލ. އަތޮޅަށް މިއަދު 13:45ގައި ވައިގެ މަގުން ފުރާފައިވާ އިރު 21 ރިސޯޓަށް ބޭނުންވާ ވޯޓުކަރުދާހާއި ވޯޓުލާ މީހުންގެ ރަޖިސްޓްރީ ހިފައިގެން ކަނޑުމަގުން މެންދުރު ފަހު 14:00 ގައި މާލެއިން ފުރާނެ ކަމަށް ފުލުހުން ބުންޏެވެ.

މާދަމާގެ އިންތިޚާބަށް ބޭނުންވާ ވޯޓުކަރުދާހާއި ވޯޓުލާ މީހުންގެ ރަޖިސްޓްރީ އަތޮޅުތަކަށާއި ރާއްޖެ އިން ބޭރަށް ފޮނުވަމުން ދަނީ ފުލުހުންގެ ސެކިއުރިޓީ އޮފިސަރުންނާއި އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުން ތިބެގެން އެބޭފުޅުންނާ އެކުގަ އެވެ.