ގައުމުގެ ކަންކަން އަތްނުފޯރާ ފަށަށް ދިޔުމުން އޭރު ގައުމުގެ އިސްވެރިޔާ އިސްތިއުފާ ދެއްވާފައި ފުލުހުންނާއި ސިފައިންގެ ބޮލުގައި ޤާނޫނާ ހިލާފު ކަންތައްތަކެއްގެ އިލްޒާމު އެޅުއްވުމަކީ އިންސާފެއް ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާ ގައުމާ މުހާތަބު ކުރައްވައި މިއަދު ދެއްވި އެ މަނިކުފާނުގެ ވަދާއީ ތަގުރީރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އިޝާރާތްކުރައްވައި ވިދާޅުވީ އެ ދުވަހު ނަޝީދު އެ ގޮތަށް ކަންކަން ކުރެއްވުމުގެ ސަބަބުން ދިފާއީ ބާރުތަކަށް އެތަކެއް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ.

"އެތަކެއް ދިވެހި ރައްޔިތުންގެ އަބުރާއި އިއްޒަތް ވެއްޔާއި މޮޑެވި، ހައްގުނޫން އަނިޔާތަކެއް ލިބިފައި. އެ މީހުންގެ ޢާއިލާތަކަށް މިއަދާ ހަމަޔަށް ވެސް ނުރައްކާވެފައި. މި ހުރިހާ ކަމެއް މި ކުރިމަތިވީ، ހަމަ އެންމެ ފަރުދަކު، ކަމެއްކޮށްފައި، އެކަމުގެ ޒިންމާ ނުނަންގަވާންވެގެން، ތެދު ހަގީގަތް ރައްޔިތުންނަށް ހާމަނުކުރުމުގެ ބޭނުމުގައި ކަމުގައިވާ ނަމަ، މީގައި އޮތް އިންޞާފަކީ ކޮބައިތޯ؟" ރައީސް ޑރ. ވަހީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އިންތިހާބު ކުރައްވާފައިވާ ނާއިބު ރައީސްގެ ހައިސިއްޔަތުން، އެމަނިކުފާނަށް މިގައުމު އިސްލާހުކުރުމަށް ޖެހެވަޑައިގަތް ކަމަށާއި އަދި ހަލަބޮލި އެ ދަނޑިވަޅުގައި ގައުމަށް ހިދުމަތް ކުރެއްވުމަށް ނިންމެވީ ކަމަށެވެ. އަދި އެދަނޑިވަޅުގައި ނިންމެވީ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފައްދަވަން ކަމަށާއި އަދި ރައީސްގެ ބާރު ކުޑަ ކުރެވިފައިވާ ގާނޫނީ އޮނިގަނޑެއްގެ ތެރޭގައި ވޭތުވެ ދިޔަ 21 މަސް ދުވަހަކީ އެއްވެސް ގޮތަކުން ފަސޭހަ ދުވަސްތަކެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ހަގީގަތަކީ ކެތްތެރިކަމާ އެކު ދޫ ދީގެން މަސައްކަތް ނުކުރެވުނު ނަމަ، އަޅުގަނޑުމެންނަށް، މިއަދާ ހަމަޔަށް ކަންކަން ނުގެނެވުނީސްކަން. މީގެ މާކުރިން ހުޅުފަޅައިގެންގޮސް، ޤައުމު ހުއްޓުމަކަށް އަތުވެއްޖައީސްކަން. އެހެނަސް މިއަދު، އެއްވެސް ސްކޫލެއް ބަންދުނުކޮށް، ފައިސާގެ އަގު ދަށްނުކޮށް، އެއްވެސް އެހީއެއް ކަނޑާނުލައި، ބައިނަލްއަޤްވާމީ ގުޅުންތައް ކިތަންމެ އުނދަގުލުން ނަމަވެސް ދަމަހައްޓައިގެން، ހުރިހާ ސިޔާސީ ފަރާތްތަކެއް އެކުގައި އިންތިޚާބަކާ ހަމަޔަށް މިގެނެވުނީ، ދޫ ދިނުމާއި، ކެތްތެރިކަން އިސްކުރެވުމުން. "ރައީސް ޖުމްހޫރިއްޔާ ވިދާޅުވި އެވެ.

މިދިޔަ 21 މަސް ދުވަސް ގިނަ ބޭފުޅުން ސިފަކުރައްވާނީ ހަމަނުޖެހުން ބޮޑު ދައުލަތުގެ ބާރުތަކުގެ ތަޅާފޮޅުމެއްގެ ތެރޭގައި އޮތް ދުވަސްތަކެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އެދުވަސްތަކުގެ ތެރޭގައި ގައުމަށާއި ރައްޔިތުންނަށް ގިނަ ހިދުމަތްތަކެއް ސަރުކާރުން ކޮށްދެވުނު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެވެ.

"މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ނަގައި ކޮޅަށް ޖަހައި، 10 މަސް ދުވަހުގެ ތެރޭގައި އާމްދަނީގެ ގޮތުގައި 3.4 ބިލިއަން ރުފިޔާ ވަނީ ލިބިފައި. 42000 ޓަނުގެ މަހާއި މަހުގެ ބާވަތްތައް މިދިޔަ އަހަރުގެ ތެރޭގައި ބޭރުކުރެވިފައިވޭ. ކުރީ ސަރުކާރުން ނުދައްކައި ހުރި ބިލުތަކުގެ ތެރެއިން ދެ ބިލިއަން ރުފިޔާ ދައްކައި ހަލާސް ކުރެވިފައިވޭ. ހަ ރިޒޯޓު އަލަށް ހުޅުވައި، 871 އެނދު އިތުރުކުރެވުނު. ސްޓޫޑެންޓް ލޯނު ސުކީމުގެ ދަށުން 2012 ވަނަ އަހަރާއި 2013 ވަނަ އަހަރު ޖުމްލަ 2034 ދަރިވަރުންނަށް މަތީ ތަޢުލީމު ހާސިލު ކުރުމުގެ ފުރުޞަތު ހޯދައިދެވިފައިވޭ." ރައީސް ވިދާޅުވި އެވެ.

ކޯޓުގެ ހުކުމަކުން ވެރިކަން ހިފެހެއްޓުމަކީ، ބޭނުންވާ ގޮތް ނޫން ކަމަށާއި ނަމަވެސް ނޮވެމްބަރު 10ގެ ފަހުން ވެރިކަމުގައި ހުންނަވަން ނިންމެވީ އިސް ވެރިޔާގެ ހައިސިއްޔަތުން ޤާނޫނުގެ ވެރިކަން ނަގައި ކޮޅަށްޖަހައި ސިފައިންނާއި ފުލުހުންގެ ސަފުތައް ތަރުތީބުގައި ހުރިކަން ޔަގީން ކުރުމަށް ކަމަށް ރައީސް ވަހީދު ވިދާޅުވި އެވެ.