15 Nov 2013, 03:19
ގަލޮޅު ގެއަކަށް ވަދެ، ވައްކަން ކުރަން އުޅެނިކޮށް ފަސް ވަނަ ބުރިން ވެއްޓި، ބޮލަށް ވަރަށް ބޮޑެތި ޒަހަމްތަކެއްވި ޒުވާނާއަށް އައިޖީއެމްއެޗްގައި ފަރުވާދެމުން ދަނިކޮށް މިރޭ މެންދަމު މަރުވެއްޖެ އެވެ.
މިރޭ މެންދަމު 1:30 އެހާކަންހާއިރު ގ. މުތީގޭގެއަށް ވަދެ، ވައްކަން ކުރަން އުޅެނިކޮށް، ފަޅާ އެރުމުން ފިލަން އުޅެނިކޮށް އެ ގޭގެ ފަސް ވަނަ ބުރިން ވެއްޓި ބޮލަށް ސީރިއަސް ޒަހަމްތަކެއް ލިބިގެން އައިޖީއެމްއެޗްގައި ފަރުވާ ދެމުންދަނިކޮށް މަރުވެފައި ވަނީ 29 އަހަރުގެ ޒުވާނެކެވެ. ފުލުހުން އޭނާގެ ވަނަވަރެއް ހާމައެއް ނުކުރެ އެވެ.
މުތީގެ ގޭގެ ފަސް ވަނަ ބުރިން ވެއްޓި ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް، ކަންފަތުން ލޭ އަންނަމުން ދަނިކޮށް، އެ ޒުވާނާ އައިޖީއެމްއެޗަށް ގެންދިޔަ އިރު ވެސް ހެޔެއް ނެތެވެ. އަދި އޭނާ މަރުވެފައި ވަނީ ލިބުނު ޒަހަމްތަކަށް ފަރުވާދެމުން ދިޔަތާ ދޮޅު ގަޑިއެއްހާއިރު ތެރޭގަ އެވެ.
މުތީގޭގެ ފަސް ވަނަ ބުރިން އެ ޒުވާނާ ވެއްޓުމާ އެކު ބޯ ފަޅައިގެން ގޮސް، އޭނާގެ ކަންފަތުން ވަރަށް ގިނަ ލޭ ފޭބި އެވެ. އާންމުންގެ ބަޔަކު އެވަގުތު އޭނާގެ ބޮލުގައި ފޮތިގަނޑެއް އައްސައި ހޮސްޕިޓަލަށް ގެންދިޔަ އެވެ. ފުލުހުން ވެސް އެކަމުގައި އެހީތެރިވެދިނެވެ.
ފުލުހުން ބުނެފައި ވަނީ އޭނާ އެ ގެއިން ވެއްޓެން މެދުވެރިވީ ވައްކަން ކުރަން އުޅެނިކޮށް ބަޔަކަށް ފެނިގެން ފިލަންވެގެން އަވަސް އަވަހަށް އުޅެނިކޮށް ކަމަށެވެ. ފަސް ވަނަ ބުރީގެ ބެލްކަނިން ހަތަރު ވަނަ ބުރީގެ ބެލްކަންޏަށް ދާން އުޅުމުގެ ތެރޭގައި ކައްސާލައި އޭނާ ބިންމައްޗަށް ވެއްޓުނީ ކަމަށް ފުލުހުން ބުންޏެވެ.