15 Nov 2013, 02:34
ގަލޮޅު ގެއަކަށް ވައްކަން ކުރަން ވަން ޒުވާނަކު، ފަސް ވަނަ ބުރިން ވެއްޓި، ބޮލަށް ވަރަށް ބޮޑެތި ޒަހަމްތަކެއް ވެއްޖެ އެވެ.
ފުލުހުން ބުނީ މިރޭ މެންދަމު 1:44 އެހާކަންހާއިރު ގ. މުތީގޭގެ ފަސް ވަނަ ބުރިން ޒުވާނަކު ވެއްޓި އަނިޔާތަކެއް ލިބިގެން އައިޖީއެމްއެޗްގައި ފަރުވާދެމުންދާ ކަމަށެވެ. އެ ޒުވާނާއަކީ އެގެއަށް ވައްކަން ކުރަން ވަން މީހެއް ކަމަށް ބެލެވޭ ކަމަށާއި އޭނާ ވައްކަން ކުރަން އުޅުނީ އެގޭގެ ފަސް ވަނަ ބުރިން ކަމަށް ފުލުހުން ބުންޏެވެ. ވައްކަން ކުރަން އުޅެނިކޮށް ފަޅާއެރުމުން، އެގޭގެ ފަސް ވަނަ ބުރީގެ ބެލްކަންޏަށް ނުކުމެ، ފިލަން އުޅުމުގެ ތެރޭގައި އިމާރާތުން ވެއްޓި ޒަހަމްވީ ކަމަށް ފުލުހުން ބުންޏެވެ.
މުތީގޭގެ ފަސް ވަނަ ބުރިން އެ ޒުވާނާ ވެއްޓުމާއެކު ބޯ ފަޅައިގެން ގޮސް، އޭނާގެ ކަންފަތުން ބިއްމައްޗަށް ވަރަށް ގިނަ ލޭ ފޭބި އެވެ. އާންމުންގެ ބަޔަކު ވަނީ އޭނާގެ ބޮލުގައި ފޮތިގަނޑެއް އައްސައި އައިޖީއެމްއެޗަށް ގެންގޮސްފަ އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ހާލު ވަރަށް ސީރިއަސް އެވެ. ނަމަވެސް އައިޖީއެމްއެޗުން އޭނާގެ "ހާލަތާ" ބެހޭ ގޮތުން އަދި ވަކިއެއްޗެއް ނުބުނެ އެވެ.