ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށްޓަކައި އެންޓިކެމްޕޭން ކުރުން ނޫން ކަމެއް ޕީޕީއެމުން ކޮށްފައި ނުވާ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީން ރާޅުގަނޑު ސަރަހައްދުގައި މިރޭ ބޭއްވި ކެންޕޭން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ކުރިއަށް އޮތް ފަސް އަހަރަށް ރައްޔިތުންނަށް ކޮށްދޭނެ ކަންތައްތައް ކިޔައިދިނުމުގެ ބަދަލުގައި ޕީޕީއެމުން ކުރިހާވެސް ކަމަކީ އިސްލާމްދީން ހަތިޔާރަކަށް ނަގައިގެން އެމަނިކުފާނާއި އެމްޑީޕީއޭ ކިޔައިގެން ދޮގު ވާހަކަތައް ދެއްކުން ކަމަށެވެ.

"އަޅުގަނޑުމެންނާއި ބެހޭ ގޮތުން މިދިޔަ ދިގު ކެންޕޭންގައި ހައްތަހާވެސް ދެކެވިފައިވާނީ އެބޭފުޅުން، އަޅުގަނޑުމެންގެ ވާދަވެރިން މިރާއްޖެއަށް ކޮށްދޭނެ ކަންކަމުގެ ވާހަކައަށްވުރެ ބޮޑަށް އެބޭފުޅުންގެ ނަޒަރުގައި އަޅުގަނޑުމެންނަކީ ކޮބާކަން ރާއްޖޭގެ ރައްޔިތުންނަށް ހާމަކޮށްދިނުން،" ނަޝީދު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ ވާދަވެރި ކެންޕޭނެއް ކުރުމުގެ ބަދަލުގައި ޕީޕީއެމުން ކުރަމުން ގެންދިޔަ މަސައްކަތަކީ އިސްލާމްދީން ނޫން އެހެން ދީނެއް ގެންނަން އުޅޭ ބަޔަކު މިރާއްޖޭގައި އުޅޭކަމަށް ބުނެ ރައްޔިތުންގެ ހިތްތަކުގައި ރުޅިވެރިކަން އުފެއްދުން ކަމަށާއި "އަޅުގަނޑުމެންގެ ނޭވާ ހިނގާހާ ހިނދަކު މި ރާއްޖޭގައި އިރާދަކުރެއްވީއްޔާ އިސްދީން ނޫން އެހެން ދީނަކަށް ޖާގައެއް ނޮއޮންނާނެ" ކަމަށެވެ.

ނަޝީދު ވިދާޅުވީ އެމަނިކުފާނަކީ އިސްލާދީނާއި ދެކޮޅު މީހެއް ކަމަށް ޕީޕީއެމާއި އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ބުނެވޭނެ ފުރުސަތެއް ނެތް ކަމަށެވެ.

އިލްމުވެރީންނަށް މިނިވަންކަމާ އެކު ދީނީ ނަސޭހަތް ދިނުމުގެ ފުރުސަތު ހުޅުވާލެވުނީ އެމްޑީޕީގެ ވެރިކަމުގައި ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އޭގެއިތުރުން އިސްލާމިކް މިނިސްޓްރީ ގާއިމްކުރީ ވެސް އެމްޑީޕީ ސަރުކާރުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.