05 Dec 2010, 05:56
އެނާޖީ އެޑްވައިޒަރު ކަމުގެ މަގާމަށް "ކްލައިމެޓް ކެއާ"ގެ ބާނީ، މައިކް މޭސަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހަމަޖައްސަވައިފި އެވެ.
އޭނާއަށް އެ މަޤާމުގެ ލިޔުން ހަވާލު ކުރެއްވީ، ރައީސް ނަޝީދު އިނގިރޭސިވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޮކްސްފޯޑް ޔުނިވަސިޓީގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.
މޭސަންއަކީ، އިއާދަކުރަނިވި ހަކަތައާއި ކާބަން ފައިނޭންސް އަދި ޖައްވަށް ބޭރުކުރެވޭ ގޭހުގެ އަދަދު މަދުކުރުމުގެ ދާއިރާގެ މާހިރެކެވެ. އެނާޖީ އެޑްވައިޒާގެ ހައިސިއްޔަތުން އޭނާގެ މަސައްކަތަކަށް ވާނީ، މިހާރު ބޭނުންކުރެވޭ ތެލުގެ ބާވަތްތަކުގެ ބަދަލުގައި އިއާދަކުރަނިވި ހަކަތައިގެ ބާވަތްތަކަށް ބަދަލުވުމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް މަޝްވަރާ އެރުވުމެވެ. އޭނާ ކްލައިމެޓް ކެއާ އުފެއްދެވީ 1997ގަ އެވެ. އޭގެ ފަހުން، އެ ކުންފުނި ވެފައި ވަނީ ގްރީންހައުސް ގޭސް ބޭރުވުން މަދުކުރުމަށް ހިންގޭ މަޝްރޫއުތައް ތަރައްޤީ ކުރުމުގައި ދުނިޔޭގައި ނަން ހިނގާފައިވާ ކުންފުންޏަކަށެވެ.
މައިކް މޭސަން ވަނީ ތިމާވެށީގެ ބަދަލުތަކާއި މެނޭޖްމަންޓްގެ ދާއިރާއިން އޮކްސްފޯޑް ޔުނިވަރސިޓީގައި މަތީ ތައުލީމް ހާސިލްކުރައްވައިފަ އެވެ. އަދި އޭނާއަކީ އޮކްސްފޯޑް ޔުނިވަސިޓީގައި "އެންވަޔަރަންމަންޓަލް އިކޮނޮމިކްސް" ކިޔަވާ ދެއްވި ބޭފުޅެކެވެ.
އެނާޖީ އެޑްވައިޒަރގެ މަޤާމަކީ، މުސާރައެއް ކަނޑައެޅިފައިވާ މަގާމެއް ނޫން ކަމަށް ރައީސް އޮފީހުން ބުނެ އެވެ.