ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ތާއީދު ކުރައްވަން ނިންމެވީ ސިފައިންނާއި ފުލުހުންނަށް ދުވަހަކުވެސް ދެރަގޮތެއްވާން އެދިވަޑައިނުގަންނަވާތީ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

"އެއްވާނަކަށް" މިނަމުގައި ޕީޕީއެމާއި ގުޅިފައިވާ ޕާޓީތަކުން މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑިފެންސް މިނިސްޓަރު ނާޒިމް ވިދާޅުވީ އިސްލާމްދީނާ ގައުމުގެ ދިފާއުގައި މަސައްކަތް ކުރުމަށް ތިއްބެވި ސިފައިންނާއި ފުލުހުންނާއި އަދި އެމީހުންގެ އާއިލާތަކުގެ ރައްކާތެރިކަމަށްޓަކައި ޔާމީން ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް ހޮއްވަވަން ޖެހޭ ކަމަށެވެ.

"ގައުމުގެ އަމާންކަމާ ސުލްހަމަސަލަސްކަން ބެލެހެއްޓުމަށްޓަކައި ރެއާއި ދުވާލު މަސައްކަތް ކުރަމުންދާ ސިފައިންނާ ފުލުހުންގެ އާއިލާތަކުގެ ރައްކާތެރިކަމަށްޓަކައި މިކަމަކީ ކޮންމެހެން މިއަދު ކުރަންޖެހޭ ކަމަކަށް ވާތީ. ސިފައިންނާ ފުލުހުން ގައުމާ ރައްޔިތުންގެ ހައްގުގައި ކުރަމުންދާ މަސައްކަތް އެންމެ ގާތުން އިހްސާސްކުރެވޭ މީހަކީ އަޅުގަނޑު،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ހޮނިހިރު ދުވަހު ދެވޭ ވޯޓަކީ އިސްލާމްދީނާއި ދިވެހި ގައުމުގެ ދިފާއުގައި، ދިވެހި ގައުމުގެ މިނިވަންކަމާ ސިޔާދަތާ އިސްތިގުލާލު ރައްކާތެރިކުރުމަށްޓަކައި ނިންމާ ނިންމުމަކަށް ވާންޖެހޭނެ ކަމަށެވެ. އެދުވަހު ނިންމާ ނިންމުން ކަސިޔާރުވެއްޖެނަމަ ރާއްޖެ އަނދިރީގެ އަނދަވަޅަކަށް ވެއްޓިގެންދާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

"އެދުވަހު ނިންމާ ނިންމުން ކަސިޔާރު ވެއްޖެ ނަމަ ގައުމު އަނދިރީގެ އަނދަވަޅަކަށް ވެއްޓިގެންދާނެ ކަމާ މެދު ޝައްކެއް ނެތް،" ނާޒިމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދާދިފަހުން ރާއްޖެއިން ބޭރުގެ ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކާ ބައްދަލުކުރައްވައި ހަތް ޕޮއިންޓުގެ ކަރުދާހެއް ހުށަހެޅި ކަމަށާއި އެ ކަރުދާހުގައި އޮތީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާ ވެރިކަން ހަވާލުނުކޮށްފިނަމަ ބިރުވެރި ކަންތައްތަކެއް ދިމާވެދާނެ ކަމުގެ ބިރުވެރި ވާހަކަ ކަމަށެވެ.

އެކަރުދާސް ހުށަހެޅުމާ އެކު އެބޭފުޅުން މިގައުމަށް ހުށަހަޅަންޖެހޭ ކަރުދާހެއް ނޯންނާނެ ކަމަށް ވިދާޅުވެ ޝާހިދާ ވެރިކަން ހަވާލުކުރުމަށް ދެކޮޅު ހައްދަވާފައިވާނެ ކަމަށާއި އެ ކަރުދާހުގައި ހިފިނަމަ މިއަދު މިގައުމު އަޅުވެތި ވެގެން ހިނގައިދާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ދިވެހީންގެ ނިންމުން ނިންމުމުގެ ގާބިލްކަން ދިވެހީންގެ ކިބައިގައި އެބަހުރި ކަމަށާއި ބޭރުގެ މިފަދަ ނުފޫޒުތަކުން ސަލާމަތްވުމަށް އެންމެން އަތުގުޅާލައިގެމް ޔާމީނަށް ވޯޓު ދެއްވަންޖެހޭ ކަމަށެވެ.