ސާފް ޗެމްޕިއަންޝިޕް ތަށި 2008 ވަނަ އަހަރު ރާއްޖެއަށް ހޯދައިދިން ލަނޑު އިންޑިއާ ކޮޅަށް ޖެހި ހުނަރުވެރި ފޯވާޑް މުހްތާރު ނަސީރު (ޓޫކިލޯ) ގައުމީ ޓީމަށް ކުޅުން ހުއްޓާލާފައި ވަނިކޮށް އަލުން ޓީމަށް ކުޅުމުގެ ފުރުސަތު ދީފި އެވެ.

ގައުމީ ޓީމްގެ ކޯޗު ކަމާ ވަގުތީ ގޮތުން ހަވާލުވެ ހުރި ޓީމުގެ އެސިސްޓެންޓް ކޯޗް އަލީ ނާޝީދު (އޮގަރު އައްޔަ) "ސަން" އަށް ބުނީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ފޯވާޑް، ދެ ދުވަހެއްގެ ތެރޭގައި ޓީމާ ގުޅޭނެ ކަމަށެވެ.

ސީޝެލްސްއާ ދެކޮޅަށް މިމަހުގެ ފަހުކޮޅު ރާއްޖެ ކުޅޭ ތިން މެޗަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމްގެ ޕްރެކްޓިސް ފަށާފައިވާއިރު ޓޫކިލޯ މިވަގުތު ހުރީ އޭނާގެ ރަށް ކަމަށްވާ އއ. ތޮއްޑޫގަ އެވެ.

"ޓޫކިލޯ މިވަގުތު އަދި ހުރީ ރަށުގައި. އެކަމަކު މާދަމާ ނުވަތަ ޖެހިގެން އަންނަ ދުވަހުގެ ޕްރެކްޓިހުގައި އޭނާ ބައިވެރިވާނޭ ކަމަށް އަޅުގަނޑުމެން މި ބަލަނީ. ޓޫކިލޯ ވަނީ އަލުން ގައުމީ ޓީމަށް ކުޅުމަށް ލިބުނު ފުރުސަތު ބޭނުންކުރާނޭ ކަމުގެ ޔަގީންކަން ދީފައި،" އައްޔަ ބުންޏެވެ.

މުޚުތާރު ނަސީރު 2012 ވަނަ އަހަރުގެ އޯގަސްޓް މަހު، ގައުމީ ޓީމަށް ކުޅުން ހުއްޓައިލިކަން އިއުލާނުކުރީ އާއިލީ ބައެއް ސަބަބު ތަކާއި، ގައުމީ ޓީމަށް ދޭންޖެހޭ ވަގުތު ދިނުމުގައި ދަތިތަކެއް ހުރިކަމަށް ބުނެ އެވެ.

"ދެން މިހާރު ކުޅެވިއްޖެ. އެހެންވީމަ މިހާރު ކަންތައްތައް ހުރި ގޮތުން ދެން އަމިއްލަ ދިރިއުޅުމަށް ވަގުތުދެވެން އޮތީ،" ކުރިން "ސަން" އަށް ދިން އިންޓަވިއުއެއްގައި ޓޫކިލޯ ބުނެފައިވެ އެވެ.

ނޭޕާލްގައި މިއަހަރު އޮތް ސާފް ޗެޕްމިއަންޝިޕްގައި ގައުމީ ޓީމުގައި ނުހިމެނުނު އެހެން ނަމަވެސް ސީޝެލްސްގައި ކުޅޭ މެޗުތަކަށް ޓީމަށް ނަގާފައިވާ އަނެއް ކުޅުންތެރިއަކީ ބީޖީ ސްޕޯޓްސްގެ އަޝްހަދު އަލީ (އަޑުބަރޭ) އެވެ.

އަނިޔާގެ ސަބަބުން ގައުމީ ޓީމުގެ އެއްވަނަ ގޯލްކީޕަރު ނިއު ރޭޑިއަންޓުގެ އިމްރާން މުހައްމަދު މިފަހަރުގެ ޓީމުގައި ހިމަނާފައި ނުވާއިރު ގޯލް ކީޕަރުންގެ ގޮތުގައި ނަގާފައިވަނީ މާޒިޔާގެ މުހައްމަދު އިމްރާނާއި ބީޖީ ސްޕޯޓްސްގެ އިބްރާހިމް އިފްރާހް އަރީފެވެ.

ސީޝެލްސްގައި ރާއްޖޭގެ ގައުމީ ޓީމު ކުޅެން ހަމަޖެހިފައިވާ ތިން މެޗުގެ ތެރެއިން ފުރަތަމަ މެޗުގައި މިމަހުގެ 25 ވަނަ ދުވަހު ކުޅޭނީ އެގައުމުގެ 23 އަހަރުން ދަށުގެ ޓީމާއެވެ. އަދި އަނެއް ދެ މެޗު ކުޅޭނީ ސީނިއާ ޓީމާ ދެކޮޅަށެވެ. އެ ދެމެޗު ކުޅެން ހަމަޖެހިފައިވަނީ މި މަހުގެ 27 ވަނަ ދުވަހާއި 29 ވަނަ ދުވަހު އެވެ.

އެކުވެރިކަމުގެ މެޗުތައް ކުޅުމަށް ގައުމީ ޓީމް ސީޝެލްސްއަށް ފުރަން ހަމަޖެހިފައިވަނީ މިމަހުގެ 23 ވަނަ ދުވަހު އެވެ. އަދި މެޗުތައް ކުޅުމަށްފަހު އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ވަނަ ދުވަހު އެވެ.