ބްރިގޭޑިއާ ޖެނެރަލް އަހުމަދު ނިލާމް ފުލުސް އޮފީހަށް ހާޒިރުކޮށް، ސުވާލު ކުރީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލާގައި "ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކައި ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށް" މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރެވިގެން ކަމަށް ފުލުހުން ބުނެފި އެވެ.

ނިލާމް ވަނީ މިރޭ ވެސް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލުކޮށްފަ އެވެ. އަދި މިދިޔަ އާދިއްތަ ދުވަހުގެރޭ ވެސް ވަނީ ފުލުހުންގެ މަރުކަޒަށް ހާޒިރުކޮށް އެ މައްސަލައާ ގުޅޭ މަޢުލޫމާތު ނިލާމްގެ ފަރާތުން ސާފުކޮށްފަ އެވެ. އެކަމާ ގުޅިގެން ނިލާމަށް މިއަދު ސަން އިން ގުޅާލުމުން ވިދާޅުވީ ފުލުހުންގެ ހުރިހާ ސުވާލު ތަކަކަށް ޖަވާބުދީފައިވާނެ ކަމަށެވެ.

މިދިޔަ ބުދަ ދުވަހުގެ ރޭ ފުލުހުންގެ މަރުކަޒަށް ނިލާމް ހާޒިރުކުރުމުން ޤާނޫނީ ވަކީލެއްގެ ހާޒިރުގައި ވާހަކަދައްކަވަން ބޭނުން ފުޅުވާ ކަމަށް ނިލާމް ވިދާޅުވުމުން ޤާނޫނީ ވަކީލެއް ހަމަޖެއްސުމުގެ ފުރުސަތު އޭނާއަށް ދީފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ސިފައިންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިޔާ ނިލާމް ފުލުސް އޮފީހަށް ހާޒިރުކޮށް ސުވާލު ކުރަމުން އަންނަ މައްސަލައިގައި ފުލުހުން ބުނީ "ނިލާމާ ގުޅޭގޮތުން ފުލުހުން ބަލަމުންދާ މައްސަލައަކީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީ އަވަހާރަކޮށްލި މައްސަލައާއި ގުޅޭ ގޮތުން ހަގީގަތެއް ނެތް ވާހަކަތަކެއް ދައްކައި ކަމުގެ ހަގީގަތް ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތްކުރާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް،" ކަމަށެވެ.

ފުލުހުން ބުނީ ނިލާމްގެ މައްޗަށް ތުހުމަތު ކުރާ މައްސަލާގައި ފުލުސް އޮފީހަށް ހާޒިރުކޮށް މިހާތަނަށް ބެލި ބެލުމުން ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލި ހާދިސާއާ ގުޅޭ ގޮތުން މިހާތަނަށް ތަޙުގީގަށް ލިބިފައިވާ ހެކިތައް ނެތިދާފަދަ ނުވަތަ ހެކިތަކުގެ ބާރު ނެތިދާފަދަ ވާހަކަތަކެއް ވެސް ދައްކަވާފައިވާކަން ފުލުހުންގެ ތަޙުގީގަށް ހާމަވެފައިވާ ކަމަށެވެ. ނަމަވެސް އެ ވާހަކަ ތަކުގެ ތަފްސީލެއް ފުލުހުން ހާމަކޮށްފައެއް ނުވެ އެވެ.

ފުލުހުން ބުނީ އެމައްސަލަ ތަޙުގީގު ކުރަމުންދަނީ ނިލާމަށް ލިބިދޭންޖެހޭ ޤާނޫނީ ފުރުސަތުތައް ދީގެން ކަމަށެވެ.

އެކަމާ ގުޅިގެން ނިލާމްގެ ބަހެއް ހޯދާލުމަށް ގުޅިއިރު، އޭނާގެ ފޯނު ނިއްވާލާފައިވާތީ ނިލާމްގެ ބަހެއްވަނީ ލިބޭ ގޮތް ނުވެފަ އެވެ.

ފެބްރުއަރީ 7، 2012ގައި ވެރިކަން ބަދަލުވުމާ ގުޅިގެން މަޖިލީހަށް ހިއްސާ ކުރި މައުލޫމާތުތަކަކާ ގުޅިގެން ނިލާމް ސަސްޕެންޑްކޮށްފައި ވަނީ މިއަހަރު ޖެނުއަރީ މަހު އެވެ. އޮފީހަށް ނުކުމެވޭ ގޮތަށް ނިލާމް ސަސްޕެންޑް ކުރި ނަމަވެސް، އޭނާ ސަސްޕެންޝަންގައި ހުންނަވާތާ 11 މަސް ވެއްޖެ އެވެ.

އޭނާ ސަސްޕެންޑްކޮށްފައި ވަނީ އޮފީހަށް ނުކުމެވޭ ގޮތަށެވެ. ޑރ. އަފްރާޝިމް އަލީ މިދިޔަ އަހަރުގެ އޮކްޓޯބަރު ތިން ވަނަ ދުވަހުގެ ރޭ އަވަހާރަކޮށްލި މައްސަލައިގެ ޝަރީއަތް މިހާރު ވެސް ކޯޓުގައި ކުރިއަށްދާއިރު، ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ރާވައި އެކަމުގެ އަޑީގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމަށް ވެސް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވާފަ އެވެ.

އެ ހަތަރު މީހުންނަކީ ހ. ހިލްޓަން، އަޒުލީފް ރައޫފް 28، އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރި، މ. ޖަރީމާގެ އަބްދުﷲ ޖާވިދު 36، އާއި އޭނާގެ ބޭބެ ޝާހިން މުހައްމަދު 38، އަދި ލ. ގަން ތުނޑި، ނޫއަލި، އާދަމް ސަލާޙް 33 (ސްޕައި) އެވެ.