14 Nov 2013, 22:02
އިންޑޮނީޝިއާގައި މި މަހު ބާއްވާ 23 އަހަރުން ދަށުގެ މުބާރާތުގައި ވާދަކުރާ ރާއްޖޭގެ ޓީމަށް ކުޅުމުގެ ފުރުސަތު، ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)އާއި އަކްރަމް އަބްދުލްޣަނީ (އަކޫ)އާއި މުހައްމަދު އިމްރާން އަށް ލިބިއްޖެ އެވެ.
ގައުމީ ޓީމާ މިވަގުތު ހަވާލުވެހުރި ޓީމުގެ އެސިސްޓެންޓް ކޯޗް އަލީ ނާޝިދު (އޮގަރު އައްޔަ) މިރޭ "ސަން"އަށް ބުނީ، އިންޑޮނީޝިއާގައި ބާއްވާ 23 އަހަރުން ދަށުގެ މުބާރާތުގައި ގައުމީ ސީނިއާ ސްކޮޑްގެ ތިން ކުޅުންތެރިން ބައިވެރިކުރުމުގެ ފުރުސަތު ދީފައިވާ ކަމަށް އެ މުބާރާތް އިންތިޒާމްކުރާ ފަރާތުން ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއަށް އަންގާފައިވާ ކަމަށެވެ.
"އިންޑޮނީޝިއާގެ ފުޓްބޯޅައިގެ އިދާރާއިން މި ވަނީ މީގެ ތިން ދުވަސް ކުރިން އަޅުގަނޑުމެންނަށް އަންގާފައި، ސީނިއާ ޓީމުގެ ތިން ކުޅުންތެރިން 23 އަހަރުން ދަށުގެ ޓީމަށް ނެގިދާނެ ކަމަށް،" އައްޔަ ބުންޏެވެ. "އަޅުގަނޑުމެން ނިންމާފައި މިވަނީ، ދަގަނޑޭއާއި އަކުރަމް އަދި މާޒިޔާގެ ގޯލްކީޕަރު އިމްރާން ޓީމުގައި ހިމަނާގޮތަށް."
އުމުރު ހަމަވުމުގެ ސަބަބުން 23 އަހަރުން ދަށުގެ ޓީމަށް ކުޅުމުގެ ފުރުސަތު ގެއްލިފައިވާ ގައުމީ ޓީމްގެ އިތުރު ދެ ކުޅުންތެރިއަކަށް ވެސް ކުޅެވޭ ގޮތަށް މުބާރާތް އިންތިޒާމް ކުރާ ފަރާތުން މީގެ ކުރިން ވަނީ ހަމަޖައްސައި ދީފަ އެވެ. އެގޮތު މަހިންދަ ރާޖަޕަކްސަ މުބާރާތް ރާއްޖެ އަށް ކާމިޔާބުކޮށްދިން ޒުވާން ޓީމުގައި އޭރު ހިމެނުނު އެހެން ނަމަވެސް މިހާރު އުމުރު ހަމަވެފައިވާ މާޒިޔާގެ އަސަދުﷲ އަބްދުﷲ އާއި ބީޖީގެ ހަސަން އަދުހަމް (ސަޑޭ) އަށް ވެސް މުބާރާތުގައި ކުޅުމުގެ ފުރުސަތު ވަނީ ލިބިފަ އެވެ.
"އިންޑޮނީޝިއާގެ ފުޓްބޯޅަ މުބާރާތް އިންތިޒާމް ކުރާ ފަރާތުން އަޅުގަނޑުމެންނަށް އަންގާފައިވަނީ، އޮލިމްޕިކްސް މުބާރާތްތަކުގައި ކުޅުންތެރިން ބައިވެރިކުރާ އުސޫލުން މި މުބާރާތުގައި ވެސް ސީނިއާ ޓީމްގެ ތިން ކުޅުންތެރިއަކަށް ކުޅުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ ކަމަށް،" ގައުމީ ސީނިއާ ޓީމްގެ ކޯޗު ބުންޏެވެ.
ޒުވާން ޓީމުގެ ކޯޗު މުހައްމަދު ޝާޒްލީ (ޝާޒް) "ސަން"އަށް ބުނީ، ސީނިއާ ޓީމްގައި ހިމެނޭ ގިނަ ކުޅުންތެރިން ތަކަކަށް މުބާރާތުގައި ކުޅެވޭ ގޮތް ވުމަކީ ޓީމް ވަރުގަދަވެ ރަނގަޅު ނަތީޖާއެއް ނެރުމަށް ކުރާ އުންމީދަށް ލިބުނު އިތުރު ބާރެއް ކަމަށެވެ.
"ސީނިއާ ޓީމްގައި ހިމެނޭ މުހިއްމު ފަސް ކުޅުންތެރިން ކަމަށްވާ، އަސަދުﷲ، އަދުހަމް، ރިލްވާން ވަހީދު، މޫސާ ޔާމީން އަދި އަހްމަދު އިމާޒް (އާއްކޮ) މި ހުރިހާ ކުޅުންތެރިންނަށް ވެސް މި ޓީމަށް ކުޅެވޭނެ. މިއީ ވަރަށް ބޮޑު ހިތްހަމަ ޖެހުމެއް،" ޝާޒް ބުންޏެވެ. "23 އަހަރުން ދަށުގެ މި ޓީމުގައި ހިމެނޭ ގިނަ ކުޅުންތެރިންނަކީ، ކްލަބް ލެވެލްގައިވެސް ރަނގަޅު ފެންވަރެއްގައި ކުޅެ ތަޖްރިބާތަކެއް ލިބިފައި ތިބި ކުޅުންތެރިން. އެހެން ކަމުން މިއީ ޓީމްގައި ހިމެނޭ ޖޫނިއާ ކުޅުންތެރިންނަށްވެސް ލިބިގެންދާނޭ ވަރަށް ބޮޑު އިތުބާރެއް."
ޝާޒް ބުނީ މުބާރާތުގައި ރާއްޖެއިން ވާދަކުރާ ޓީމު އެކުލަވާލައި ފައިނަލް ސްކޮޑް މިމަހުގެ 16 ވަނަ ދުވަހު ހާމަކުރާނޭ ކަމަށެވެ.
"އަޅުގަނޑު މި ބަލަނީ މިމަހުގެ 16 ވަނަ ދުވަހާ ހަމައަށް ފައިނަލް ސްކޮޑް އެކުލަވާލައި ޓީމުގެ ކެޕްޓަނަކާއި ވައިސް ކެޕްޓަނެއް ވެސް ހަމަޖެއްސޭނޭ ކަމަށް،" 23 އަހަރުން ދަށުގެ ޓީމުގެ ކޯޗު ބުންޏެވެ.
މިމަހުގެ 20 އިން 24 އަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މުބާރާތުގައި އިންޑޮނީޝިއާ އާއި ރާއްޖޭގެ އިތުރުން ވާދަކުރާނީ، މިޔަންމާ އާއި ޕަޕުއާ ނިއުގިނީ އެވެ.
މުބާރާތުގައި ބައިވެރިވުމަށްޓަކައި 23 އަހަރުން ދަށުގެ ގައުމީ ޓީމް އިންޑޮނީޝިއާއަށް ފުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 18 ވަނަ ދުވަހުއެވެ.