14 Nov 2013, 20:01
ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު އެންޑޯސް ކުރައްވައި ތާއީދު ކުރައްވައިފި އެވެ.
ދިޓީވީ އަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވީ އެ މަނިކުފާނު ޔާމީން އެންޑޯސް ކުރެއްވީ، ޔާމީނާ އެކު ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވުމަށް ފަހު ޔާމީން ރަނގަޅަށް ދެނެވަޑައިގަންނަވާތީ ކަމަށެވެ.
ނަޝީދު، ޔާމީން އެންޑޯސް ކުރެއްވި ކަން ސަން އަށް ވެސް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ.
ނަޝީދު ވިދާޅުވީ އެ މަނިކުފާނު ޔާމީން އަށް ތާއީދު ކުރައްވާ އެއް ސަބަބަކީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް މުހައްމަދު ނަޝީދަކީ ކުރިން ވެރިކަން ކުރައްވާފައި ހުންނެވި ބޭފުޅަކަށް ވެފައި އެ ތަޖުރިބާ ރަނގަޅު ނުވުމުން ކަމަށެވެ. އަދި ޔާމީން އަށް ތާއީދު ކުރައްވަން ނިންމެވީ ޔާމީނަކީ އަލަށް ރާއްޖޭގެ އެންމެ މަތީ މަގާމަށް ވަޑައިގަތުމަށް މަސައްކަތް ކުރައްވާ ބޭފުޅަކަށްވާތީ އެ ބޭފުޅާ އެ މަގާމަށް ވަޑައިގެންފި ނަމަ ގައުމުގައި އުފެދިފައިވާ މައްސަލަތައް ހައްލު ކުރުމަށް އެ މަނިކުފާނަކީ ހައްލެއް ކަމަށް ގަބޫލު ކުރައްވާތީ ކަމަށެވެ.
ނަޝީދު ވިދާޅުވީ އެ މަނިކުފާނު ޔާމީނަށް ތާއީދު ކުރައްވާ އިރު، ޔާމީން ވެރިކަމަށް ވަޑައިގެންފި ނަމަ އެ މަނިކުފާނުގެ ކިބައިން އެދިވަޑައިގަންނަވާ ކަންތައްތަކެއް ވެސް ހުރި ކަމަށެވެ. އެގޮތުން ރާއްޖެ ބަލައިގެންފައިވާ ޑިމޮކްރެސީ ނަގަހައްޓައި ދަމަހައްޓަވައި ދެއްވުމަށް މަސައްކަތްކޮށްދެއްވުމާއި ޝަރުއީ ދާއިރާގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަށް މަސައްކަތްކޮށްދެއްވުމަށް އެދިވަދައިގަންނަވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު ވިދާޅުވީ ރާއްޖޭގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި އެ މައްސަލަތައް ހައްލުކުރުމަށް ރިޔާސީ ރޭހުގައި ތިއްބެވި ދެ ބޭފުޅުންގެ ތެރެއިން އެންމެ ރަނގަޅު ބޭފުޅަކީ ޔާމީން ކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތައް ހައްލުކޮށް ދެއްވުމަށް، ޔާމީން ވެރިކަމަށް ވަޑައިގެންފި ނަމަ، މަސައްކަތް ކޮށްދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ނަޝީދު ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުރި އިޖުތިމާއީ އިގްތިސާދީ އަދި ޒުވާނުންނާ ގުޅުން ހުރި މައްސަލަތައް ހައްލު ކުރެވޭނީ ގުޅިގެން މަސައްކަތްކޮށްގެން ކަމަށާއި ޔާމީން ވެރިކަމަށް ވަޑައިގެންފި ނަމަ އެކަންކަން، ގުޅިގެން ރަނގަޅު ކުރެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޔަގީން ކުރައްވާ ކަމަށެވެ.