14 Nov 2013, 15:59
ފަސޭހަކަމާއެކު 5-0 ލަނޑުގެ ތަފާތުބޮޑު ނަތީޖާއަކުން ޖޯޑަން ބަލިކޮށް އުރުގުއޭ 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގެ ޖާގައެއް ހޯދުމުގެ އުންމީދު އާކޮށްފި އެވެ.
ވޯލްޑްކަޕް ކޮލިފައިން ޕްލޭއޮފްގެ ފުރަތަމަ ލެގުގައި މިދެޓީމް ވާދަކުރި މެޗުގެ ފުރަތަމަ ލަނޑު އުރުގުއޭއަށް ކާމިޔާބުކޮށްދިނީ 22 ވަނަ މިނިޓްގައި މެކްސީ ޕެރެއިރާއެވެ. އެޓީމުގެ ދެވަނަ ލަނޑު ފުރަތަމަ ހާފް ނިމެން ކައިރިވެފައިވަނިކޮށް 42 ވަނަ މިނިޓްގައި ޖަހައިދިނީ ކްރިސްޓިއަން ސްޓުއާނީއެވެ.
ދެވަނަ ހާފްގެ ކުޅުން ފެށިގެން ޖޯޑަންގެ އަހްމަދު އިބްރާހީމްއަށް ލަނޑުޖަހާނޭ ރަނުގެ ފުރުސަތެއްވަނީ ގެއްލިފަ އެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން މެޗުގެ 70 ވަނަ މިނިޓުގައި އުރުގުއޭގެ ތިންވަނަ ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ނިކޮލަސް ލޮޑެއިރޯ އެވެ. އަދި އޭގެ ފަސް މިނިޓް ފަހުން ކްރިސްޓިއަން ރޮޑްރިގޭޒް ލަނޑެއް ކާމިޔާބުކޮށް ނަތީޖާ ޖޯޑަންގެ އަތްނުފޯރާފަށަށް ފުޅާކުރިއިރު އެޓީމްގެ ފަހު ލަނޑު މެޗުގެ އެންމެ ފަހު މިނިޓްގައި ކާމިޔާބުކޮށްދިނީ އެޑިސަން ކަވާނީ އެވެ.
ވޯލްޑް ކަޕް 1930އާއި، 1950ގައި ކާމިޔާބުކުރި އުރުގުއޭ އެންމެ ފަހުގެ ތިން ވޯލްޑްކަޕަށް ވެސް ވަނީ ޕްލޭއޮފް ކުޅެފަ އެވެ. އެގޮތުން 2002 ވަނަ އަހަރު އޮސްޓްރޭލިއާ ބަލިކޮށް މުބާރާތުން ޖާގައެއް ހޯދިއިރު 2006 ވަނަ އަހަރު އެޓީމްވަނީ އޮސްޓްރޭލިއާ އަތުން ބަލިވެ ކަޓާފަ އެވެ. އަދި 2010 ވަނަ އަހަރު އެޓީމް ވޯލްޑްކަޕަށް ކޮލިފައިވީ ކޮސްޓަރިކާ އަތުން މޮޅުވެގެންނެވެ.
ޕްލޭއޮފްގެ ދެވަނަ ލެގްގައި މި ދެޓީމް ވާދަކުރާ މެޗް ކުޅެން ހަމަޖެހިފައިވަނީ އަންނަ ބުދަދުވަހު އުރުގުއޭގެ ވެރިރަށް މޮންޓެވިޑިއޯގަ އެވެ.
މެޗަށް ފަހު އުރުގުއޭ ކޯޗު އޮސްކާ ތަބަރޭޒް ބުނީ، މި މެޗުން މޮޅުވުމުން ދެވަނަ ލެގްގައި ރަނގަޅު ނަތީޖާއެއް ނެރެވޭނޭ ކަމުގެ ޔަގީންކަން އާވެފައިވާ ކަމަށެވެ.
"އަންގާރަ ދުވަހު ދަނޑަށް ވަންނަ އެތަށް ހާސް ސަޕޯޓަރުން ހިތްހަމަ ޖައްސައި ދިނުމަށް އަހަރެމެން ކުޅޭނީ ހަމަ އެއް ފޯމޭޝަނަކަށް. އަހަންނަށް އެނގިފައިވާ ގޮތުގައި މިހާރުވެސް ވަނީ 60،000 ޓިކެޓް ވިކިފައި،" ތަބަރޭޒް ބުންޏެވެ.