މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމާމް އަހްމަދަށް ޚުލާސާ ބަޔާން ހުށަހެޅުމަށް އެންމެ ފަހު ފުރުސަތު ދީފި އެވެ.

މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވިދާޅުވީ ހުމާމްގެ ވަކީލު އާލާސްކަންފުޅާ އުޅުއްވާތީ މީގެކުރިން ދެފަހަރެއްގެ މަތިން ޝަރީއަތް ކެންސަލްކޮށްފައިވާ ކަމަށެވެ.

ގާޒީ ވިދާޅުވީ މިއަދު ވެސް އާލާސްކަންފުޅާ އުޅުއްވާ ކަމަށް ވިދާޅުވެ އޭނާގެ ގާނޫނީ ވަކީލު އަބްދުﷲ ހަސީންގެ މެޑިކަލް ސެޓްފިކެޓެއް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް އެއީ މުއްދަތު ހަމަވެފައި އޮތް ސެޓްފިކެޓެއް ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

އަންނަ ހަފްތާގެ ތެރޭގައި ޚުލާސާ ބަޔާން ހުށަހެޅުމަށް ޓަކައި އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށާއި އެދުވަހަކީ އެކަމަށް ދެވޭނެ އެންމެ ފަހު ފުރުސަތު ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ޝަރީއަތުގެ މަޖިލީހުގައި އިއުތިރާފުވުމަށް ފަހު ފަހުން ހުމާމް ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ.
ޑރ. އަފްރާޝީމް އަވަހަރާކޮށްލާފައި ވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00އާ ދެމެދުގެ ވަގުތެއްގައި އޭނާ ގެއަށް ވަދެވަޑައިގަންނަވަނިކޮށެވެ.

ތޫނު ހަތިޔާރުން ހަމަލާދީ ޑރ. އަފްރާޝީމް އަވަހަރާކޮށްލި ކަމުގެ ތުހުމަތުގައި ހުމާމްގެ އިތުރުން ދައުވާ ކޮށްފައި ވަނީ ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށެވެ.

ކޮމިޝަނަރު އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވެފައި ވަނީ ޑރ. އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ ބަޔަކަށް ހަތަރު މިލިއަން ރުފިޔާ ހުށަހަޅައިގެން ކަމަށެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް ރާވައި އެކަމުގެ އަޑީގައި ތިބި ކަމަށް ތުހުމަތު ކުރެވޭ ހަތަރު މީހުންގެ މައްޗަށް ދައުވާ ކުރުމަށް ވެސް ފުލުހުން ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފަ އެވެ.

އެ ހަތަރު މީހުންނަކީ ހ. ހިލްޓަން، އަޒުލީފް ރައޫފް 28، އާއި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު ރީކޯ މޫސާ މަނިކުގެ ދަނބިދަރި، މ. ޖަރީމާގެ އަބްދުﷲ ޖާވިދު 36، އާއި އޭނާގެ ބޭބެ ޝާހިން މުހައްމަދު 38، އަދި ލ. ގަން ތުނޑި، ނޫއަލި، އާދަމް ސަލާޙް 33 (ސްޕައި) އެވެ.