ޖޯސޭ މޮރީނިއޯގެ އެސިސްޓެންޓެއްގެ ގޮތުގައި ރެއާލް މެޑްރިޑްގައި މަސައްކަތްކުރި އެއިޓާ ކަރަންކާ، 40. އިނގިރޭސި ޗެމްޕިއަންޝިޕްގެ މިޑްލްސްބަރާގެ ކޯޗުކަމަށް ހަމަޖައްސައިފި އެވެ.

ކުރިން ކޯޗު ކަމުގެ އެއްވެސް ތަޖްރިބާއެއް ނެތް ނަމަވެސް މޮރީނިއޯއާއެކު ބާނަބިއުގައި ތިން އަހަރު މަސައްކަތް ކޮށްފައިވާ ކުރީގެ ސްޕެއިން ޑިފެންޑަރު މިޑްލްސްބަރާގެ ކޯޗުކަމާ ހަވާލުވީ 2016 ވަނަ އަހަރުގެ ނިޔަލަށެވެ.

"މިއީ އަހަންނަށް ވަރަށް އުފާވެރި ދުވަހެއް އަދި މިފަދަ ބޮޑު އަދި ވަސީލަތްތައް ގިނަ ޓީމަކާ ހަވާލުވާން ލިބުމުން ވަރަށް ހިތްހަމަޖެހޭ،" ކަރަންކާ ބީބީސީ އަށް ބުންނެވެ. "މިހާރު މިއޮތީ އަހަރެންގެ ވަގުތު ޖެހިފައި. އަހަރެން މިކަމަށް ތައްޔާރަށް މިހިރީ. އަހަރެން ވާނީ ޖޯސޭއާ އެކު ތިން އަހަރު މަސައްކަތްކޮށް ފައި އަދި އެ ތިން އަހަރު ދުވަހުގެ ތެރޭގައި އޭނާ ވަނީ އަހަންނަށް ވަރަށް ގިނަ ކަންތައްތަކެއް ދަސްކޮށްދީ އެހީތެރިވެދީފައި."

މީގެ ހަތް އަހަރު ކުރިން ޔުއެފާ ކަޕް ފައިނަލަށް ދަތުރުކުރި މިޑްލްބަރާ އެފަހަރު ސްޕެއިންގެ ސެވިއްޔާ އަތުން ބަލިވި މެޗަކީ، އެޓީމުގެ އޭރުގެ ކޯޗު ސްޓީވް މެކްލެރަން އިންގްލެންޑްގެ ކޯޗުކަމާ ހަވާލުވުމުގެ ކުރިން ކުޅުނު ފަހުމެޗެވެ. އޭގެ ފަހުން ގެރެތު ސައުތުގޭޓް އެޓީމުގެ ކޯޗްކަމާ ހަވާލުވެ ތިން އަހަރު ތެރޭގައި ޓީމްވަނީ ޗެމްޕިއަންޝިޕަށް ރެލިގޭޓް ވެފަ އެވެ. އެއަށް ފަހު ޓީމުގެ ކޯޗު ކަމާ ހަވާލުވި ދެކޯޗުން ކަމަށްވާ ގޯޑޮން ސްޓްރެޗަންއާއި ޓޯނީ މޯބްރޭއަށް ވެސް ޓީމް ޗެމްޕިއަންޝިޕަށް ވުރެ ކުރިއަކަށް ނުގެންދެވުނެވެ.

ކަރަންކާ ވެގެން ގޮސްފައިވަނީ މިހާރު ޗެމްޕއަންޝިޕް ތާވަލްގެ 16 ވަނައިގައި އޮތް މިޑްލްސްބަރާގެ ފުރަތަމަ ބިދޭސީ ކޯޗެވެ.